އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު ކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މި ވާހަކަ ވިދާޅުވެފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ "ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރި ކުރަން ޖެހޭ" ކަމަށެވެ. އަދި "މާދަމާ ދިވެހި ޤައުމީ ނަވައިގެން ނިޔާމަ ދަތުރެއް ކުރެވޭނެ ޤާބިލްކަމާއި ހިތްވަރު އެކުދިންނަށް ލިބޭނީ މިއަދު އަޅުގަނޑުމެން އެކަމަށް މަސައްކަތް ކޮށްދީގެން" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ރައީސް ޑރ.މުޢިއްޒު ވަނީ ދިވެހި ލޮބުވެތި ކުޑަކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ކުޑަކުދީންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" އެވެ. މި ޝިޢާރުގެ ދަށުން، ކުޑަކުދިންގެ އުފާވެރިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ.މުޢިއްޒުގެ މި ބަސްފުޅުތަކުން، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ. އަދި ކުރިމަގުގައި ދިވެހި ކުދިންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް މިހާރުން މިހާރަށް މަސައްކަތްކުރަން ޖެހޭކަންވެސް ފާހަގަކުރެވެއެވެ.
Advertisement
10 މެއި 2025