އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢީދު ޚުޠުބާ: ޙައްޖުގެ ހުރިހާ އަޅުކަމަކީވެސް އަމިއްލަ ދިރިއުޅުމުގަ ޢަމަލުކުރަން އޮތްގޮތަށް މަގުދައްކައިޑޭ ދަންމަރެއް!

ޢީދު ޚުޠުބާ: ޙައްޖުގެ ހުރިހާ އަޅުކަމަކީވެސް އަމިއްލަ ދިރިއުޅުމުގަ ޢަމަލުކުރަން އޮތްގޮތަށް މަގުދައްކައިޑޭ ދަންމަރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 20 ސިކުންތު

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއަދަކީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ. މިއީ الله تَبَارَك وَتَعَالى އެ ދުވަހަކަށް يَوْمُ الْحَجِّ اْلأَكْبَرِގެ ނަމުން ނަން ދެއްވައިފައިވާ ދުވަހެވެ. އެއީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި އަދާކުރާތީއެވެ. މި އަދު ޙައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެތެވެ. އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނެތެވެ. އަދި ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނެތެވެ. މާތްالله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!" 

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއީ ޙައްޖުގެ އެންމެ ބޮޑު ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެކެވެ. ޙައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާ އިރު މި އަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތް اللهއަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުޟުހިޔާ ކަތިލާނެއެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.  

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭށެވެ. ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރެވެ. ކޮންމެ ހުކުރު ދުވަހަކު ޤާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާޢަތެއް ފެނެއެވެ. ޢީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެނެއެވެ. ދެން ފެންނަނީ ޙައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެކެވެ. އެހެންކަމުން ޙައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެކެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ. 

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޙައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތަކެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާއެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ.  --- މާނައީ: "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު دُعَاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މި ކަން) قَبُوْلُ ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މާތް اللهގެ އަމުރުފުޅަށް މި ގެފުޅު  ބިނާކުރައްވައި، ތައުޙީދަށް ގޮވައިލެއްވީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. އިސްލާމް ދީނުގެ ރޫޙު ކަމުގައިވާ ތައުޙީދުގެ ރަމްޒަކީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. إِبْرَاهِيْم عَلَيْهِ السَّلَام، اللهއަށް ޓަކައި އެ ކަލޭގެފާނުގެ ވަޠަން ދޫކުރައްވައި ހިޖުރަކުރެއްވިއެވެ. ތައުޙީދަށް ޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ނުރައްކާތަކަށް ހުށަހެޅުނެވެ. އެކަލޭގެފާނު އަލިފާނަށް އެއްލައިލެވުނެވެ. މާތް اللهގެ ދަޢުވަތަށް ޓަކައި އެކަލޭގެފާނު އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުޙީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގަތެވެ. إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވިއެވެ. އެ ޙާދިސާ ބަޔާންކުރައްވައި، މާތްالله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ!" މި ހިނދު އިސްމާޢީލުގެފާނު ދެންނެވީ ކީކޭތޯއެވެ! --- މާނައީ: "އޭ ބައްޕާއެވެ! ކަލޭގެފާނަށް الله އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! الله އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ." އިސްމާޢީލުގެފާނު މި ތާނގައި މާތްގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތީއެވެ. ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީއެވެ. ބަފައިކަލުން، ދަރިކަލުން ޤުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވިއެވެ. ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ޚަބަރު އަތުވެއްޖެއެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ---[1] މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ." މި އިމްތިޙާނުގެ މަޤްޞަދަކީ إِسْمَاعِيْلُ عَلَيْهِ السَّلَام ޤުރްބާން ކުރެއްވުމެއް ނޫނެވެ. މާތް اللهގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުމެވެ. ކޮންމެ ކަމަކަށް މާތް الله އަމުރުކުރެއްވިޔަސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު، ތަންފީޒު ކުރައްވާނެކަން ދެއްކެވުމެވެ. إِسْمَاعِيْلُ عَلَيْهِ السَّلَام ސަލާމަތްވެވަޑައިގަތީ، މާތް ބާވައިލެއްވި ފިދުޔައަކުންނެވެ. މި ޢީދުގައި އުޟްޙިޔާ ކަތިލުން ޝަރްޢުކުރެވިފައި ވަނީ މިހެންވެގެންނެވެ. އުޟްޙިޔާއަށް ކަތިލެވޭނީ ނަޢަމް ސޫފީގެތެރެއިން އެއްޗެކެވެ. ގެރި ބަކަރި ޖަމަލުފަދަ ތަކެއްޗެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ އިތުރުވެގެންވަނީ އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ކެއުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރީންނަށް ހަދިޔާކުރުމެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ. 

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! إِسْمَاعِيْلُ عَلَيْهِ السَّلَام ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެކެވެ. މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެކެވެ. އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަމެވެ. މިއަދު އަހަރެމެންގެ ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވެއެވެ. އަހަރެމެންގެ ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދާން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހަދާށެވެ!

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މިއަދު ޢީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން ޢިބުރަތް ޙާޞިލުކުރާން ޖެހެއެވެ. އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެކެވެ. އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާ zގެ އެންގެވުންތަކާ ދުރުހެލިވުމެވެ. ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމެވެ. ކީރިތި ރަސޫލާ zގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯއެވެ! އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫނެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫނެވެ. އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުންނެވެ. اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ،  اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، وَلِلَّهِ الْحَمْدُ.

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މާތް الله ޙައްޖާއި ޢީދު ޝަރުޢުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައެވެ. 

އެއަށްފަހު ދަންނާށެވެ! މުސްލިމް އަޚުންނާއި އުޚުތުންނޭވެ!  ތިޔަބައިމީހުން މާތް اللهއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ! މި ޢީދުން އައު ޞަފުޙާއެއް ހުޅުވައިލައި، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާށެވެ! އެއިރުން މުސްލިމުން ޢިއްޒަތްތެރި ބަޔަކަށް ވާނެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---[2] މާނައީ: "ޢިއްޒަތްވަނީ، اللهއަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ." މި ޢިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ، ދީނުގެ އަސާސުތަކުގައި ހިފައިގެން، ބައިބައިނުވެ، އުންމަތުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށް ޓަކައި އެއްގަލަކަށް އަރައިގެންނެވެ. މުސްލިމުންނަށް ލިބިފައިވާ ކާމިޔާބުތަކުގެ ސަބަބަކަށްވެފައި ވަނީ އެ ބައިމީހުންގެ އެއްބައިވަންތަކަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި اللهއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރައިރުންނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ކެތްތެރީންނާއެކުގައެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު