އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު
އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ހަދިޔާ ކޮށްލެވޭ ކޮންމެ ލޭ ތިއްކަކީ ދެމިގެން ދާ މަތިވެރި ސަދަގާތެއް ކަމަށާއި ސަވާބާއި ދަރުމައަށްޓަކައި ލޭ ހަދިޔާކުރުން އިތުރުކުރުމަށް ޝެއިޚް ނިމާލް މުޙައްމަދު އިލްތިމާސްކޮށްފިއެވެ.
ޝެއިޙް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ޔުނިވަރސިޓީގައި އިއްޔެ ބޭއްވި ރަސްމިޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ސަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައި އެކަން ކުރައްވާށޭ. އޭރުން އިންޝާﷲ ކޮންމެ ލޭ ތިއްކަކީވެސް ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމެއް." ޝެއިޚް ނިމާލް ވިދާޅުވިއެވެ.
ޝެއިޚް ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން ދިޔަނަމަވެސް ބައެއް ފަރާތްތަކަށް ލޭ ހޯދުމުގައި އަދިވެސް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ލޭ ހޯދުމަށް މީހަކު އައިސް އެދުމުގެ ކުރިން ދަރުމަ އަށް ލޭ ހަދިޔާ ކުރުމުގެ އާދަ ހަރުލެއްވުމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
އަދި އެއީ ދުނިޔެއައި އާޚިރަތަށްޓަކައި ކުރެވޭ ހޭދައެއްކަން ފާހަގަކުރައްވަމުން ޝެއިޚް ވިދަޅުވީ، ދުނިޔޭގައި މީހަކު އުފުލަންޖެހޭ މުސީބާތެއް ނުވަތަ ތަކްލީފެއް ފިއްލުވާލި މީހަކު އާޚިރަތުގައި ދިމާވާ ކަންތައްތަކުގެ ތެރެއިން ކަމެއް ﷲ ސުބުހާނަހޫވަތަޢާލާ ފިއްލަވާދެއްވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހާއި ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއަރަކީ ލޭދީގެން އުއްމީދެއް ދޭށެވެ.އެންމެން ގުޅިގެން ފުރާނަ ސަލާމަތްކުރަމެވެ.
ހަބަރު: ސަރުކާރު
Advertisement
17 ޖޫން 2025