އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު
ނަމާދުކުރަންޖެހޭތީ މިސްކިތަށް ނުވަތަ މުއްސަލަމައްޗަށް އަރައި ޙަރަކާތްތަކެއް ކޮށްފައި ތިމާއަކީ ނަމާދުކުރާ މީހަކު ކަމަށް ބުނާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ. އެމީހުންގެ ޢަމަލުތަކުން އެކަންކަން ފެންނާތީއެވެ.
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ދެރަވެ ހިތާމަކުރަންޖެހޭނެ ކަމަކީ ތިމާ ކުރި ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ މީހުންނެވެ. އެމީހުންގެ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނީ ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދުކުރީތީއެވެ. ފަރުވާކުޑަކުރެވުނީތީއެވެ. ޚުޝޫޢަތްތެރިވާން މަސައްކަތްނުކުރެވުނީތީއެވެ.
ނަމާދުކުރަމުން ގޮސް މުސްކުޅިވާއިރު އެންމެ ރަކްޢަތެއް ފުރިހަމަ ނުކުރާ މީހުން ތިބޭކަމަށް ޢުމަރުގެފާނު ވިދާޅުވިއެވެ. އެއީ ކޮން ބައެއްކަން އެނގޭހެއްޔެވެ؟ އެސުވާލުގެ ޖަވާބު ޢުމަރުގެފާނުގެ އަރިއަހުގައި ތިއްބެވި ބޭކަލުންނަށްވެސް އެނވަޑައެއް ނުގެންނެވިއެވެ.
އެބޭކަލުންގެ ސުވާލަށް ޖަވާބު ދެއްވަމުން ޢުމަރުގެފާނު ވިދާޅުވީ އެއީ ﷲ ތަޢަލާ އަންގަވާފައިވާގޮތަށް ރުކޫޢާ ސަޖިދަކޮށް ރަކްޢަތް ފުރިހަމަ ނުކުރާ މީހުން ކަމަށެވެ.
މިބަސްފުޅުގެ މާނައަށް ވިސްނާށެވެ! އެވިދާޅުވަނީ ޚުޝޫޢަތްތެރިކަމާއިއެކު އެންމެ ރަކްޢަތެއްވެސް ފުރިހަމަ ނުކުރެވޭ މީހުން ތިބޭ ކަމަށެވެ. ނަމާދަށް ހުއްޓި ހަރަކާތްތަކެއް ކުރި ނަމަވެސް ދުލުން އެއްޗެތިތަކެއް ކީ ނަމަވެސް ހިތް ﷲ ތަޢަލާއަށް ޚާލިޞް ނުކުރެވޭ ކަމެވެ. ހިތް ނަމާދަށް ޚާލިޞް ނުކުރެވޭނަމަ ނަމާދު ފުރިހަމަ ނުވާނެ ކަމެވެ. ނަމާދުގައި ކިޔޭތަކެތި މާނަ އާއިއެކު ހިތަށް ގެނެވިގެން ނޫނީ ހިތް ޚާލިޞް ނުކުރެވޭނެއެވެ.
ވީމާ މީސްތަކުންނޭވެ. ނަމާދަށް ދިއުމަކުން އަދި އެއީ ނަމާދު ކުރެވުމެއް ނޫނެވެ. ހަރަކާތަތްކެއް ކުރުމަކުން އަދި އެއީ ނަމާދުކުރެވުނީއެއް ނޫނެވެ. ދުލުން އެއްޗެތި ތަކެއް ކިޔުމަކުން އެއީ ވެސް އަދި ނަމާދުކުރެވުމެއް ނޫނެވެ. ނަމާދު ނަމާދަކަށް ވާނެ ގޮތަށް ނަމާދުކުރަން ބޭނުން ނަމަ ނަމާދަށް ފަށަން ވާނީ ތިމާ ކުރަން މިއުޅޭ ކަންތައް ރަނގަޅަށް ހިތަށް އަރުވައިގެންނެވެ. ތިމާ ހުއްޓި މިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ކަމާއި ކުރަން މިއުޅޭ ކަމަކީ ﷲ ތަޢާލާއި މުޢާމަލާތު ތަކެއް ކުރުންކަން ހިތަށް ގެންނަންވާނެއެވެ. އަދި އެކަންކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ނެތުނަ ދީގެން ނުވާނެއެވެ.
މީސްތަކުންނޭވެ! ނަމާދަށް ދިއުމަށްޓަކައި ފުރަތަމަ ކަމެއްގެ ގޮތުން އެކަމަށް ތައްޔާރުވާށެވެ. ވުޟޫ ކުރުމުގެ ކުރިން ދަތް އުނގުޅާށެވެ! ރީތި ފޭރާމާއި ހުވަނދުވެސް ލާށެވެ! ނަމަވެސް މިއީ ބޭރުފުށެވެ. ބޭރުފުން ތައްޔާރުވުމާއިއެކު ރޫހާނީ ބާރުވެސް ލިބިގަންނާށެވެ! ކުރަން މިއުޅެނީ ކީއްކަން ހިތަށް ގެންނާށެވެ. ތިމާގެ ނަމާދު ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރަމުން މިސްކިތަށް ވަންނާށެވެ! ނަމާދަށް ފަށަންވާނީ ވެސް އެ ދުޢާގެ މަތީގައެވެ.
ނަމާދަކީ ވަރުގަދަ ހަނގުރާމައެކެވެ. ވަރުގަދަ ޖިހާދެކެވެ. އެ ހަނގުރާމަ ފަތަޙަ ކުރުމަށް ވަރުގަދައަށް އަޒުމް ކަނޑައަޅައިގެން ނަމާދަށް ފަށާށެވެ! ނަޞްރު ލިބޭނީ އެއިރުންނެވެ. ނަމާދު ކުރަން ބޭނުންވާ ޚުޝޫޢަތްތެރިކަން ލިބޭނީ އެއިރުންނެވެ.
ނަމާދުކުރަމުން ގޮސް އުމުރުން ދުވަސްވެ މުސްކުޅިވެ ދުނިޔެ ދޫކޮށްފައިދާންޖެހޭއިރުވެސް، އެހުރިހާ ނަމާދުތަކެއް ކުރެވުނުއިރުވެސް އެންމެ ރަކްޢަތެއް ފުރިހަމަނުކުރެވޭވޭނަމަ އެހައި ބުރަ އުފުލައިގެން މިކުރެވުނީ ކޮންކަމެއްހެއްޔެވެ. ވީމާ މިކަމަކީ ހަމަކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަންތައް ކަމުގައި ދެކެމެވެ. އެއީ އަހަރެމެންގެ އާޚިރަތް ޙާޞިލުކުރުން ގުޅިފައިއޮތީ ނަމާދުކުރުމާއި ކަމުގައުވާތީއެވެ.
--ޢަބްދުއްރަޙީމް އެމްސީ ކާރތީގެ ދަރުސަކުން
Advertisement
27 ޖޫން 2025