އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު
ބޭންކްގައި ހުރި އެކައުންޓްތަކުގައި މިލިއަނުން ފައިސާހުރެފައި ގޭގައި ހުރި ތިޖޫރީތައް ފުރިފައި ހުރިނަމަވެސް ނުފުދޭ ބައަކު އުޅޭނެއެވެ. އެކެއުމަކަށް އެންމެ ދިރުހަމެއް ޚަރަދުކުރަންޖެހޭ ކެއުން ލިބުމުންވެސް ހިތްޖެހުން ލިބިފައި ކެއުމަކަށް އެއްހާސް ދެހާސް ދިރުހަމް ޚަރަދުކުރަންޖެހޭ ކެއުން ލިބުމުންވެސް ހިތްހަމަނުޖެހޭ މީހުންވެސް އުޅޭނެއެވެ.
މިކަން މިވާ ގޮތަކާއިމެދު ވިސްނައިލަމާ ހިނގާށެވެ!
ބަރަކާތް ލައްވަވަނީ ﷲ ތައާލާއެވެ. ބަރަކާތް ލެއްވެވެވުމަކީ ތިބާ އެދޭ ނިޢްމަތެއް ތިބާއަށް ލިބި، ތިބާއަށް ފުދި އަދި އެނިޢްމަތެއް ތިބާއާއިއެކުގައިވުމެވެ. މީސްތަކުންނަށް މިއަދު މިވަނީ ބަރަކާތް ވެސް މިއުޅެނީ އޮޅިގެންނެވެ.
އެއްދުވަހަކު ޝައިޚަކު އޭނާއަށް ދެއްވަވާ ރިޒުޤްގައި ބަރަކާތް ލެއްވެވެވުން އެދި ދުޢާކުރައްވަނިކޮށް ޒުވާނަކަށް އަޑުއިވިގެން އައިސް ސުވާލުކުރިއެވެ. "ޝައިޚް އެވެ! ރިޒުޤަށް އެދިވަޑައިނުގެން ދެއްވަވާ ރިޒުޤުގައި ބަރަކާތް ލެއްވެވުން އެދި ދުޢާކުރައްވަނީ ކީއްވެގެންތޯއެވެ؟"
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. "ﷲ ތައާލާ ރިޒުޤް ދެއްވަވައެވެ. ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ދެއްވަވާނެ ރިޒްޤް ލިޔުއްވަވައިފައެވެ. ވީމާ ލިޔުއްވަވާފައިވާ މިންވަރަށް އަބަދުވެސް ލިބެމުންދާނެއެވެ. ﷲ ތަޢާލާ ރިޒުޤް ނުދެއްވަވާ އެއްވެސް މަޚްލޫޤެއް ނުވެއެވެ. ވީމާ ރިޒްޤް އަބަދުވެސް ދާނީ ލިބެމުންނެވެ.
މައްސަލައަކަށް ވަނީ ދެއްވަވާ ރިޒުޤްގައި ބަރަކާތް ލެއްވެވުމެވެ. ބަރަކާތް ލައްވަވައިފިނަމަ ދެއްވަވާ ރިޒުޤުން ފުދި އިތުރުވެސްވާނެއެވެ. ވީމާ އަހަރެމެން ދުޢާކުރަންވީ ދެއްވަވާ ރިޒުޤްގައި ބަރަކާތް ލެއްވެވުމަށެވެ.
ތަނަވަސްކަމުގައިވެސް އޮތީ ހަމަ އެގޮތެވެ. ކިތަންމެ ގިނައިން ފައިސާ އަތަށް އެރި ނަމަވެސް އެއިން ޙަޤީޤީ މަންފާއެއް ކުރާނީ އެއިގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ.
ދަރިން ލިބިދާނެއެވެ. ދަރިން ގެންގުޅެ ބޮޑުކުރެވިވެސްދާނެއެވެ. ނަމަވެސް ދަރިންނަކީ ހެޔޮ ލަފާބައެއް ކަމުގައިވެ ފައިދާކުރާނީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. ދަރިން ތަރުބިއްޔަތުކުރުމުގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ގޮތަށް ތަރުބިއްޔަތުކުރަންޖެހެނީ އެހެންވެގެންނެވެ.
މިމޭރުމުން ވިސްނައިފިނަމަ ﷲ ތަޢާލާ ކިތަންމެ ބޮޑު ނިޢްމަތެއް މިންވަރުކުރެއްވެވިނަމަވެސް އެކަމަކުން ފައިދާކުރާނީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. ވީމާ އަހަރެމެންނަށް އޮތީ ދެއްވަވާކޮންމެ ނިޢްމަތެއްގައިވެސް ބަރަކާތް ލެއްވެވުން އެދި ދުޢާކުރުމެވެ.
މީސްތަކުން މިއަދު މިވަނީ މިކަމަށް ޣާފިލުވެފައެވެ. މަސައްކަތްކުރަނީ ތަނަވަސްކަން ލިބިގަތުމަށެވެ. އެހެންވެސް ނިޢްމަތްތައް ހޯދުމަށެވެ. ނަމަވެސް އެއިގައި ބަރަކާތް ލައްވަވާނެ ގޮތަށް ކަންކަން ކުރަން މަސައްކަތް ނުކުރެވެނީއެވެ. އެކަމަށް އެދި ދުޢާނުކުރެވެނީއެވެ."
ވީމާ އެންމެ މުހިންމު ކަމަކީ ދެއްވަވާ ނިޢްމަތްތަކުގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރުމެވެ. ބަރަކާތް ލައްވަވާނެ ގޮތަށް އެމީހެއްގެ ޢަމަލުތައް ބެހެއްޓުމެވެ.
- ޝައިޚް މުޙައްމަދު އަލް ނަޤްވީގެ ދަރުސަކުން
Advertisement
19 މާޗް 2025