އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު
ކޮނެމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ އެމީހަކަށް ދެއްވަވާ ނިޢުމަތްތައް އިތުރުކޮށް ދެއްވެވުމެވެ. އެކަމަކު ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެ ކަމަށް އޮތް ވަޙީބަސްފުޅަށް ޢަމަލުކުރެވެނީ ހާދަ މަދު މީހަކަށެވެ. މިއީ ކޮންފަދަ ބޮޑު ހިތާމަހުރި ކަމެއް ހެއްޔެވެ؟
ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ ކޮބައިކަން ގިނަ ބައަކަށް މިއަދު މިވަނީ އޮޅިފައެވެ. އެހެންވެ އެއް ބައަކު ހީކުރަނީ މުދަލު ޒަކާތް ދެއްކުމުން ޝުކުރުވެރިވެވުނީ ކަމަށެވެ. އަނެއް ބައަކު ހީކުރަނީ ޢާއިލާގެ މީހަކަށް ޞަދަޤާތެއް ދިނުމުން ޝުކުރުވެރިވެވުނީ ކަމަށެވެ.
އާނއެކެވެ. އެހެރީވެސް ﷲ ތަޢާލާގެ ނިޢްމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރަންވީ ކަންކަމެވެ. އެހަނަސް އެއީ ތިބާގެ މައްޗަށް ފަރުޟުކުރައްވަވައި ވާޖިބު ކުރައްވަވާފައިވާ ކަންކަމެވެ. ވީމާ އެވަރަކުން ނުފުދޭނެއެވެ. ޖެހޭނީ ތަންކޮޅެއް ކުރިއަށް ޖެހިލާށެވެ!
"ފަހެ (ސުލައިމާންގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލަހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތް ފުޅުން، އިބަރަސްކަލާނގެ ޞާލިޙްއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!"
(އަންނަމްލް: 19)
ސުލައިމާންގެފާނު ކުރެއްވެވި މިދުޢާގައި " އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލަހާމް ކުރައްވާނދޭވެ!"
އޮތް އިރު "އިނބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢްމަތަށް ޝުކުރުކުރުމަށާއި،" މިފަދަ އިން އޮތީ ޝުކުރުވެރިވުމަކީ ބުނެވޭ ބަސްތަކަކުން ނިމޭނެ ކަމަކަށް ނުވެފައި ޢަމަލުން ކުރަންޖެހޭނެ ކަމަކަށްވާތީއެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ވީހައި ބޮޑަށް ކިޔަމަންޔތެރިވެގެން ހުރެ ވީހައި ގިނައިން އަޅުކަންކުރުމެވެ.
ވީމާ ސލައިމާންގެފާނު އެދިވަޑައިގެންފައި އެވަނީ ޝުކުރުވެރިވުން ފުރަހަމަ ކުރެވެވޭނެ މަގަށެވެ. އެއީ "އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލަހާމް ކުރައްވާނދޭވެ!" އޮތް ބަސްފުޅުންނެވެ. އަޅުކަންކުރުން ، ހެޔޮ ޢަމަލުކުރުން މިފަދަ ކޮންމެ ނަމެއް ކީކަމުގައިވީނަމަވެސް މިދެއްކެނީ އެކަމެއް ކުރުމުގެ ވާހަކައެވެ. ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ވާހަކައެވެ.
ވީމާ އަހުރެމެންނަށް އޮތީ ވީހައި ފުރިހަމައަށް އަޅުކަން ކުރެވޭނެ މަގު ފަހިކޮށް ދެއްވަވައި އެކަން ކުރާނެ ހިތްވަރު ދެއްވެވުން އެދި ދުޢާކުރުމެވެ. ﷲ ތަޢާލާއަށް ޥުކުރުވެރިވެވޭނީ ވީހައި ގިނައިން އަޅުކަންކޮށްގެން ކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
8 އޭޕްރީލް 2025