އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
ކ. ހުރާގައި އޭޓީއެމްގެ ޚިދުމަތް ފެށައިފިއެވެ. މިއާއެކު މާލެ އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ނެތް އެންމެ ފަހު ރަށްވެސް މި ޚިދުމަތާ ގުޅިފައިވެއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
ކ. ހުރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 32 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފައްޓާފައިވާ ކަމަށެވެ.
"މާލެއާއި ސިޓީތައް ފިޔަވައި އެހެން ރަށްތަކުގައި މިއަހަރު މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މުޢާމަލާތް އޭޓީއެމްތައް މެދުވެރިކޮށް ކުރެވިފައިވޭ. މިގޮތުން މިއަހަރު 1.45 ބިލިއަން ރުފިޔާ ޖަމާކުރެވިފައިވާއިރު، ހަމައެކަނި ނިމުނު ދެ ހަފްތާގައި 160 މިލިއަން ރުފިޔާ ޖަމާކުރެވިފައިވޭ،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ބޭންކިންގ ނިޒާމަށް ވަންނަ ފައިސާ ކަމަށާއި، މި ބަދަލުތަކާއެކު ބޭންކުން އާންމުންނަށް ދޫކުރާ ލޯނު ސްކީމްތަކާއި އިތުރު ފައިނޭންސިންގ ފެސިލިޓީތައްވެސް ފުޅާކޮށްފައިވާ ކަމަށެވެ.
ކ. ހުރާގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، އަދި ކައިރީގައިވާ ރިސޯޓުތަކަށްވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތެއް ކަމަށް ބެލެވެއެވެ. މިއާއެކު މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ލިބެން ފަށާފައިވާކަން ފާހަގަކުރެވެއެވެ.
Advertisement
22 މެއި 2025