އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 4 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ރަސޫލާ ﷺ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެންމެ ލޮބުވެތި އަޅާއެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދިގު ރޭތަކުގައި ނަމާދުކުރެއްވުމަށްފަހުވެސް ﷲގެ ޙަޟްރަތުން ފާފަފުއްސެވުން އެދިވަޑައިގަންނަވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުވާލަކު މަދުވެގެން 100 ފަހަރު ﷲގެ ޙަޟްރަތުން ފާފަފުއްސެވުން އެދެމެވެ."
2. އިސްތިޣުފާރުގެ ބާވަތްތައް:
އިސްތިޣުފާރު ކުރެވިދާނެ ގޮތްތައް ތަފާތެވެ. މިސާލަކަށް:
- أستغفر الله "އަސްތަޣުފިރުﷲ" ކިޔުން
- أستغفر الله و أتوب اليه"އަސްތަޣުފިރުﷲ ވަ އަތޫބު އިލައިހި" ކިޔުން
- رب اغفر لي "ރައްބިޣްފިރްލީ" ކިޔުން
3. އިސްތިޣުފާރުގެ މަތިވެރި ނަތީޖާ:
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: أستغفر الله العظيم الذي لا إله إلا هو الحي القيوم وأتوب إليه،
"މާތްވެގެންވާ މަތިވެރި ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާ، އަބަދުމެ ދިރިދެމިވޮޑިގެންވާ، ހުރިހާ ކަމެއް ހިންގަވާ ރައްބުގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދަންނަވަމެވެ. އަދި އެ އިލާހުގެ ޙަޟްރަތަށް ތައުބާވަމެވެ."
މި އިސްތިޣުފާރު ކިޔާ މީހާއަށް، އޭނާ މުސްލިމުންގެ ހަނގުރާމައިގެ ސަފުން ފިލައިގެން ދިޔަ މީހަކު ކަމުގައި ވިޔަސް ﷲ ފާފަފުއްސަވާނެއެވެ. އަދި އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
4. މަޖިލިސް ނިމުމުގެ އިސްތިޣުފާރު:
މަޖިލީހެއް ނިމުމުން سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك"
(އޭ ﷲއެވެ! އިބަރަސްކަލާނގެއަށް ހުސްޠާހިރުވަންތަކަމާއި ޙަމްދު ލިބިވޮޑިގެންވެއެވެ. އިބަރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމަށް އަހުރެން ހެކިވަމެވެ. އިބަރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތަށް ތައުބާވަމެވެ.) މި އިސްތިޣުފާރު ކިޔައިފިނަމަ، އެ މަޖިލީހުގައި ދެކެވުނު އެއްވެސް ނުބައި ވާހަކައެއް ފުއްސެވޭނެއެވެ.
5. ސައްޔިދުލް އިސްތިޣުފާރު:
اللهمَّ أَنْتَ رَبِّي لا إِلَهَ إلا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي، فَاغْفِرْ لِي؛ فَإِنَّهُ لا يَغْفِرُ الذُّنُوبَ إلا أَنْتَ
މާނައީ: "އޭ ﷲއެވެ! އިބަރަސްކަލާނގެއީ އަހުރެންގެ ވެރިރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ އަހުރެން ހެއްދެވިއެވެ. އަދި އަހުރެންނަކީ އިބަރަސްކަލާނގެ އަޅެކެވެ. އަދި އަހުރެން ކުޅަދާނަވީ މިންވަރަކުން އިބަރަސްކަލާނގެއާ ދެމެދު ވެވުނު ޢަހުދާއި ވަޢުދުގައި ދެމިހުރީމެވެ. އަހުރެން ކުރި ނުބައި ޢަމަލުތަކުގެ ނުބައިކަމުން އިބަރަސްކަލާނގެ ޙަޟްރަތުގައި ރައްކާތެރިކަން އެދެމެވެ. އަހުރެންގެ މައްޗަށް އިބަރަސްކަލާނގެ ދެއްވި ނިޢުމަތްތަކަށް އިޤްރާރުވަމެވެ. އަދި އަހުރެންގެ ފާފަތަކަށްވެސް އިޤްރާރުވަމެވެ. ފަހެ، އަހުރެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެ ފިޔަވައި ފާފަ ފުއްސަވާނެ ފަރާތެއް ނުވެއެވެ."
އެންމެ މާތްވެގެންވާ އިސްތިޣުފާރަކީ ސައްޔިދުލް އިސްތިޣުފާރެވެ. އެއީ "އައްލާހުއްމަ އަންތަ ރައްބީ..." މި އިސްތިޣުފާރެވެ. މި އިސްތިޣުފާރު ހެނދުނު ނުވަތަ ހަވީރު ކިޔައި، އެ ދުވަހު ނުވަތަ އެ ރޭ މަރުވެއްޖެނަމަ، އެމީހަކީ ޖަންނަތުގެ އަހުލުވެރިންގެ ތެރެއިން މީހެކެވެ.
6. އިސްތިޣުފާރު ކުރަންވީ ވަގުތުތައް:
- ފާފައެއް ކުރުމަށްފަހު
- ފާފައެއް ކުރަން ވިސްނައިފިނަމަ ނުވަތަ ހިތައް އެރުމުން
- ކަންބޮޑުވުމެއް ކުރިމަތިވެއްޖެނަމަ
7. އިސްތިޣުފާރުގެ ފައިދާތައް:
- ކޮންމެ ދަތިކަމަކުން ނުކުމެވޭނެ މަގެއް ލިބުން
- ކޮންމެ ކަންބޮޑުވުމަކުން ސަލާމަތްކަން ލިބުން
- ހީވެސް ނުކުރާފަދަ ގޮތަކުން ރިޒުޤު ލިބުން
- ހިތުގެ އަނދިރިކަން ފިލުވައިދިނުން
- ހުރިހާ ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް ފިލުވައިދިނުން
- އެންމެ ފުރިހަމަ ފަރާތާ (ﷲ އާ) ގުޅުވައިދިނުން
8. އިސްތިޣުފާރުގެ މުހިންމުކަން:
ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ: "ބައެއްފަހަރު އަހަރެންގެ ހިތުގައި އަނދިރިކަމެއް އިޙްސާސްވެއެވެ. އަހަރެންގެ ހިތުގައި ނިވާއެއް އެޅިފައިވާ ކަހަލައެވެ. އެހެންކަމުން އަހަރެން ދުވާލަކު 100 ފަހަރު އިސްތިޣުފާރު ކުރަމެވެ." މިއިން އަޅުގަނޑުމެންނަށް އެނގެނީ އިސްތިޣުފާރަކީ ރޫޙާނީ އަދި މާނަވީ ދިރުމެއް ގެނެސްދޭ ކަމެއްކަމެވެ.
9. ނިންމުން:
އިސްތިޣުފާރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަބަދުވެސް ކުރަމުން ގެންދަންވީ ކަމެކެވެ. އެއީ އަޅުގަނޑުމެންނަކީ އުނިކަން ހުންނަ ބައެއްކަން ޤަބޫލުކޮށް، އެންމެ ފުރިހަމަ ފަރާތް ކަމުގައިވާ ﷲ އާ ގުޅުން ބަދަހިކުރުމުގެ ވަސީލަތެކެވެ. އިސްތިޣުފާރުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުމާއި، ދިރިއުޅުމަށް ބަރަކާތް ލިބި، ﷲ ގެ ރުއްސެވުން ލިބިގެންދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް އިސްތިޣުފާރުގައި ދެމިތިބޭ، އެކަލާނގެ ރުއްސެވުން ލިބިގެންވާ އަޅުތަކުންގެ ތެރެއިން ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.
Advertisement
22 މެއި 2025