އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިތުރި ކުރެވެން އޮތް އެންމެ ލުއިގޮތް-

ވިތުރި ކުރެވެން އޮތް އެންމެ ލުއިގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 6 ސިކުންތު

ރޯދަމަހުގެ ތަރާވީޙް ނަމާދު ކުރި މީހުން އިމާމާއިއެކު ވިތުރިކުރިނަމަވެސް ރޯދަމަސް ނިމުމުން ގިނަބައަކު ވަނީ ވިތުރިކުރުން ހުއްޓާލައިފައެވެ. ސަބަބަކީ އެކަނި ކުރުން އެއީ ބުރަކަމެއްގެ ގޮތުގައި ވިސްނޭތީކަމަސްވެސްވެދާނެއެވެ. އެހެންވެ މިގެނެސްދެނީ ވިތުރި އާއިމެދު އެނގުން މުހިންމު ކަންކަމާއި އަދި އެކަނިހުރެ ވިތުރި ކުރެވޭނެ ލުއިފަސޭހަ ގޮތެވެ.  

ވިތުރި: 

ވިތުރިއަކީ ﷲ އަށް ކުއްތަން ވުމުގެގޮތުން ކުރެވޭ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. އެހެންކަމުން ޙަނަފީމަޛްހަބުގައި ވިތުރިއަކީ ވާޖިބެކެވެ. އެހެންނަމަވެސް އޭގެ އެންމެ ރަގަޅުގޮތަކީ ވިތުރި އަކީ ވާޖިބެއް ނޫންކަމާއި އެއީ ގަދަވެގެންވާ ސުންނަތެއްކަމެވެ. ކޮންމެ މުސްލިމަކުވެސް އެނަމާދަށް ރައްކާތެރިވުމަށް ގަދައަޅައިމަސައްކަތް ކުރަންވާނެއެވެ. 

އިމާމު އަޙްމަދު ވިދާޅުވެފައިވެއެވެ: "ވިތުރި ދޫކޮށްލައިފިމީހަކީ ހެކިބަސް ގަބޫލު ނުކުރެވޭ ވަރުގެ ގޯސް މީހެކެވެ". 

ވިތުރީގެ ވަގުތު:  

ޢިޝާ ނަމާދު ކުރުމުން އެއޮތީ ވިތުރީގެ ވަގުތު ވަދެފައެވެ. މަޣްރިބާއި ޢިޝާ އިސްކޮށް ޖަމްޢުކޮށް ކުރިނަމަވެސްއެވެ.ފަޖުރު ލުމާއި ހަމައަށް ވިތުރީގެ ވަގުތު ދެމިގެންވެއެވެ.ރަސޫލުﷲ-ޞައްލަﷲޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.  

(إِنَّ اللَّهَ قَدْ أَمَدَّكُمْ بِصَلاةٍ وهي الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلاةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ) رواه الترمذي،

މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ވަގުތު ދެމިގެންވާނަމާދެއް ލައްވައިފިއެވެ. އެއީ ވިތުރިއެވެ. ޢިޝާ ނަމާދުން އަވަދިވީއްސުރެފަޖުރުލުމަށް ދާންދެން ވިތުރީގެ ވަގުތު ދެމިގެންވެއެވެ". 

ކުރަން އެންމެ ރަނގަޅު ވަޤުތު: 

ވިތުރިކުރަން އެންމެ ރަނގަޅީ ކޮން ވަޤުތެއް؟ ރަގަޅީ ވަގުތުގެ ކުރީކޮޅުގައި ކުރުންތޯ ނުވަތަ ފަހުބައިގައި ކުރުންތޯ؟ 

ރޭގަނޑު ދަމުނަމާދު ކުރުމަށްނިޔަތް ގަންފައިވާ މީހާ އަށް މާތްކަން ބޮޑުވެގެންވަނީ ވިތުރިލަސްކޮށްލުމެވެ. ސަބަބަކީ ވިތުރި އަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދުކަމަށްވީތީއެވެ. ނަމަވެސް ދަމުނަމާދަށް ނުތެދުވެވިދާނެ ކަމުގެ ބިރު އޮތްމީހާގެ ޙައްގުގައި ވިތުރީގެ އެންމެ ރަގަޅު ވަގުތަކީ ނިދުމުގެ ކުރިންކުރުމެވެ.  

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ. (مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ  ) رواه مسلم 

މާނައަކީ: "ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތްމީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެމާތް ނަމާދެވެ". 

ވިތުރީގެ އެންމެ މަދު މިންވަރު: 

ވިތުރީގެ އެންމެ މަދު މިންވަރަކީރަކްޢަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވެއެވެ. (الْوِتْرُ رَكْعَةٌ مِنْ آخِرِ اللَّيْلِ) رواه مسلم

މާނައަކީ: "ވިތުރި އަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ރަކްޢަތެކެވެ”. 

އެހެން ޙަދީޘެއްގައިވެއެވެ. (صَلاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى) رواه البخاري (911) ومسلم (749)،

މާނައަކީ: "ރޭގަނޑުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވަގުތުވެދާނެކަމަށް ބިރު ހީވުމުން ވިތުރީގެ އެއްރަކްޢަތް ކުރާހުށި ކަމެވެ" .ވިތުރީގެ އެއް ރަކްޢަތް ކުރިޔަސްވެސް ރަގަޅެވެ. އަދި ތިން ރަކްޢަތާއިފަސްރަކްޢަތް އަދި ހަތް ރަކްޢަތް އަދި ނުވަ ރަކްޢަތްވެސް ކުރެވިދާނެއެވެ. 

ވިތުރީގައި ތިން ރަކްޢަތް ކުރާނަމަ މަޝްރޫޢު ދެގޮތެއްވެއެވެ. އެއީ:

ފުރަތަމަ ގޮތަކީ: ތިންރަކްޢަތްއެއްކޮށް އެއް އައްތަޙިއްޔާތަކުން ކުރުމެވެ. ދަލީލަކީ ޢާއިޝަތުގެފާނުގެރިވާޔަތެވެ. (كان يوتر بثلاث لا يقعد إلا في آخرهن) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ އަލައިހި ވަސައްލަމަ ވިތުރީގައި ތިން ރަކްޢަތްކުރައްވައެވެ. އޭގެ އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއްނުގަންނަވައެވެ".

ދެވަނަ ގޮތަކީ: ދެރަކްޢަތްކޮށްފައި ސަލާމް ދިނުމެވެ. އެއަށްފަހު ތިންވަނަ ރަކްޢަތް ވަކިން ކުރުމެވެ. لما ورد عن ابن عمر رضي الله عنهما : أنه كان يفصل بين شفعه ووتره بتسليمة ، وأخبر أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يفعل ذلك)

މާނައަކީ: އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ.އެކަލޭގެފާނު ވިތުރީގައި ދެރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމްދެއްވައެވެ. އަދި ތިންވަނަ ރަކްޢަތް ވަކިން ކުރައްވައެވެ، މިއީ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތެއްކަމުގައި އިބްނު ޢުމަރު -ރަޟިޔަﷲޢަންހު-ވިދާޅުވެއެވެ'. 

ނަމަވެސް ވިތްރީގައި ފަސް ރަކްޢަތް ނުވަތަ ހަތް ރަކްޢަތް ކުރާނަމަ ހުރިހާ ރަކްޢަތެއް ނިމިގެން އެއް ފަހަރުއައްތަޙިއްޔާތު ކިޔާނީ އެވެ. އެދެމެދުގައި އައްތަޙިއްޔާތެއް (މެދުއައްތަޙިއްޔާތެއް) ނާންނާނެއެވެ. 

لما روت عائشة رضي الله عنها قالت : كان رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي من الليل ثلاث عشرة ركعة يوتر من ذلك بخمس لا يجلس في شيء إلا في آخرها) 

މާނައަކީ: ޢާއިޝާ ރަޟިޔަﷲޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރޭގަނޑުގެ ނަމާދުގައިރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތޭރަ ރަކްޢަތް ކުރައްވައެވެ. އޭގެތެރެއިން ފަސްރަކްޢަތަކީ ވިތުރިއެވެ. އެދެމެދުގައި އެންމެ ފަހުރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ". އެބަހީ: ފަސްވަނަރަކްޢަތުގައި މެނުވީ އައްތަޙިއްޔާތު ވިދާޅެއް ނުވެއެވެ. 

ވިތުރީގައި ނުވަ ރަކްޢަތް ކުރާނަމަފުރަތަމަ އަށް ރަކްޢަތް ކުރާނީ މެދުކެނޑުމެއް ނެތިއެވެ. މާނައަކީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމްދިނުމެއް ނުވަތަ އައްތަޙިއްޔާތަށް އިށީނުމެއް ނެތިއެވެ. އައްތަޙިއްޔާތަށް އިށީންނާނީ އަށްވަނަރަކްޢަތުގައެވެ. އެއަށްފަހު ތެދުވެ ނުވަވަނަ ރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމް ދޭނީއެވެ. 

ވިތުރީގައި އެގާރަ ރަކްޢަތްކުރާނަމަ ކޮންމެ ދެރަކްޢަތަކުން ސަލާމްދޭން ޖެހޭނެއެވެ. އަދި އެންމެ ފަހުންއެއް ރަކްޢަތް ވަކިން ކުރަން ޖެހޭނެއެވެ. 

ވިތުރީގައި ކިޔަވަން އެންމެއައުލާކަން ބޮޑު ސޫރަތްތަކަކީ ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށްފަހުގައި ސޫރަތުލް އަޢްލާ. ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށްފަހުގައި ކާފިރޫން ސޫރަތް އަދި ތިންވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށްފަހުގައި އިޚްލާޞް ސޫރަތެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް