އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ފާފަކުރުމަށްފަހު މާހައުލާއި ވަށައިގެންވާ ކަންކަމާއި އެކުގައި އުޅޭ މީހުން ކުށްވެރިނުކުރާށެވެ! އަދި ޝައިޠޯނާވެސް ކުށްވެރިނުކުރާށެވެ! ފާފަކުރެވޭނީ އެމީހަކު އެކަމަށް ޝައުޤުވެރިވެ ފާފަކުރުމުންނެވެ. ފާފަކުރެވިދާނެ އެންމެހައި ކަންކަމުން ރައްކައުތެރިވުމަށް ﷲ ތަޢާލާވަނީ ގަދައަމުރުފުޅުން އަމުރުފުޅު ކުރައްވަވައިފައެވެ. އެއަމުރުފުޅަށް ބިރުވެތިވެގެން ނޫނީ ފާފަކުރުމުން ސަލާމަތެއް ނުވެވޭނެއެވެ.
ޝައިޠޯނުންގެ ކިބައިން އުނދަގުލެއް ފޯރައިފިނަމަ ގިނަ ބައަކަށް ވިސްނެނީ އެއީ ކޮންމެވެސް މީހަކު ކޮންމެވެސް ސިޙުރެއް ހެދުމުން މެދުވެރިވާ ކަމެއް ކަމަށެވެ. ޢާނއެކެވެ! ސިޙުރު ހެދުމުންވެސް އެކަން ކުރިމަތިވެދާނެއެވެ. ކުރިމަތިވެއެވެ.
އެއަށްވުރެ މާބޮޑު އެހެން ކަމެއް އެބައޮތެވެ. އެއީ ފާފަކުރަން ފެށުމުން އެމީހެއްގެ މައްޗަށް ﷲ ތަޢާލާ ޝައިޠޯނަކު ފާކުރައްވަވާ ކަމެވެ. ވީމާ އެފަދަ ކަމެއް ކުރިމަތިވާނަމަ ތިމާގެ ޢަމަލުތައް ހުންނަގޮތާއިމެދު ވިސްނައިލަންވާނެއެވެ.
ހެދުންލީ ނަމަވެސް އަޢުރަ ނިވާނުކުރުމާއި މަސްތުވުމާއި ފާހިޝް އަމަލުތައް ކުރުމާއި އެނޫންވެސް ފާފަތައް ކުރުމުގައި މީހަކު މަގުފުރެދިގެން ހިނގައްޖެނަމަ އޭނާގެ މައްޗަށް ޝައިޠޯނެއް ފާކުރައްވަވާނެތެވެ. "ﷲ ގެ މަތިން ހަނދުމަކުރުން ހުއްޓާލައި ފާފަތައް ކުރުމުގައި މަސްއޫލުވެއްޖެ މީހާގެ މައްޗަށް ޝައިޠޯނެއް (އޭނާގެ ބައިވެރިއަކުކަމުގައި) ފާކުރައްވަވާނެ"ކަން ޤުރްއާނުން އެނގެން އެބައޮތެވެ.
ފާފަކުރުން ގިނަކޮށް ﷲ ތަޢާލާގެ މަގުން އެއްކިބާވެފައިވާ މީހުންނާއި ޖިންނި އަވަލަނީ މީހަކު ކުރާކަމަކުންނޫނެވެ. އޭނާކުރާފާފަތަކުގެ ސަބަބުންނެވެ. އެކަން އަހަރެމެންގެ ދީނުން އަހަރެމެންނަށް އެނގެން އެބައޮތެވެ.
ފާފަކުރަން ފެށުމުން އޭނާ އެ ލިބިގަންނަނީ ޝައިޠޯނާގެ ލަޝްކަރުގެ ކޮމާންޑަރެއްގެ މަޤާމެވެ. ވީމާ އޭނާއަށް ޖިންނިއެއް ފާކުރުވަން އެހެން މީހަކަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ސިޙުރު ހަދާކަށްވެސް ނުޖެހެއެވެ. އެއީ އެމީހަކު އަމިއްލައަށް ލިބިގަންނަ ކަމެކެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
19 މާޗް 2025