އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 1 ސިކުންތު
ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. އަދި ލިބިފައިވާ ޖާހާއި މާލުގެ ސަބަބުން ފަޚުރުވެރި ނުވުމެވެ. ހަމަކަށަވަރުން ތަވާޟުޢުވެރިކަމަކީ ނަބިއްޔުންގެ ޚުލްޤުފުޅެކެވެ. އަދި މުއުމިނުންގެ ސިފައެކެވެ. އަދި ޞާލިޙުންގެ ޢަލާމާތެކެވެ. ފަހެ، އެ ސިފައިގެ ސަބަބުން ޝަރަފުވެރީންގެ ޝަރަފު އިތުރުވެއެވެ. އަދި ނަޞްރުވެރީންނަށް ނަޞްރު ލިބެއެވެ. ހަމަ އެ ފަދައިން އެ ސިފަ ލިބިގެންވާ މީހަކަށް މީސްތަކުންގެ ފަރާތުން ސަނާއާއި ތާރީފާއި ޝުކުރުގެ ޖިޒީތައް އޮހެއެވެ. އަދި އެސިފައިން ޒީނަތްތެރިވި މީހާގެ ދަރަޖަ މާތް الله އުފުއްލަވަތެވެ. އަދި އެސިފައިގައި ހިފަހައްޓައިފި މީހާއަށް، އެކަލާނގެ އާޚިރަތުގެ ގޮވަތީން ނިޢުމަތާއި، ބާއްޖަވެރިކަން ދެއްވައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- "އެއީ آخِرَةُގެ (نعمةގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فَسَادކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮ ނިމުންވަނީ تقوىވެރީންނަށެވެ."
ތަވާޟުޢުވެރިކަމަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެކެވެ. އަދި އުޚުއްވަތްތެރިކަން ފެތުރިގެންދާ ސަބަބެކެވެ. މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި ޢުމުރު ފުރާތަކަށާއި، އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަނޖެއް، ފަޤީރެއް ނުވަތަ ޢަރަތްބެއް، ޢަޖަމީއެއް ނުވަތަ ކަޅުމީހެއް، ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ أَوْحَى إِلَيَّ أَنْ تَوَاضَعُوْا، حَتَّى لَا يَفْخَرَ أَحَدٌ عَلَى أَحَدٍ، وَلَا يَبْغِيَ أَحَدٌ عَلَى أَحَدٍ)[1] މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ތަވާޟުޢުވެރިވުމަށް މާތް ﷲ ތިމަންކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އެއީ ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ކިބުރުވެރިވެ ބޮޑާވެނުގަތުމަށާއި، އެކަކު އަނެކަކުގެ މައްޗަށް އަނިޔާވެރިވެނުގަތުމަށެވެ."
މީހަކު، މާތް اللهގެ ޙަޟުރަތުގައި މަތިވެރި ދަރަޖަ އެދޭ ނަމަ، އަދި މީސްތަކުންގެ މެދުގައި ޤަދަރުވެރި މީހަކަށްވާން ބޭނުން ނަމަ، އެ މީހަކަށް އޮތީ ތަވާޟުޢުވެރިވެ، ރިވެތި އަޚްލާޤުގައި ހިފެހެއްޓުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللهُ عَبْدًا بِعَفْوٍ إِلَّا عِزًّا، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللهُ)[2] މާނައީ: "ޞަދަޤާތް ދިނުމަކުން މުދާ އުންޏެއް ނުވެއެވެ. އަދި މަޢާފުކުރާ އަޅަކަށް، ޢިއްޒަތްތެރިކަމެއް މެނުވީ މާތް ﷲ އިތުރު ނުކުރައްވަތެވެ. އަދި اللهއަށް ޓަކައި ތަވާޟުޢުވެރިވެއްޖެ މީހާގެ ދަރަޖަ، މާތް ﷲ މަތިވެރިކުރައްވާ ހުއްޓެވެ."
އިސްލާމްދީން ފެތުރުނީ މަޑުމައިތިރިކަމާއި، ތަވާޟުޢުވެރިކަމާއި އޯގާތެރިކަމުންނެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللهގެ حضرةން ލެއްވި رحمةއެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلْقُ ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވެވަޑައިގަތް ނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ." މާތް ނަބިއްޔާ z މުސްލިމުންގެ ނިކަމެތިންނާއި، ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އެ މީހުން މަރުވުމުން ޖަނާޒާގައި ބައިވެރިވެވަޑަގަންނަވައެވެ. އަދި ޞަޙާބީންގެ ކުޑަކުދީނަށް ޒިޔާރަތްކުރައްވައި އެ ކުދީންގެ ބޮލުގައި ފިރުއްމަވައި ހައްދަވައެވެ.
