އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ޝުކުރުއަދާކުރައްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އަބަދުވެސް ދެއްވަމުން ގެންދާ އެހީތެރިކަމާއި، ޚާއްސަކޮށް ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާފާއެވެ.
އެގޮތުން ކީރިތި ޤުރްޢާން އާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ދީނީ ކަންކަމާ ގުޅޭގޮތުން މިހާރު ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރުވެސް ރަނގަޅަށް ކީރިތި ޤުރްޢާން ކިޔަވަން ނޭނގޭ ކަމަށެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން އެފަރާތްތަކަށް ކީރިތި ޤުރްޢާން އުގަންނައިދެވޭނެ ފުރުސަތު ލިބިގެންދާ ކަމަށާއި އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޮސްތަކާއި ޕްރޮގްރާމްތަކުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ފަހުމްނާމާ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ މިއަދު ސޮއިކުރެވުނު މި ފަހުމްނާމާއަކީ، ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުން ރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުގައި ކުރެވުނު ކަމެއްކަމަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ބޭފުޅުންނަށް ކީރިތި ޤުރްޢާން އުގަންނައިދިނުމަށްޓަކައި އެ މަރުކަޒުން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
އަދި އެ މަރުކަޒުން ހިންގާ އެންމެހާ ކޯސްތަކާއި ހިފްޒް ކްލާސްތަކާއި އެކި ޕްރޮގްރާމްތައް އިންޝާ ﷲ މުސްތަޤްބަލުގައި ޖަލުތަކުގައި ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު
Advertisement
21 މެއި 2025