އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިނައިގަތުމުގަ އޮތް 2 މިންގަނޑު-

ހިނައިގަތުމުގަ އޮތް 2 މިންގަނޑު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 7 ސިކުންތު

ހިނައިގަތުމާއިބެހޭ ގޮތުން ގިނަ ބައަކަށް އެނގެނީ ވަރަށް ކުޑަ މިންވަރެކެވެ. ކުރިން އެވާހަދަ ދެއްކުމާއި އުނގަންނައިދިނުން ވެފައި އޮންނަނީ ލަދުވެތިކަމަކަށެވެ. މިހާރު އެއީ ގިނަ ބައަކަށް މާމުހިންމު ކަމަކަށް ނުވެއެވެ. ޤައުމީ މަންހަޖުގެ ތެރެއިންވެސް ގިނަ ސްކޫލްތަކުގައި އުނގަންނަިދެނީ ވަރަށް ކުޑަކުޑަ މިންވަރަކަށެވެ.  އެހެންވެ އިތުރަށް އުނގެނެން ބޭނުންވެލައްވައި ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ މިގެނެސްދެނީވެސް މުހިންމު މައުލޫމާތުތަކެއް ހިމެނިގެންވާ ލިޔުމެވެ.  

ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ: ފުދޭ މިންވަރާއި، ފުރިހަމަ މިވަރެވެ. 

ފުދޭމިންވަރަކީ ހިނައިގަތުމުގެ ސުންނަތްތައް ފިޔަވައި، ވާޖިބު ހުރިހާ ކަމެއް ފުރިހަމަ ކުރުމެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ޝާމިލްވާ ގޮތަށް ގަޔަށް ފެންއެޅުމެވެ. މީގެ ތެރޭގައި އަގަޔަށް ފެންލުމާއި ނޭފަތަށް ފެންލުންވެސް ހިމެނިގެންވެއެވެ. 

ފުރިހަމަ މިންވަރަކީ:

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވިގޮތަށް ކުރުމެވެ. އެގޮތުން ފުރަތަމަ ދެއަތްތިލަ ދޮވެފައި، ކުރިމަތީފަރާތާއި މަނީގެ އަޘަރުކޮށްފައި ހުރިތަންތަން ދޮވެ ސާފުކޮށްލާނީއެވެ. އެއަށްފަހު ފުރިހަމަ ވުޟޫ އެއްކޮށް، ފުރަތަމަ ބޮލަށް ފެންއަޅާ ދޮވެލާނީ އެވެ. އެއަށްފަހު މުޅި ހަށިގަނޑު ދޮވެލާނީއެވެ.

ޖުނުބުވެރިކަމުން ހިނައިގަތުމާއި ޙައިޟު ނިފާސްކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި ތަފާތެއް ނެތެވެ. އެހެންނަމަވެސް، ޙައިޟު ނިފާސް ކަމުން ޠާހިރުވުމަށް ހިނައިގަތުމުގައި އިސްތަށިގަނޑު ތެރެއަށް ތަންކޮޅެއް ބޮޑަށް ފެން ފާއްދާލުން އެދެވިގެންވެއެވެ. މީގެ އިތުރުން ލޭގެ އަޘަރުކޮށްފައި ހުރިތަންތަނުގައި މީރުވަސްދުވާ އެއްޗެހިލައި ލޭގެ ވަސްފިލުވާލުން އެދެވިގެންވެއެވެ. 

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވުޟޫ ކުރުމުގެ ކުރިންނާއި ހިނައިގަތުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސް ޙަންބަލީ މަޛްހަބުގައި އެއީ ވާޖިބުކަމެކެވެ. 

އަނގަޔަށާއި ނޭފަތަށް ފެންލުމުގެ މައްސަލާގައި ޢިލްމުވެރިން ހަތަރު ގޮތަކަށް ވިދާޅުވެފައިވެއެވެ. އެއީ:

·      ވުޟޫ ކުރުމުގައްޔާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ސުންނަތެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

·      ވުޟޫ އާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމަށާއި، އެޔާއި ނުލައި ވުޟޫ އާއި ހިނައިގަތުން ޞައްޙަ ނުވާނެކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

·      އަނގަޔާއި ނޭފަތަށް ފެންލުމަކީ ހިނައިގަތުމުގައި ވާޖިބެއްކަމަށާއި، ވުޟޫގައި ވާޖިބެއް ނޫންކަމަށް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

·      ވުޟޫގައްޔާއި ހިނައިގަތުމުގައި އަނގަޔަށް ފެންލުމަކީ ވާޖިބެއް ކަމަށާއި، ނަމަވެސް ނޭފަތަށް ފެންލުމަކީ ވާޖިބެއް ނޫންކަމަށް އިމާމު އަޙްމަދު-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެފައިވެއެވެ. އަދި އިބްނުލް މުންޛިރު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވެއެވެ. 

ރާޖިޙްގޮތް:

ފަޟީލަތުއް ޝައިޚް ޢުޘައިމީން-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި މީގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އަދި އެންމެ ރަގަޅު ގޮތަކީ ވުޟޫ އާއި ހިނައިގަތުމުގައިވެސް އަނގަޔަށާއި ނޭފަތަށް ފެންލުމަކީ ވާޖިބެއް ކަމަށާއި އަދި އެޔާއި ނުލައި ވުޟޫ އާއި ހިނެއުން ޞައްޙަ ނުވާނެ ކަމަށް ބުނާ ބުނުމެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް