އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު
ސުންނަތް ރޯދައެއް ނަމަވެސް ރޯދައަށް ހުންނަ ގަޑީގައްޔާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގިނަގިނައިން ދުޢާ ކުރަންވާނެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.
"يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ"
މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ".
އަދިވެސް ޙަދީޘް ކުރައްވައެވެ. "إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ"
މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.
ރޯދަ އަށް ހުންނަ ގަޑީގައްޔާއި ރޯދަވިއްލާ ގަޑީގައި ދުޢާ ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރޯދަވިއްލާގަޑީގައި ކުރާ ދުޢާ އަކީ އިޖާބަ ކުރައްވާނެ ދުޢާ އެއްކަންވެސް ބަޔާންކޮށްދެއްވާފައިވެއެވެ. މާތް ﷲ އަޅުގަޑުމެންނަށް އަންގަވާފައިވަނީ ދުޢާ ކުރުމަށެވެ. އެކަލާނގެ އެދުޢާ އިޖާބަ ކުރައްވާނެކަންވެސް އަންގަވާފައިވެއެވެ. ސޫރަތު ޣާފިރުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.
(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) މާނައަކީ: "ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހް އަންގަވައެވެ. ތިޔަބައިމީހުން ތިމަން ﷲ ގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. ތިމަން ﷲ އެދުޢާ އިޖާބަކުރައްވާ ހުށީމެވެ".
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
16 އޭޕްރީލް 2025