އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
މިއަހަރުގެ ފުރަތަމަ 10 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 1.3 ބިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން މާރިޗު 13 އަށް ދައުލަތަށް ލިބުނު އާމްދަނީގެ ޖުމްލައަކީ 7.8 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސްގެ ގޮތުގައި 6.3 ބިލިޔަން ރުފިޔާ އަދި ޓެކްސް ނޫން ގޮތްގޮތުން 1.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެއިތުރުން، ހިލޭ އެހީގެ ގޮތުގައި 43.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ޚަރަދަކީ 6.5 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 7.8 ބިލިޔަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 16 އިންސައްތައިގެ ދަށް އަދަދެކެވެ.
ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ޚަރަދުތަކެވެ. އެގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި 6.1 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 428 މިލިޔަން ރުފިޔާ ހޭދަކުރެވިފައިވެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުން، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ދިމާއަކަށް ދާކަން ފާހަގަކުރެވެއެވެ. ޚަރަދުތައް ކުޑަކުރެވި، އާމްދަނީ އިތުރުކުރެވިފައިވުމަކީ ސަރުކާރުން މާލީ ހަރުދަނާކަން ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމުގައި ބެލެވެއެވެ.
Advertisement
26 މާޗް 2025