އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަމުނަމާދުކުރަން އޮތީ 2 ރަކްޢަތުން 2 ރަކްޢަތުންނެވެ. ގިނައިން ނުކުރެވޭނެނަމަ އެންމެ 2 ރަކްޢތް ނަމަވެސް ކުރާށެވެ! ކުރަންވާނީ ވަރަށް ލަސްލަހުންނެވެ. އަވަސްއަރުވާލައިގެން ނުކުރާށެވެ! ރޭ އަޅުކަމުގެ އެންމެ މުހިންމު ކަމަކީ ކިޔަމަންތެރިކަން އަދާކުރުމެވެ. ވީމާ އަވަސްއަރުވާލައިގެން ކުރުމުން ރޭއަޅުކަމުގެ މުހިންމުކަމާއި މަޤްޞަދުވެސް ގެއްލިގެންދަނީއެވެ. އެގޮތަށް އެކަން ނުކުރާށެވެ!
"ޔާ ﷲ! މިއަޅާ މިހުރީއެވެ! އިނބަ ﷲ އަށް ޢިޖާބަދީ ޙާޒިރުވެ މިހުރީއެވެ! ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ގެ ޙަޟްރަތުން ބޭނުންވާ ކަންކަން ވަރަށް ގިނައެވެ. ފުރަތަމަކަމަކަށް މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! މިއަޅާގެ ހިތް ޠޯހިރުކޮށް ދެއްވަވާނދޭވެ! އިނބަ ﷲ ގެ ދީންމަތީގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ!"
ރޭގަނޑުގެ 3 ބައިން ފަހު ބައަށް އެޅުމުން ހޭލައި ވުޟޫކޮށްގެން މިފަދައިން ދަންނަވާށެވެ! އެއިގެ ފަހުން ތިބާ ބޭނުންވާ ކަންކަން ވަކިވަކިވަކިން ދަންނަވަމުން ގެންދާށެވެ! ތިބާގެ ބޭނުންތައް ތިބާއަށް އެންމެ ފައިދާހުރި ވަޤުތު ޖެހުމުން ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ރޭގަނޑުގެ ފަހު ދަންފަޅީގެ މަތިވެރިކަމުގެ ވާހަކަ ހުރިހާ މުސްލިމުންވެސް ދައްކައެވެ. އެވަޤުތުކޮޅުގެ މަތިވެރިކަން ހުރިހާ މުސްލިމުންނަށްވެސް އެނގެއެވެ. ސުވާލަކީ އެކަމުގެ ވާހަކަދެއްކުމަކުން، ނުވަތަ އެކަން އެނގުމަކުން ފައިދާ ހޯދަން މަސައްކަތް ނުކުރާ މީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ރެއެއްވެސް މެދުކެނޑުމެއް ނެތި ކޮންމެ ރެއެއްގެ ފަހުދަންފަޅީގައި ބިމުގެ އުޑަށް ﷲ ތަޢާލާ ތަޖައްލީވެ ވޮޑިގެން މީސްތަކުންނަށް ދެއްވަވާ ދަޢުވަތު ޤަބޫލުކުރާށެވެ. "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމު އެދެނީ ކޮން އަޅުންނެއްތޯ" ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. އަދި އެދޭ ކަންކަން ފުއްދަވައި ދެއްވަވާނެ ކަމަށްވެސް ވަޙިކުރައްވަވަތެވެ.
އެވަރުންވެސް އަހަރެމެން ޢިޖާބައެއް ނުދެމުއެވެ. ގިނަ ބައަކު ނިދަނީވެސް ހޭލަންޖެހޭ ވަޤުތު ޖެހުމުންނެވެ. އެކަމަކުވެސް ޝަކުވާކުރަނީ ބޭނުންވާ ކަންކަން ނުފުދިގެންނެވެ. މިއީ ކޮން ގޮތަކުން ދެކޮޅު ޖެހޭނެ ކަމެއް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
28 މާޗް 2025