އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ރުކޫޢާ ސުޖޫދުގަ އިތުރަށް ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ހަނދުމަކޮށްދިނުމެއް!: ރުކޫޢާ ސުޖޫދުގަ އިތުރަށް ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 40 ސިކުންތު

ނަމާދުގައި ކިޔަން ޖެހޭ ދުޢާތަކާއި ޛިކުރުތައް މާތް ނަބިއްޔާ މުޙައްމަދުން ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެގޮތުން ނަމާދު ފެށުމަށްފަހު ކިޔަންޖެހެނީ ދުޢާއުލް އިފްތިތާޙު ކަމާއި އެއަށްފަހު ސޫރަތުލް ފާތިޙާ ކިޔައި ޤުރުއާނުން ސޫރަތެއް ކިޔެވުމަށްވެސް އަނގަވާފައި ވެއެވެ. އަދި ރުކޫޢުގައާއި ސަޖިދާގައާއި ދެސަޖިދަ ދެމެދު ކިޔާ ދުޢާއާއި އެހެނިހެން ޙާލަތްތަކުގަ ކިޔަން ޖެހޭދުޢާތައްވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ. 

ރުކޫޢުގައި އިތުރު ދުޢާތައްކުރުން: 

ރުކޫޢުގައި އިތުރު ދުޢާތައް ކިޔުމާއި މެދު ޢިލްމުވެރިން ވަނީ އިޚްތިލާފު ވެފައެވެ. އެގޮތުން އިމާމު ޝާފިޢީ އާއި އިމާމު އަޙުމަދު ވިދާޅުވަނީ ފަރުޟުނަމާދާއި ސުއްނަތް ނަމާދުތަކުގެ ރުކޫޢުގައި ކިޔުމަށް ކަނޑއެޅިފައިވާ ތަސްބީޙަ ކިޔުމަށް ފަހު އެހެން ދުޢާތައްވެސް ކުރެވިދާނެ ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ عن عائشة رضي الله عنها قَالَتْ كَانَ النَّبِيُّ يَقُوْلُ فِي رُكُوْعِهِ وَ سُجُوْدِهِ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمَدِكَ اللَّهُمَّ اغْفِرْ لِيْ   رواه  البخاري و مسلم

ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ރުކޫޢުގަޔާއި ސަޖިދާގައި سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمَدِكَ اللَّهُمَّ اغْفِرْ لِيْ މިދުޢާ ކިޔުއްވިއެވެ. 

އިމާމު އަބޫޙަނީފާ ވިދާޅުވަނީ ފަރުޟުނަމާދުގެ ރުކޫޢުގައި ކިޔުމަށް ސުއްނަތްވެގެންވަނީ ސުއްނަތުން ވާރިވެގެންވާ ދުޢާއެވެ. އެހެންނަމަވެސް ސުއްނަތް ނަމާދުތަކުގައި ރުކޫޢުގައި އެހެންދުޢާތައް ކިޔުން ހުއްދަވެގެންވެއެވެ. އެބޭފުޅާގެވެސް ދަލީލަކީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ މިޙަދީޘެވެ. كَانَ النَّبِيُّ يَقُوْلُ فِي رُكُوْعِهِ وَ سُجُوْدِهِ سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمَدِكَ اللَّهُمَّ اغْفِرْ لِيْ رواه  البخاري و مسلم 

އިމާމުމާލިކުގެ އަރިހުގައި އެއްވެސްނަމާދެއްގެ ރުކޫޢުގައި އިތުރު ދުޢާއެއްކުރުން މަކުރޫހަވެގެން ވެއެވެ. އެބޭފުޅާގެ ދަލީލަކީ 

عن بن عباس ألاَ وَإِنِّيْ نُهِيتُ أَنْ اَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا فَأَمَّا الرُّكُوْعُ فَعَظِّمُوْا فِيْهِ الرَّبُ وَأَمَّا السُّجُوْدُ فَاجْتَهِدُوْا فِيْ الدُّعَاءِ فَقَمِنٌ أَنْ يُسْتَجَابَ لَكُمْ. رواه مسلم

ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ރުކޫޢުގައާއި ސަޖީދާގައި ޤުރުއާން ކިޔެވުން މަނާކުރެވުނެވެ. ފަހެ ރުކޫޢުގައި ތިޔަބައިމީހުން ﷲ މަތިވެރި ކުރާށެވެ. ( سُبْحاَنَ اللهِ وَبِحَمْدِهِ ކިޔާށެވެ.) އަދި ސަޖިދާގައި ދުޢާކުރުން ގިނަކުރާށެވެ. އެހެނީ އެދުޢާ އިޖާބަކުރެއްވުން ގާތްވެގެންވެއެވެ. 

މަތީގައި ބަޔާންވެދިޔަ ދަލީލުތަކަށް ބަލާއިރު ރާޖިޙުގޮތަކީ ރުކޫޢުގައި ކިޔަންޖެހޭ ތަސްބީޙަކިޔުމަށްފަހު އެހެންދުޢާތައްވެސް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޤުރުއާނުގައި ވާރިދުވެގެންވާ ދުޢާތައް ރުކޫޢުގައި ނުވަތަ ސަޖިދާގައި ކިޔަނީ ނަމަ (މިސާލަކަށް: رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ (201) سورة البقرة) ހުއްދަވެގެންވަނީ ދުޢާކުރުމުގެ ނިޔަތުގައި އެއާޔަތްތައްކިޔުމެވެ. ޤުރުއާންކިޔެވުމުގެ ނިޔަތުގައި ކިޔުން ހުއްދަވެގެންނުވެއެވެ. 

ސަޖިދާގައި އިތުރު ދުޢާތައް ކިޔުން: 

ގިނަ ޢިލްމުވެރިން ވިދާޅުވަނީ ސަޖިދާގައި ކިޔަންޖެހޭ ތަސްބީހައަށްފަހު އެމީހަކު ބޭނުން ބަހުރުވައަކުން ބޭނުން ދުޢާއެއް ސުންނަތް ނަމާދެއްގައިނަމަ ކުރެވިދާނެކަމަށެވެ. އެބޭކަލުންގެ ދަލީލަކީ عن بن عباس ألاَ وَإِنِيْ نُهِيتُ أَنْ اَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا فَأَمَّا الرُّكُوْعُ فَعَظِّمُوْا فِيْهِ اللهُ وَأَمَّا السُّجُوْدُ فَاجْتَهِدُوْا فِيْ الدُّعَاءِ فَقَمِنٌ أَنْ يُسْتَجَابَ لَكُمْ. رواه مسلم 

"ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ރުކޫޢުގައާއި ސަޖީދާގައި ޤުރުއާން ކިޔެވުން މަނާކުރެވުނެވެ. ފަހެ ރުކޫޢުގައި ތިޔަބައިމީހުން ﷲ މަތިވެރި ކުރާށެވެ. ( سُبْحاَنَ اللهِ وَبِحَمْدِهِ ކިޔާށެވެ.) އަދި ސަޖިދާގައި ދުޢާކުރުން ގިނަކުރާށެވެ. އެހެނީ އެދުޢާ އިޖާބަކުރެއްވުން ގާތްވެގެންވެއެވެ." 

އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ނަމާދުގައި ކިޔުން ހުއްދަވެގެންވަނީ ޤުރުއާނާއި  ސުއްނަތުން ވާރިދުވެގެން އައިސްފައިވާ ދުޢާތަކުގެ އިތުރުން ޤުރުއާނާއި ސުއްނަތުން އައިސްފައިވާ ދުޢާތައްފަދަ ދުޢާތަކެވެ. މިސާލަކަށް اللّهُمَّ اغْفِرْ لِيْ وَلِوَالِدَيَّ މިފަދަ ސީޣާއަކުން ދުޢާކުރުމެވެ. އެބޭކަލުންގެ ދަލީލަކީ މުޢާވިޔަތުގެފާނުގެ އަރިހުން ރިވާވެގެންވާ މިޙަދީޘްފުޅެވެ.  

