އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާ ގޮވައިގެން ބާޒާރަށްގޮސް ހެދޭ ބޮޑު ދެގޯސް އިސްލާޙްކުރަން ޖެހޭ!

އަނބިމީހާ ގޮވައިގެން ބާޒާރަށްގޮސް ހެދޭ ބޮޑު ދެގޯސް އިސްލާޙްކުރަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އަހުރެންގެ ވާހަކަ ފަށާނީ މީގެ 2،3 ދުވަސްކުރިން އަހުރެންގެ ކުރިމަތީގައި ހިނގި ކަމަކުންނެވެ.

އޭނާއަކީ އަހުރެންނަށް ރަނގަޅަށް އެނގޭ މީހެކެވެ. މާރުކޭޓްތަކުން ޢާންމުކޮށް ބައްދަލުވާ މީހެކެވެ. އެރޭ އަހުރެން މީހަކާއިއެކު އަމީނީމަގު ޓީވީ މޯލްޑިވްސް ކައިރީ މިހުންނަ މާރުކޭޓުގައި ހުއްޓައި އޭނާގެ އަނބިމީހާ ގޮވައިގެން އެތަނަށް ވަދެ ރާއްޖޭ ކުދިބަރަބޯ ގަތީ ކިލޯއެއް 40 ރުފިޔާއަށެވެ. އެދުވަހު ދަތުރުވެރިންގެ މާރުކޭޓުގައި ހަމައެބަރަބޯ ކިލޯއެއް 20 ރުފިޔާއަށާއި 25 ރުފިޔާއަށް ވިއްކަންހުރިކަން ޢޭނާއަށް ރަނގަޅަށް އެނގޭނެއެވެ.

އަދި ދަތުރުވެރިންގެ މާރުކޭޓުގައި 50 ރުފިޔާއަށް ވިއްކަންހުރި ފުސްކެޔޮ ކިލޯއެއް ގަތީ ކިލޯއެއް 100 ރުފިޔާއަށެވެ. އަގު އެނގިހުރެގެންނެވެ.

އޭނާއަކީ ފުދި އިތުރުވެގެން އުޅޭ ފެންވަރުގެ މީހެއް ނޫންކަން އަހުރެންނަށް ރަނގަޅަށް އެނގެއެވެ. މިފަދަ އެތައް ބައަކާއި ބަދަލުވާތީ މިވާހަކަ ދައްކާލަން މަޖުބޫރުވަނީއެވެ.

މިވާހަކަ އަނބިންގޮވައިގެން ބާޒާރުކުރުމުން މިފަށާ ސަބަބަކީ ބައެއް މީހުން އެމީހުންގެ އަނބިން ގޮވައިގެން ގޮސް ބާޒާރުކުރާއިރު ކަންކަންކުރާ ގޮތާއި ތިމާ އެކަނި ގޮސް ބާޒާރުކުރާ ގޮތާއި ތަފާތުކުރާތީއެވެ. އެކަނިގޮސް ބާޒާރުކުރާނަމަ އަގުހެޔޮކުރުވަން، ނުވަތަ އަގުހެޔޮތަނަކުން ބާޒާރުކުރަން ސަމާލުކަންދީފައި އަނބިން ގޮވައިގެން ގޮސްބާޒާރުކުރާއިރު އެކަމަށް ސަމާލުކަން ނުދޭތީއެވެ.

މިކަންމެދުވެރިވާ އެއް ސަބަބަކީ އަނބިމީހާ ގޮވައިގެން ގޮސް އުޅޭ ވަޤުތު މަދުކުރަން ކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ އެއީ ހެދޭ ބޮޑު ގޯހެކެވެ. އަނެއް ސަބަބަކީ ދެއްކުންތެރިކަން ކަމުގައިވާނަމަ އެއީވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ބައެއް ފިރިން އެމީހުންގެ އަނބިން ގޮވައިގެން ފިހާރަތަކާއި މާރުކޭޓުތަކަށް ގޮސް ކިޔާހައި އަގަކަށް ތަކެތިގަތުމަކީ ކުރާކަމެކެވެ. އެއީ މޮޅުކަމެއްކަމަށް ދެކުނު ނަމަވެސް އެއީ އެއްވެސް މޮޅުކަމެއް އަދި ސަޅިކަމެއްވެސް ނޫނެވެ. އަތުގައި ކިތަންމެ ގިނައިން ފައިސާހުރިނަމަވެސް މެއެވެ.

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ދިރިއުޅުމެއް އުޅެވެން އޮތީ ވަރަށް ގިނަ ޚަރަދުތައްކޮށްގެންނެވެ. އެކަންކަމަށް ފައިސާ ބޭނުންވެއެވެ. މުހިންމީ އެކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ރައްކައުކޮށްފައި ބެހެއްޓުމެވެ.

ފަހަރެއްގައި އެގޮތަށް އެޚަރަދުކުރަނީ ފައިސާ ލިބޭލެއް ފަސޭހަކަމުންކަމަށްވެދާނެއެވެ. ނުވަތަ ގިނަކަމުންކަމަށްވެސް ވެދާނެއެވެ. އެހެނަސް ކަމުގެ ޙަޤީޤަތަށްބަލައިފިނަމަ ގިނަބައަކަށް އަބަދުވެސް އުޅެން މިޖެހެނީ އަތުގައި ފައިސާ މަދުވެގެންނެވެ. މިއަދު ތަނަވަސްކަމުގައި އުޅޭ ގިނަ މީހުން މާދަމާ އުޅެންޖެހެނީ ޚަރަދުކުރާނެ ފައިސާ އަތުގައި ނެތިގެންނެވެ.

މީހަކު ބުންޏެވެ. "އަހަރެން ހަމަ ހައިރާނަވަމެވެ. ބާޒާރުމަތީ މާރުކޭޓާއި އެއްގަމު މާރުކޭޓުގެ އަގުތައް އެހައި ތަފާތުއިރުވެސް އަދި އެއް މާރުކޭޓުގައި ވެސް ވަރަށް ތަފާތު އަގުތަކުގައި ތަކެތި ވިއްކާއިރުވެސް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި މީހުން ތަކެތި ގަނެއެވެ. އެގޮތަށް ގިނައިން ގަންނަނީ އަނބިން ގޮވައިގެންދާ މީހުންނެވެ. ދެވަނަ ތަނަކުން އަގުބަލައިލުމަކީ ލަދުގަންނަކަމަކަށް ވަނީކަމަށްވެދާނެއެވެ! މިއަދުވެސް އަހަރެން 35 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ދޮންކެޔޮ އަރިއެއް ގަނެގެން ހުއްޓައި ހަމައެފެންވަރުގެ ކެޔޮ މީހަކު 55 ރުފިޔާއަށް ގަތީ އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ."

މިފަދަ ކަންކަމަށް ވިސްނައިލުމަކީ މުހިންމުކަމެކެވެ. އެންމެ ރުފިޔާއެއް އަގުހެޔޮކޮށް ގަނެވުނު ނަމަވެސް ޢާއިލާއަށް ކުރަންޖެހޭ އެހެން ޚަރަދުތައް ކުރަން ފައިސާ އިތުރުވާނެތީއެވެ.

--ސަމީރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް