އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
ޞިރާޠުމަގަކީ އިސްތަށްޓަކަށްވުރެ ހިމަ އަދި އެންމެ ތޫނު ކަނޑިއެއްގެ މިޔައަށްވުރެވެސް ހަނި މަގެކެވެ. އެހެންކަމާއިއެކުވެސް ޞިރާޠު މަގު ހުރަސްޖެހޭނެކަން މުސްލިމުން ޤަބޫލުކުރެއެވެ. ސުވާލަކީ އެކަމަށ އެބަ ތައްޔާރުވަމު ހެއްޔެވެ؟
މީސްތަކުންނޭވެ! އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. ކުރަންޖެހޭ ކަންކަން ވަރަށް ގިނައެވެ. އެކަންކަމުގެ ތެރެއިންވެސް ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ އެއް ކަމަކީ ޞިރާޠު މަގު ހުރަސްކުރަން މަސައްކަތްނުކުރާ އެކުވެރިންނާއި ގުޅިގެން އުޅެވޭ ކަމެވެ. އެކަމުގެ ސަބަބުން ޞިރާޠުމަގު ހުރަސްކުރަން ތިމާ ކިރަންޖެހޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ޤިޔާމަތް ދުވަހު ނުބައި އެކުވެރިންގެ ފަރާތުން ފެންނާނެ ކަންކަން ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްކަމަކީ ވީހާ ގިނަ އެކުވެރިން ގޮވައިގެން ނަރަކައަށް ވަންނަން މަސައްކަތްކުރާނެކަމެވެ.
ޞިރާޠުމަގު ހުރަސް ނުކުރެވޭ މީހުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ! "މިވެނި އެވެނި މީހާއަކީ ތިމަންނާ އާއިއެކު މިވެނި އެވެނި ފާފައެއް ކޮށް އުޅުނު މީހެކެވެ. މިއަޅާ ނަރަކައަށް ވައްދަވާއިރު އޭނާ ނަރަކައަށް ނުވައްދަވަނީތޯއެވެ؟ ނުވަތަ ނުވައްދަވަނީ ކީއްވެގެންތޯއެވެ؟
މިމައްސަލަ ކުރިމަތިވާ ސަބަބަކީ އެމީހުންނަކީ ފާފަތައް ކުރުމަށްފަހު ތައުބާ ނުވެތިއްބައި މަރުވާންޖެހުމުން ނަރަކައަށް ވަންނަން ޖެހުނު މީހުންނެވެ. އޭނާގެ އެކުވެރިންގެ ތެރެއިން ނަރަކައަށް ވަންނަން ނުޖެހޭނީ ކުރެވުނު ފާފަތަކަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުގައި ޘާބިތުވި މީހުންނަށެވެ. އެމީހުން ތައުބާވެ އެގޮތުގައި ޘާބިތުވުމުން ﷲ ތަޢާލާ އެމީހުންނަށް ރުހިވޮޑިގަތީއެވެ. ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވެއްދެވީއެވެ.
މީސްތަކުންނޭވެ! ﷲ ތަޢަލާގެ ދީނުގައި ޘާބިތުވެ ހުރެ ކުރިއަށް ދިއުމަށް ހުރަސް އަޅާ އެއްވެސް މީހަކާއި އެކުވެރިކަން ނުބާއްވާށެވެ! ކުރިން ކުރެވިފައިވާ ފާފަތަކަށް ވިސްނައި ކަންބޮޑުނުވެ އަވަހަށް ތައުބާވާށެވެ! އެއިރުން އެމީހަކަށް ސަލާމަތްކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލުމާތު: ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން
Advertisement
25 މާޗް 2025