އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އަދި އިރާދަކުރައްވަވާ މިންވަރަކަށް ރިޒުޤް ދެއްވަވާނެ ކަމަށް ބުނުމުން ކާބޯތަކެތި ނެތްތަނެއްގައި ހުރި މީހަކަށް ރިޒުޤް ދެއްވަވާނީ ކިހިނަކުންތޯ ސުވާލުކުރާ ބައަކު އުޅެއެވެ.
އެމީހުންނަށް ނުއެނގެނީ މަރިޔްމަގެފާނު މިޙްރާބްގެކޮޅުގައި އަޅުކަން ކުރައްވަވަން އިންނެވިއިރު ބޭރަށް ވަޑައިގަތުމަކާއި ނުލައި އަދި އެއްވެސް މީހަކު ގެނެސްދިނުމަކާއިވެސް ނުލައި ހޫނުމޫސުމާއި ފިނިމޫސުމުގައި ލިބޭ މޭވާ އެތަނުގެ ދޮލަނގުކޮޅުތަކުގައި ހުންނަކަމެވެ.
އެޒަމާނަކީ މިހާރުފަދައިން އެއް މޫސުމުގެ މޭވާ އަނެއް މޫސުން އަންނަންދެން ރައްކާކޮށްފައި ބެހެއްޓޭ ޒަމާނެއް ނޫނެވެ. ފްރިޖްފަދަ އެއްވެސް އެއްޗެއް ނުވެސް ނެތް ޒަމާނެވެ. އެހެންކަމަށްވާއިރު އެއް މޫސުމުގެ މޭވާ އަނެއް މޫސުމުގައި ތާޒާކަންމަތީގައި އެހުރީ ކީއްވެގެން ހެއްޔެވެ؟
ރަނގަޅަށް ވިސްނައިފި މީހަކަށް ވިސްނޭނެއެވެ. ﷲ ތަޢާލާ ކަމެއް މިންވަރުކުރައްވަވަން އިޜާދަކުރައްވަވައިފިނަމަ އެކަމަކަށް އެއްވެސް ސަބަބެއް މެދުވެރިވާކަށް ނުޖެހެއެވެ. އެކަމަކަށް ވާށެވެ ވަޙީކުރެއްވެވުމުން އެކަމެއް އޮންނާނީ ވެނިމިފައެވެ.
މިޘާލަކަށް ކާބޯތަކެތި ނެތްތަނެއްގައި ހުރި މީހަކަށް ކާންދޭން ބޭނުންވެއްޖެނަމަ އަހުރެމެންނަށް ޖެހޭނީ އެމީހަކާއި ހަމައަށް ކާބޯތަކެތި ގެންގޮސްދޭށެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނެއެވެ. ނޫންނަމަ އެކަން ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނަސް މިކަން ﷲ ތަޢާލާގެ ޙަޟްރަތަށް މުޅިން ތަފާތެވެ. އެމީހަކަށް ދެއްވަވަން އިރާދަކުރައްވަވާ ކޮންމެ އެއްޗެއް އެމީހަކަށް ވަޤުތުން ލިބޭނެއެވެ. އެއްޗެއް ހޯއްދަވާކަށް ނުވަތަ އެއުފުލާނެ ބައަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ.
އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު އުޅެންޖެހިފައި މިވަނީ ރިޒުޤް ލިބުން ދަތިވެގެންނެވެ. އެހެންކަމާއިއެކުވެސް ތިމާއަށް ﷲ ތަޢާލާ ރިޒުޤް އިތުރުކޮށްދެއްވަވާނެ މަގުން ޢަމަލުކުރަން ގިނަބައަކު މަސައްކަތެއް ނުކުރެއެވެ. ވީމާ އެކަން އިޞްލާޙްކުރަމާ ހިނގާށެވެ! ތިމާއަކީ ﷲ ތަޢާލާ ރިޒުޤް އިތުރުކޮށްދެއްވަވާނެ މީހަކަށްވާން މަސައްކަތްކުރަމާ ހިނގާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
16 ޖޫން 2025