ތަވާޟުޢުވެރިވުމަކީ މުސްލިމުންގެ އަޚްލާޤެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ އަޞްޙާބުންނާ ބެހޭ ގޮތުން މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "محمدގެފާނީ، اللهގެ رسولއާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافرންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمةތެރިބަޔެކެވެ."
ތަވާޟުޢުވެރިކަން އޮންނާން ޖެހޭނީ ކޮންކަމެއްގައިހެއްޔެވެ؟ އަދި ކޮންބަޔަކަށްހެއްޔެވެ؟ އެންމެ ފުރަތަމަ ތަވާޟުޢުވެރި ވާންވީ މާތް الله އަމުރުކުރެއްވި ކަންތައްތައްކޮށް، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށެވެ. ދެވަނައަށް ތަވާޟުޢުވެރިވާންވީ މާތް اللهގެ މަތިވެރިކަމާއި جَلَالُވަންތަކަމާއި كِبْرِيَاءُވަންތަކަމާއި عِزَّةވަންތަކަމަށެވެ. ތިންވަނައީ ހެދުންއެޅުމާއި ހިނގައި ބިނގައިވެ އުޅުމުގައި ތަވާޟުޢުވެރިވުމެވެ.
މިހާރަކަށް އައިސް ދެޖިންސުގެ މީހުން ހެދުންއެޅުމުގައި އިސްލާމީ ގިއުގަނޑުން ބޭރުވެ، ނަން މަޝްހޫރު މީހުން ކޮޕީކުރުންވަނީ ޢާންމު ކަމަކަށް ވެފައެވެ. ޚާއްޞަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މިކަން ވަނީ ރީތި ކަމެއްކަމުގައި ވެފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ޙަދީޘްފުޅު އަޑުއައްސަވާށެވެ! (بَيْنَمَا رَجُلٌ يَـجُرُّ إِزَارَهُ مِنَ الْـخُيَلَاءِ، خُسِفَ بِهِ، فَهُوَ يَتَجَلْجَلُ فِي الْأَرْضِ إِلَى يَوْمِ الْقِيَامَةِ)[3] މާނައީ: "ފިރިހެނަކު ބޮޑާކަމާ އެކު އޭނާގެ އިޒާރު (ހެދުން) ބިންމަތީ ދަމަމުން ދަނިކޮށް އޭނާ ބިމުގެ އަޑިއަށް ގަންބަވައިގެންފިއެވެ. ފަހެ، ޤިޔާމަތާ ހަމަޔަށް އޭނާ ބިމުގެ އަޑިއަށް ގެނބިގެނބި ހުންނާނެތެވެ." ހަތަރުވަނައީ މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެމީހުންނަށް އެހީތެރިވުމުގައި ތަވާޟުޢުވެރިވުމެވެ.
اَلْبَرَاءُ بْنُ عَازِب رَضِيَ اللهُ عَنْهُ ވިދާޅުވެފައިވެއެވެ. "އަޙުޒާބު ހަނގުރާމައިގައި، ޚަންދަޤު ކޮންނެވުމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަހަރެމެންނާ އެކު ބައިވެރިވެވަޑައިގެން ވެލި އުފުއްލެވިއެވެ."[4] ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މި ރިވެތި ނަމޫނާއަކީ އެންމެހައި ވެރީން ލިބިގަންނާންވީ ފިލާވަޅެކެވެ.
މާތް الله އަށް ބިރުވެތިވެ، ކިބުވެރިކަމާއި ބޮޑާކަން ދޫކޮށް އެކަލާނގެ ޙަޟްރަތަށް ތަވާޟުޢުވެރިވާށެވެ! ފަހެ، ތަވާޟުޢުވެރިވުމުން މާތް اللهގެ ލޯތްބާއި މީސްތަކުންގެ ލޯބި އެ މީހަކަށް ލިބޭނެއެވެ! ތިބާގެ ޢުމުރު ކިތަންމެ ދިގުކޮށްދެއްވި ނަމަވެސް، ތިބާ މި ދުނިޔެއާ އަލްވަދާޢު ކިޔާން ޖެހޭނެއެވެ. ވީމާ، ތިބާއަށް އޮތީ ތިބާގެ ޢަމަލުތަކަށް ފާރަވެރިވެ، މާތް اللهގެ ޙަޟުރަތަށް އިބްތިހާލުވެ، ކުރެވިފައިވާ ކުށްތައް ފުއްސަވައިދެއްވުން އެދި ދުޢާކޮށް، ތަވާޟުޢުވެރިކަމާ އެކު، ހެޔޮ ޢަމަލުކުރުމެވެ. މާތް الله އަޅަމެން އެންމެންގެ ފާފަފުއްސަވައި ތަވާޟުޢުވެރީންކަމުގައި ލައްވާށިއެވެ!
Advertisement
13 ޖޫން 2025