އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު
މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، އެމީހުންނަށް ޚާއްޞަ ރައްކާތެރިކަމާއި، އަޅާލުން ބޭނުންވާ ފަރާތްތަކެވެ.
ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެކެވެ. އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އާދެއެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ އެމީހުންނަށް މުޖުތަމަޢުގެ އެހެން މީހުންނާއި އެއްހަމައެއްގައި ކުރިއަރާ ދިއުމަށާއި، މާނަހުރި ގޮތެއްގައި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކެއް އެޅިގެންދިއުމެވެ.
އެހެންނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމަޢުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެއެވެ.
ހަމައެހެންމެ، ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ޚިޔާލު ހޯދަންވާނެއެވެ. އެގޮތުން، ޢާއިލާގެ ތެރޭގައި ނިންމާ ނިންމުންތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަޤުބަލާއި ގުޅުންހުރި ކަންކަން ނިންމުމުގައި، ވީހާވެސް ބޮޑަށް އެމީހުންގެ ބަސް ހޯދުމަކީ މުހިންމުކަމެކެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި، ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް ޢާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދެއެވެ.
ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން މީހުން އަހުލުވެރިކަން އިތުރުކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގިދާނެއެވެ. މިފަދަ ޕްރޮގްރާމްތަކުގެ ނަޠީޖާއެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް އާންމުންގެ ތެރޭގައި އަހުލުވެރިކަން އިތުރުވެ، އެމީހުން ޝާމިލުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ގިނަވެގެންދެއެވެ.
ހަމައެހެންމެ، މިގޮތަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތައް މެދުވެރިކޮށް، ނުކުޅެދުންތެރިކަމަކީ ކޮބާކަމާއި، ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަންނާނެ ގޮތްތަކާއި، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ބައެއް ކަހަލަ ވަޞީލަތްތަކައި، ޚިދުމަތްތަކާއި ގުޅުންހުރި މަޢުލޫމާތު އާންމުންގެ ތެރޭގައި އިތުރުކުރެވިދާނެއެވެ.
ޤައުމުގެ ކުރިއެރުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަމަލީގޮތުން ބައިވެރިކުރުވާ، ޚިޔާލު ހޯދުމަކީ، ޤައުމުގެ އެކި ދާއިރާތައް ހަރުދަނާގޮތެއްގައި ހިންގުމަށާއި، ޝާމިލު މުޖުތަމަޢުއެއް ބިނާކުރުމުގައި އެޅިގެންދާނެ ވަރުގަދަ ފާލަމެކެވެ
ހަބަރު: ސަރުކާރު
Advertisement
17 ޖޫން 2025