އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު
ދަރިން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ލޯތްބާއި، އެހީތެރިކަމާއި އަދި މަގުދެއްކުން ފޯރުކޮށްދިނުމަކީވެސް މައިންބަފައިންގެ މުހިންމު މަސްއޫލިއްޔަތެކެވެ. ހަމައެހެންމެ، ދަރިންނަށް ހެޔޮ އަދި ނުބައި ވަކިކޮށްދިނުމާއި، މުޖުތަމަޢަށް ފައިދާ ހުރި ބަޔެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް، ދުނިޔެއަށް ތައްޔާރުކޮށްދިނުމަކީވެސް މައިންބަފައިންނާއި ބެލެނިވެރިންގެ އަގުހުރި ޒިންމާއެކެވެ.
ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) އަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިން ކުރަންޖެހޭ ކަންތައްތައް މި ޤާނޫނުފެ ދަށުން ބަޔާންކުރައްވާފައިވެއެވެ.
އެގޮތުން، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މައިންބަފައިންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ، ކުއްޖާގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޙިމާޔަތްކޮށްދިނުމާއި، ކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި ސާފުފެނާއި އެނޫންވެސް ރައްކާތެރިކަން ލިބިދިނުމާއި، ކުއްޖާއަށް ދޭންޖެހޭ ވެކްސިން ދިނުމާއި، ޞިއްޙީ ފަރުވާ ލިބިދިނުމާއި، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ރައްކާތެރިކަމާއި، ކުއްޖާގެ ތަރައްޤީއަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.
މީގެ އިތުރުން، އުފަންވުން ރަޖިސްޓަރީކުރުމާއި، ކުއްޖާ ތަރުބިއްޔަތުކުރުމާއި އުނގަންނައިދިނުމާއި، ކުއްޖާގެ ފަރާތުން ޤާނޫނުގެ ކުރިމައްޗަށް ހާޒިރުވުމާއި، ޚަރަދު ދިނުމާއި، ކުއްޖާ އެހެން ފަރާތަކަށް ދޭ ގެއްލުމަށް ޒިންމާވުންވެސް ކުއްޖާގެ ބެލެނިވެރިޔާގެ ޒިންމާތަކުގެ ތެރޭގަ ހިމެނެއެވެ. ހަމައެއާއެކު ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިކުރުވައި، އެއްބާރުލުންދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުމަކީ ވެސް މައިންބަފައިންގެ ޒިންމާއެކެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި މައިންބަފައިންނާއި ބެލެނިވެރިންގެ ދައުރަކީ އެންމެ އިސް އަދި އެންމެ އަގުހުރި ދައުރެވެ. މައިންބަފައިންގެ މައްޗަށް ލާޒިމުވެގެންވާ މި ޒިންމާ އިޚްލާޞްތެރިކަމާއި، އަދި ހަރުދަނާކަމާއެކު އުފުލައި، އަދާކުރުމުން، ދަރިންނަށް ހިތްހަމަޖެހޭ އަދި ރައްކާތެރި މާޙައުލެއް ގާއިމުކުރެވިގެންދާނެއެވެ. މައިންބަފައިންނާއި ބެލެނިވެރިންގެ މި މަސްއޫލިއްޔަތުގެ މުހިންމުކަން ވިސްނައިގަނެ، އެކަން ފުރިހަމައަށް އަދާކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރުމަކީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތު ޙާޞިލުކުރުމުގެ ފުރުޞަތު ލިބި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ވެސް މަގުފަހިކޮށްދޭނެ ކަމެކެވެ.
ހަބަރު: ސަރުކާރު
Advertisement
17 ޖޫން 2025