إِنَّ هَذِهِ الصَّلَاةَ لَا يَصْلُحُ فِيْهَا شَيْءٌ مِنْ كَلَامِ النَّاسِ إِنَّمَا هٌوَ التَّسْبِيْحُ وَ التَّكْبِيْرُ وَ قِرَاءَةُ القُرآنِ رواه مسلم

ހަމަކަށަވަރުން މިނަމާދުގައި މީސްތަކުންގެ އަމިއްލަ ވާހަކަތައް (ދުޢާތައް ފިޔަވައި އެހެން ވާހަކަތައް) ދެއްކުން ހެޔޮވެގެން ނުވެއެވެ. އެހެނެއްކަމަކު އެއީ (ނަމާދަކީ) ތަސްބީޙައާއި ތަކުބީރާއި ޤުރުއާން ކިޔެވުމެވެ. 

މިގޮތަށްދުޢާކުރުމުގައި ދުނިޔޭގެ އަރާމާއި އެދުންވެރިކަމަށް އެދި ދުޢާ ނުކުރެވޭނެ ކަމަށް މީގެތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް އާޚިރަތްދުވަހުގައި ސަލާމަތްކަމަށް އެދި ނުވަތަ ފާޙިޝް ކަންތައްތަކުން ދުރުކޮށްދެއްވުން އެދި ދުޢާކުރުން ހުއްދަކަމަށް އޭގެތެރެއިން ބައެއް ބޭކަލުން ވިދާޅުވެއެވެ.  

މަތީގައި ބަޔާންވެދިޔަ ދަލީލުތަކަށް ބަލާއިރު ރާޖިޙުގޮތަކީ ސަޖިދާގައި ކިޔަންޖެހޭ ތަސްބީޙައަށްފަހު އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެކަމަށެވެ. ނަމަވެސް މޮޅުއިތުރު ވެގެންވަނީ ޢަރަބި ބަހުން ނަމާދުގައި ދުޢާ ކުރުމެވެ. އެހެނީ ބައެއް ޢިލްމުވެރިން އެކަމަށް ޝަރުޠު ކުރައްވާފައިވާތީއެވެ. އަދި ޚާއްޞަކޮށް ޢަރަބި ބަހުން ދުޢާ ދަންނަ މީހަކަށް އެހެން ބަހަކުން ހުއްދަ ނުވާނެ ކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންނަމަވެސް ދުޢާކުރުމުގައި ރަޙިމުގެ ގުޅުންކެނޑުމަށާއީ ފާޙިޝް ޢަމަލުތަކަށް އަރައި ގަތުމަށް އެދި ދުޢާކުރުން ހުއްދަވެގެން ނުވެއެވެ. އަދި ދުޢާކުރުމުގައި ހައްދުފަހަނަޅައި ދިއުންވެސް ހުއްދަވެގެން ނުވެއެވެ. والله أعلم 

އިތުރު ސުވާލެއް- 

އަޅުގަނޑަކީ ހުރިހާ ނަމާދެއް ބަރާބަރަށް ކުރަމުން އައި ކުއްޖަކީމެވެ. ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގޮއްސަ އައިފަހުން އެންމެ ދުވަހަކުވެސް ފަތިސްނަމާދަށް ހޭނުލެވުމުގެ ސަބަބުން އެނަމާދު ވަގުތު ފާއިތުވެ ގެއްލެއެވެ. އެނޫން އެހެން ނަމާދުތައް ގަޑިން ގަޑިއަށް ކުރެވެއެވެ. ވީމާ އަޅުގަނޑު ފަތިސްނަމާދު ޤަޟާއަށް ކުރުމުން އެނަމާދު ޞައްޙަވާނެ ހެއްޔެވެ؟ 

ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. ޢުޛުރެއް މެދުވެރިވެގެން ނަމާދު ވަގުތު ފާއިތުވީނަމަވެސް، ވީހާވެސް އަވަހަކަށް އެނަމާދެއް ގަޟާ ކުރަން ޖެހޭނެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް