އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވަޢުދު ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ޚިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިހާރު އެ އަތޮޅުގައި ފެރީ ޚިދުމަތް ވަނީ ފަށާފައި ކަމަށެވެ. އަދި މި ޚިދުމަތް ފެށުމުގެ މުނާސަބަތުގައި ރ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.
މީގެއިތުރުން ރައީސް ވިދާޅުވެފައިވަނީ، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގެ ޚިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެރީ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުވެސް ފުދިގެންދާނެ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ އަތޮޅުތަކުގައި ފެރީ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ. މި ޚިދުމަތް ފެށުމުން އަތޮޅުތަކުގެ ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
Advertisement
26 ޖޫން 2025