އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު
ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކުގެ ތެރެއިންވެސް އެންމެ ނުރަނގަޅު އެއްބަދަލަކީ ރޭގަނޑުގެ ވަޤުތުތައް ބޭކާރުކުރުމެވެ. ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ނެތަސް ގިނަ ވަޤުތުތަކުގައި ހޭލައި އުޅެވޭކަމެވެ. ރޭއަޅުކަމަށްވެސް އަދި ފަތިސް ނަމާދަށްވެސް ނުހޭލެވޭ އެންމެ ބޮޑު ސަބަބަކީއެއީއެވެ.
ރޭގަނޑު ނިދާފަހުން (ޢާންމުގޮތެއްގައި މެންދަންވުމުން) ހޭލެވިއްޖެނަމަ ނިދަން އުނދަގޫވާތީ އެކަމުގެ ހައްލަކަށް އެދި އަބަދުހެން ގިނަ ބައަކު ސުވާލުކުރެއެވެ. މިސުވާލާއި ވިދިގެން އަހުރެން ފުރަތަމަވެސް ކުރާ ސުވާލަކީ ނިދުނީމާ ދެން ކުރަނީ ކީއްތޯއެވެ؟
ގިނަ ބައަކު ޖަވާބުގައި ބުނަނީ: 1 ފިލްމް ބެލުން، 2 ސޯޝަލް މީޑިޢާގައި ޙަރަކާތްތެރިވުން، 3 ފޮޓޯ ބެލުން މިހެން ގޮސް މިޒާތުގެ ކަންކަމެވެ. ހޭލެވުމުން 1 ﷲ ތަޢާލާއަށް ޛިކުރުކޮށްލައި 2 ވުޟޫކޮށްލައި 3 ނަމާދެއްކޮށްލައި 4 ޤުރްޢާން ކިޔަވާލައި ޛިކުރުކޮށްލައި ހަދާކަމަށް ބުނަނީ ވަރަށް މަދުމީހެކެވެ.
މީސްތަކުންނޭވެ! ނިދިން ހޭލެވުމަކީ ﷲ ތަޢާލާ ލޯބިވބެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ފުރުޞަތެކެވެ! ވަރަށް ބޮޑު ނިޢްމަތެކެވެ. ޚާއްޞަކޮށް މެންދަންވާފަހުން ނިދީން ހޭލެވިއްޖެނަމަ އެއީ ތިބާއަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތެކެވެ.
އެމީހަކަށް އޮތީ ދެއްވެވި ފުރުޞަތުގެ ބޭނުންހިފައި ދަމުނަމާދުކޮށް ހެޔޮ ޢަމަލެއްކޮށް ދުޢާކުރަން އަވަސްވެގަތުމެވެ. އެހެނަސް ގިނަ ބައަކަށް ކަންކަން މިކުރެވެނީ ދިމާ އިދިކޮޅަށެވެ. ކުރެވެނީ އެކަމަކުން ތިމާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެ އަދި ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންކަމެވެ.
ވަކިން ޚާއްޞަކޮށް ވިސްނައިލާށެވެ! ދުޢާ އިޖާބަކުރެވޭ ބައެއް ވަގުތުތަކުގެ ތެރޭގައި ރޭގަނޑުގެ ތިންބައިން ފަހުބައި ހިމެނިގެންވެއެވެ. ވީމާ އެގަޑީގައިނ ހޭލެވިއްޖެނަމަ އެމީހަކަށް އެންމެ ފައިދާ ހުރި ޢަމަލުކަމުގައިވާނީ ވުޟޫކޮށްލައި ރޭއަޅުކަންކުރުމެވެ. ދަމުނަމާދުކޮށްލައި ޛިކުރުކޮށް ދުޢާކުރުމެވެ. އެމީހާއަށް ޙަޤީޤީ ފައިދާއެއް ކުރާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
2 ޖުލައި 2025