އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ޙާޞިލްކޮށް ލައިބާ އަޙްމަދު މަޚްލޫފަށް ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް އަދި ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، "ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް" ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތައް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ "އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ތިން ރަން މެޑަލް ހާސިލްކޮށްފައެވެ. އޭނާ ރަން މެޑަލް ހާސިލް ކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ.
މިކަމާގުޅިގެން ލައިބާގެ ބައްޕަ، ކުރީގެ ޔޫތްމިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކަކީ ލައިބާއަށާއި އެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ހިތްވަރެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި ރައީސް މުޢިއްޒަށާއި ކުޅިވަރާބެހޭ ވަޒީރު ރާފިއުއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މަޚްލޫފް އިތުރަށް ވިދާޅުވެފައިވަނީ، "اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތްކުރާނަން" ކަމަށެވެ.
ލައިބާ އަޙްމަދު މަޚްލޫފްގެ މި ކާމިޔާބީއަކީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ލައިބާ ދިވެހިރާއްޖެ އަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވާ ރައީސް މަރުޙަބާ ވިދާޅުވިކަމީ ލައިބާ އަށް އަދި އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް އަދި ހިތްވަރެއް.
— Ahmed Mahloof (@AhmedMahloof) June 8, 2025
ބައިނަލްއަޤުވާމީ މުބާރާތްތަކާއި އަދި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ… https://t.co/tSJnjdThkL
Advertisement
8 ޖޫން 2025