އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު
އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކަށް ނުތެދުވެވި އެނދުގައި އޮންނަން ޖެހޭތާ މިހާރު 2، 3 އަހަރުވެދާނެއެވެ. އޭނާއަކީވެސް ރަނގަޅު މީހެކެވެ. މިހާރުވެސް ނަމާދުވެސް ކުރެއެވެ. އެކަމަކުވެސް ބައްދަލުކުރަންދާއިރަށް އެގޮތަށް އޮންނަންޖެހޭކަމުގެ ޝަކުވާ ކުރެއެވެ. ވީމާ އޭނާއަށް ހިތްވަރުދޭން ނުވަތަ ވިސްނައިދޭން ކުރެވޭނެ ކަމެއް ބުނެބަލަ!
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެބާވަތުގެ ވާހަކަތައް ގިނައިން ދެއްކެނީ ނުވަތަ ދެއްކޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަނި އޮންނަން ޖެހުމުން އެކަނިވެރިކަން އިޙްޞާޞްކުރެވޭވަރު ބޮޑުވުމެވެ. ވީމާ އެގޮތަށް އެނދުމަތިވެފައި ތިބޭ މީހުން އެކަނިވުމަށް ދޫކޮށްނުލައި ފޫހިނުވާނެހެން އިރުއިރުކޮޅުން މީހަކު ބައްދަލުކޮށްލައި އަނގައިބުނެލުން ފަދަ ކަންކަން ކުރާނަމަ ވަރަށް ބޮޑަށް ހިތްވަރު އިތުރުވާނެއެވެ.
ތިރީގައިވާ ލިޔުމުގައިވާފަދަ ވާހަކަތައް ގިނަގިނައިން ކިޔައިދީ ހިތްވަރުދޭށެވެ!
ކަންކަން ދިމާވާ ގޮތުން ބަލިޙާލުގެ ސަބަބުން ނުތެދުވެވޭތަނުގައި އަމިއްލައަށް ފުރޮޅި ނުލެވޭ ޙާލުގައިވެސް އޮންނަން އެބަޖެހެއެވެ. އެހާލަތުގައި އޮންނަން ޖެހިފައިވާ ބައެއް މީހުން ވަރަށް ބޮޑަށް މާޔޫސްވެގެން އުޅެއެވެ. އެފަދަ މީހަކު އެނގޭނަމަ މިވާހަކަ އޭނާއަށް ކިޔައިލަދޭށެވެ! އަދި ތިބާވެސް މިވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ. ކޮންމެ މީހަކަށްވެސް ކޮންމެ ވަޤުތަކުވެސް މިފަދަ ޙާލަތެއް ކުރިމަތިވެދާނެތީއެވެ.
ބަލިހާލުގައި އެނދުމަތިވެފައި އޮންނަތާ އެތައް އަހަރެއް ފާއިތުވެފައިވާ ބަލިމީހަކަށް ޒިޔާރަތްކުރި ބަދަވީންގެ މީހަކު ބުންޏެވެ! "ރަހްމަތްތެރިޔާ ތިއަ ހާލުގައި އޮންނަތާ ހާދަހާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ތިއަހެން އޮންނަން ޖެހުމުން ހާދަ ފޫއްސެއްވެސް ވާނެތާއެވެ! ހީވަނީ މިހާރު ﷲ ރަޙްމަތްތެރިޔާގެ މަތިން ހަނދުމަފުޅުވެސް ނެތިއްޖެ ހެންނެވެ."
ޖަވާބުގައި ބަލި މީހާ ބުންޏެވެ! "ކަލެއަށް ތިއަ އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންނަށް މިހެން އޮންނަން ޖެހިފައި މިވަނީ އަހަރެން ވީއްލި ހުރިނަމަ ކުރެވިދާނެ ކިހައި ގިނަ، ބޮޑެތި ފާފަތަކުން ސަލާމަތްކޮށް ދެއްވެވުމުގެ ގޮތުން ނޫންކަން ކަލެއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންގެ ވިސްނުން ރަނގަޅެވެ. އެހެންވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވެއެވެ. ދޫ ސަލާމަތުން އެބަ އޮތެވެ. ޛިކްރު ކުރެވެއެވެ. ހިތް މައްޗަށް ގެނެސް (ހިތަށް އަރުވައިގެން) ނަމާދު ކުރެވެއެވެ. ދެން އަހަރެންނަށް މަދީ ކޮން ކަމެއް ހެއްޔެވެ؟ އިބިލީހުގެ އެޖެންޓަކަށް ހެދިގެން ތިއަބާވަތުގެ ވާހަކަތައް ދައްކަން ދެން މިގެއަށް ނާންނާށެވެ!"
މިޖަވާބުދިން މީހާއަކީ ހަށިގަނޑު ވާގި ނެތިފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އަމިއްލަ ހާލަށް ފުރޮޅިވެސް ނުލެވޭ މީހެކެވެ. މީހަކު ދީފިނަމަ ނޫނީ ކައި ބޮއި ވފެސް ނުހެދޭ މީހެކެވެ. އެހެނަސް އޭނާގެ ކުރިމަތީގައި ބަދަވީންގެ މީހާއަށް ޖެހުނީ ބަސް ހުސްވެ، ބުނާނެ އެއްޗެއް ނުއެނގިގެން މަޑުމަޑުން ހުންނާށެވެ! ކުޑަ އިރުކޮޅަކު މަޑުން ހުރުމަށްފަހު އެންމެފަހުން އޭނާ ވަނީ ބަލިމީހާގެ ކިބައިން މަޢާފަށް އެދިފައެވެ.
އެ ބަލިމީހާގެ ވިސްނުން އަހަރެމެން ގަދަވެ ސަލާމަތުން ތިބި މީހުންގެ ކިބައިގައި އެބަހުރިހެއްޔެވެ؟ ރަޙްމަތެއްގެ ގޮތުން ނޫނީ މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެކަން ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެމެން މިއަދު ބަލިކަށިވެ ނިކަމެތިވަމުން މިދަނީ އެ ބަލި މީހާގެ ކިބައިގައި ހުރި ފަދަ އީމާންކަމެއް ނެތުމުންނެވެ. އެފަދަ ބަލިހާލުގައިވެސް ބަދަވީގެ މައްޗަށް ބަލިމީހާއަށް ގަދަވެ ގަނެވުނީ ހަމަ އީމާންކަން ވަރުގަދަވުމުންނެވެ! އެއީ ހަމަ ކޮންމެ މީހަކަށްވެސް ހޯދެން އޮތް ފުރުޞަތެކެވެ. އެމީހާގެ މަސައްކަތުންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 އޭޕްރީލް 2025