އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރަން އެދުމުން އެކަމަށް ދެކޮޅުހެދި ތަޤްވާވެރިއެއްގެ ބޮލުގަ ޒިނޭގެ ތުހުމަތު އެޅުވި އަންހެނެއްގެ އަނގަ ބަންދުވި ގޮތުގެ ވާހަކަ-

ޒިނޭކުރަން އެދުމުން އެކަމަށް ދެކޮޅުހެދި ތަޤްވާވެރިއެއްގެ ބޮލުގަ ޒިނޭގެ ތުހުމަތު އެޅުވި އަންހެނެއްގެ އަނގަ ބަންދުވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

އެއީ ފަޤީރުންގެ އަވަށެވެ. އެއަވަށަށް ދިއަ ދަތުރުވެރިއެކެވެ. އެއީ ވަރަށް ތަޤްވާވެރި މީހެކެވެ. ނަމާދުކުރަނީވެސް ވަރަށް ފުރިހަމައަށެވެ. ޤުރްއާން ކިޔަވަނީވެސް ވަރަށް ރިވެތިކޮށެވެ. އެހެންވެ އަވަށުގެ އެންމެން އޭނާއަށް ވަރަށް ރުހުނެވެ.  

އޭނާ ޤުރްޢާން ކިޔަވަން ފަށައިފިނަމަ އަވަށުގެ ގިނަ ބައަކު އެއްވެ އަޑުއަހައެވެ. އެގޮތުން ގޮސްއުޅުނު އަންހެނަކު އޭނާގެ މައްޗަށް ޝައުޤުވެރިވެ އޭނާ އާއިއެކު ޒިނޭކުރަން އެދުނެވެ. ނަމަވެސް ޢޭނާކުރީ އިންކާރެވެ.  

އެވަރުންވެސް އަންހެން މީހާ އޭނާ ދޫކޮށެއް ނުލިއެވެ. މަސައްކަތްކުރަމުން ދިއައީ އޭނާގެ ކިބައިން ބަދަލުހިފުމަށެވެ. އެހެންވެ މީހަކާއި ޒިނޭކޮށް ބަލިވެ އިނުމުން އެކަން އެޅުވީ އެތަޤްވާވެރިޔާގެ ބޮލުގައެވެ. އެކަން ޤަބޫލުކުރަން މީސްތަކުންނަށް އުނދަގޫވިނަމަވެސް އިންޞާފު ޤާއިމުކުރަން ފަނޑިޔާރުގެ ކުރިމައްޗަށް ގެންދެވުނެވެ.  

ޝަރީޢަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް އެއަންހެން މީހާއާއެކު ޒިނޭކުރި މީހާ އެތަނަށް ގޮސް ބުންޏެވެ. "ޢިއްޒަތްތެރި ފަނޑިޔާރުއެވެ. މިއަންހެން މީހާ އެހަދަނީ ބޮޑު ދޮގެކެވެ. އޭނާގެ ބަނޑުގައި އެއޮތީ އަޅުގަނޑުގެ ދަރިއެކެވެ. ދެއްވާނެ އަދަބެއް އަޅުގަނޑަށް ދެއްވާށެވެ! އަދަބު ދެއްވާނެކަންވެސް އެނގެއެވެ. އަނިޔާ ލިބޭނެކަންވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑަށް ކުރެވިފައިވާ ކުށެއްގެ އަދަބު ކުށެއް ނުކުރާ މީހަކަށް ލިބޭތަން ދެކެން ކުޅަދާނައެއް ނޫނެވެ. އަދަބު ލިބޭނެކަން އެނގިހުރެ އަމިއްލައަށް ފަޟީޙަތް މިވީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުންނެވެ."  

އެހިސާބުން ފަނޑިޔާރު އަންހެން މީހާއާއި ސުވާލުކުރެއްވުމުން އަންހެން މީހާއަށް ޖަވާބެއް ނުދެވުނެވެ. ވާހަކަ ދައްކަން އުޅުއުޅެވެސް ވާހަކައެއް ނުދެއްކުނެވެ. އަނގަބަންދުވެފައި އިނީއެވެ. 

ފަނޑިޔާރު ޙުކުމް އިއްވެވީ ވިހައި ގަދަވެ ކުއްޖާއަށް 2 އަހަރުވުމުން 2 މީހުންވެސް ފަނޑިޔާރުގެއަށް އައުމަށެވެ.  

ދެން މިކިޔައިދެނީ އެންމެ މުހިންމު ބައެވެ. ޒިނާކުރި ފިރިހެން މީހާ ފަހުން ކިޔައިދިނެވެ. އެއިގެ 3 ރޭ ކުރިން އޭނާއަށް ބިރުވެރި ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އޭނާއަށް ބުނެވުނީ މި މައްސަލަ މިގޮތަށް ފަނޑިޔާރުގެއަށް ހުށަހެޅޭނެ ކަމަށާއި ޙައްޤުބަސް ބުނެ ތެދުބަޔާން ދިނުމަށެވެ. ދެން ފެނުނީ ނަރަކައެވެ. ނަރަކައަށް އޭނާ އެއްލައިލެވޭތަނެވެ. އެހެންވެ ގަތް ބިރުން ކުރެވުނު ފާފައަސް ތައުބާވެ ޙައްޤުބަސްބުނީ ކަމަށެވެ. ދުނިޔޭގައި ލިބޭ އަދަބަށްވުރެ ނަރަކައިގެ ޢަޛާބަށް ބިރުވެތިވީ ކަމަށެވެ.   

މީސްތަކުންނޭވެ! މިހުންނަނީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. ޒިނޭކުރުމާއި ކައިރިވެސް ނުވާށެވެ! އަދި ޒިނޭކުރެވުނަސް ޒިނޭގެ ދަރިއަކަށް ބަލިވެއިނަސް އެކަން ނުކުރާ މީހެއްގެ ބޮލުގައި ނުއަޅުވާށެވެ! ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ! ތައުބާވެ ހެޔޮ ޢަމަލުކޮށް ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

--ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް