އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ޤުރުއާނުގެ ޢިލްމު ފެތުރުމަށް ފެށި މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަދީފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މި ކިލާސްތައް މިހާރުވެސް ރާއްޖޭގެ 29 އަށްވުރެ ގިނަ ރަށުގެ މިސްކިތްތަކުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި މަޢުލޫމާތުގައި، ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މި ތަންތަނުގެ ތެރެއިން ގިނަ ތަންތަނުގައި ކިލާސްތައް މިހާރު ވަނީ ފެށިފައެވެ.
ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި، އިސްލާމް ދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ރަށްރަށުގައި ޤުރުއާން ކިޔަވައިދެއްވަން ބޭނުންވާ އިމާމުން ގިނަކަމަށާއި، ނަމަވެސް އެ އިމާމުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުމެވެ. މި ކިލާސްތަކަކީ އެ އިމާމުންނަށް ފުރުޞަތު ފަހިވެގެންދާނެ ކިލާސްތަކަކަށް ވާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މީގެއިތުރުން، ކިލާސް ހިންގުމަށް ޝައުޤުވެރިވެ ގިނަ ފަރާތްތަކަކުން އެކަމުގެ ހުއްދައަށް އެދެމުންދާކަންވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
Advertisement
27 އޭޕްރީލް 2025