އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
ނިމި ދިޔަ އަހަރެކޭ އެއްފަދައިން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައަޅައިފިއެވެ.
ބަހާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި އަހަރު އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހޮވުނު ރަށްރަށަކީ މި ހަރަކާތައް ޝައުޤުވެރިކަން ފައުޅުކޮށް, ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވާ ރަށްރަށެވެ
އެ ގޮތުން އެންމެ މަތިން ޕޮއިންޓް ލިބި, 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ.
ބަހާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މީގެ އިތުރަށް ހުޅުމާލޭގައި ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަކޮށް ވަރަށް ޝައުޤުވެރި ހަރަކާތްތަކެއް ކުރިޔަށް ދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މި ފަދަ ކޮންމެ ކުލަގަދަ ޢީދަކީ ވެސް އިސްލާމީވަންތަ، އަދި ދިވެހީންގެ މުއްސަނދި ސަގާފަތް ދިރުވައި އާލާކުރެވޭ, ދިވެހީންގެ މެދުގައިވާ އެއްބައެއްވަންތަ ވިސްނުން ތަރައްޤީ ކުރާނޭ އުފާވެރި އިޙްތިފާލުތަކަށް ހެދުމެވެ.
އެގޮތުން މި އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ނިންމާފައިވާ ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތްތައް ވިލަރެސްކުރުމުގައި މި މިންގަނޑުން ބަލާނޭ ކަމުގައި ބަހާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ހަބަރު: ސަރުކާރު
Advertisement
16 މެއި 2025