އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު
އިސްލާމް ދީނަށް ބަލައިފިނަމަ އެދީނުގައިވާ ކޮންމެ ކަމަކީވެސް މީސްތަކުންނަށް ފައިދާކުރާނެ ކަންކަމެވެ. އިސްލާމް ދީނަށް ދެކޮޅުހަދާ ކޮންމެ މީހަކަށް އަހުރެން ގޮންޖަހަމެވެ. ގޮނަޖަހައި އަހުރެން މިބުނަނީ އިސްލާމް ދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކަމެއް ކުރުމުން އިންސާނުންނަށް ފައިދާނުކުރާނެ، އަދި ކިތަންމެ ކުޑަވިޔަސް ގެއްލުމެއް ލިބިދާނެ ހަމަ އެންމެ ކަމެއްވެސް ނިކަން ދައްކަބަލާށެވެ!
އަހުރެން މިހެން ބުނެ ގޮންޖަހާތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަކަށްވެސް ހަމަ އެންމެ ކަމެއްވެސް ނުދެއްކެއެވެ. ނުދެއްކޭތަނުގައި އިޢްތިރާފްވާންޖެހެނީ އިސްލާމް ދީނުގައި އެކަމެއް ނުކުރަން އަންގަވާފައިވާ ކަންކަން ނުކުރުމުން ކުރަނީ ފައިޑާ ކަމެވެ.
ދުނިޔޭގެ އެންމެ ގިނަ ބައަކު ކުރާ 2 ފާފައަކީ މަސްތުވުމާއި ފާޙިޝް ޢަމަލުތައް ކުރުމެވެ. މި 2 ކަންތައް ކުރުމުންވެސް ލިބެނީ ބޮޑެތި ގެއްލުންތައްކަމަށް މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. މާލީ މައްސަލަތައް ދިމާވެ ބަނގުރޫޓުވެއެވެ. އެއްވެސް ޝިފާއެއް ހޯދިފައި ނުވާ ބޮޑެތި ބަލިތައް ޖެހެއެވެ. ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ގެއްލިގެންދެއެވެ. ދިރިއުޅުން ބަނގުރޫޓުވެއެވެ. އަދި ކީއްހެއްޔެވެ؟ ޢުމުރު ކުރުވެއެވެ.
މިކަންކަމުގެ ވާހަކަ ދައްކަނީ ހަމައެކަނި މުސްލިމް ޢިލްމްވެރިންނެއް ނޫނެވެ. ބުއްދި ސަލާމަތުން ތިބި ކާފިރުންވެސް އެގެންދަނީ ކެނޑިނޭޅި ދައްކަމުންނެވެ.
ކައިވެނިތައް ރޫޅި ދިރިއުޅުން ބަނގުރޫޓުވަމުންދާ އެންމެ ބޮޑު ސަބަބަކީ މި 2 ފާފަކުރުންކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިހެން ބުނީމާ ބައެއް މީހުން ބުނަނީ އެންމެ ގިނަ ކައިވެނިތައް ރޫޅެނީ ބައިވެރިޔާ ބޭވަފާތެރިވުމުން ކަމަށެވެ. އެމީހުންނަށް އަހުރެންދޭ ރައްދަކީ ބޭވަފާތެރިވެގެން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ފާޙިޝް ޢަމަލުތައް ނޫންހެއްޔެވެ؟
ކުރުކޮށްލާފައި ބުނަމެވެ. މަސްތުވުމާއި ފާޙިޝް ޢަމަލުތައް ކުރުން ހުއްޓައިލާށެވެ! ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ 90 އިންސައްތަ ޙައްލުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
15 އޭޕްރީލް 2025