އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުން އަންހެނަކު ވެއްޓުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގަވައިފިއެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިޔާ ލިބުނު ފަރާތުގެ ޒާތީ މައުލޫމާތާއި، ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފައިވަނީ އެފަރާތުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ. އަދި މިފަދަ މައުލޫމާތުތައް އާންމު ނުކުރުމަށް ފުލުހުންނަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކުރައްވާފައިވަނީ، މި މައްސަލައިގައި ހާޒިރުކުރެވުނު ބައެއް މީހުން މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވޭއިރު، އެ ފަރާތްތަކުން ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، އެކަން ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް އަންގާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި އެއްވެސް އޮފިސަރެއްގެ އިހުމާލެއް ނުވަތަ އިޖުރާއަތާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ޕީޖީ އޮފީހުން ވަނީ އަންގަވާފައެވެ. އަދި މި މައްސަލައާ ގުޅިގެން އާންމުން ހުށަހަޅަމުންދާ ޝަކުވާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޕީޖީ އޮފީހުން ވަނީ ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި އާންމު ރައްޔިތުންވެސް، މައްސަލައިގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވαރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.
Advertisement
26 އޭޕްރީލް 2025