އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 2 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ބައެއް މީހުން ވިސްނައިގެން ތިބެނީ ފަހުން ނަމާދުކުރުމަށެވެ. މާނައަކީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ނަމާދުކުރުމަށެވެ. މިއީ އެންމެ ނުބައި ވިސްނުމެވެ. އަނެއް ބައަކު ދެކެނީ ނަމާދުކުރުމަކީ ކުރަންހުރި މަސައްކަތްތައް ކޮށްނިމި ވަޤިތުވުމުން ކުރަން އޮތް ކަމެއް ކަމަށެވެ. މިއީވެސް ވަރަށް ނުބައި ވިސްނުމެކެވެ.
ސަބަބަކީ ފުރަތަމަ ކަމަކަށް ނަމާދުކުރުން ނުހަދައި އިސްލާމްދީންމަތީގައި ނުހުރެވޭނެކަމެވެ. ޤަޞްދުގައި ނަމާދުނުކުރާ މީހުންނަނީ ދީނުން ބޭރުވެގެންކަމެވެ. އެކަން އެނގެނީ ޙަދީޘްފުޅުތަކުންނެވެ.
ﷲ ތަޢާލާ އަޅުގަނޑުމެން އުފައްދަވާފައިމިވަނީާ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ނަމާދަކީ ދީނުގެ ތަނބެވެ. އަދި ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަމާދާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އެހެންކަމުން ނަމާދުތަކަށް ފަރުވާތެރިވެ، ނަމާދުތައް ޤާއިމް ކުރެވޭތޯ ކޮންމެ މީހަކުވެސް ބަލަން ވާނެއެވެ.
ނަމާދު އެޅުން ދެގޮތަކަށް ޢިލްމުވެރިން މާނަކުރައްވާފައިވާއިރު، ފުރަތަމަ ގޮތަކީ ނަމާދުގެ ފަރުޟުކަމާމެދު އިންކާރުކޮށް ނަމާދު ނުކުރުމެވެ. މިގޮތުން ނަމާދު އަޅައިފިނަމަ ކަނޑައެޅިގެން އެމީހަކު ކާފިރުވާނެ ކަމުގައި އުންމަތުގެ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވާފައިވެއެވެ.
ދެވަނަ ގޮތަކީ ނަމާދުގެ ފަރުޟުކަން ޤަބޫލުކުރި ކަމުގައިވިޔަސް، ކަންނެތް ކަމުން ނުވަތަ ފަރުވާކުޑަކަމުން ނުވަތަ ޝަރީޢަތުގައި ޢުޛުރެއް ކަމުގައި ނުބެލެވޭ ކަމެއްގައި މަޝްޣޫލުވުމުގެ ސަބަބުން ނަމާދު އެޅުމެވެ. މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ނަމާދަށް ރައްކާތެރިވުމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތަކަށެވެ.
· ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ”إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاةِ”
މާނައީ: "ހަމަކަށަވަރުން މީހާއާއި، ޝިރުކާއި އަދި ކާފަރުކަމާއި ދެމެދުގައިވާ ހުރަހަކީ ނަމާދެވެ."
· ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. العهدُ الذي بينَنا وبينَهم الصلاةُ، فمَن تركَها فقد كفرَ"
މާނައީ: "އަހަރުމެންނާއި އެބައިމީހުންނާއި (މުނާފިޤުންނާއި) ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ފަހެ އެނަމާދު އަޅައިފި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ."
· وَعَنْ عَبْدِ اللهِ بْنِ عَمْرٍو رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ ذَكَرَ الصَّلَاةَ يَوْمًا فَقَالَ: «مَنْ حَافَظَ عَلَيْهَا كَانَتْ لَهُ نُورًا وَبُرْهَانًا وَنَجَاةً يَوْمَ الْقِيَامَةِ. وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلَا بُرْهَانٌ وَلَا نَجَاةٌ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَفِرْعَوْنَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ.
މާނައީ: "ނަމާދުގެ މައްޗަށް ރައްކާތެރިވެއްޖެ މީހާ ދަންނައެވެ. އެނަމާދުގެ އޭނާއަށް ޤިޔާމަތް ދުވަހުގައި ނޫރެއް ކަމުގައާއި، ބުރުހާނެއް ކަމުގައާއި، (ޢަޛާބުން) ނަޖާއެއް ކަމުގައި ވާނެއެވެ. އަދި ނަމާދުގެ މައްޗަށް ރައްކާތެރި ނުވެއްޖެ މީހާ ދަންނައެވެ. އެނަމާދު އޭނާއަށް ނޫރެއް ކަމުގައާއ، ބުރުހާނެއް ކަމުގައާއި (ޢަޛާބުން) ނަޖާއެއް ކަމުގައި ނުވާނެއެވެ. އަދި ޤިޔާމަތް ދުވަހުގައި އޭނާ ވާހުށީ ޤާރޫނާއި، ފިރުޢައުނާއި ހާމާނާއި، އަދި އުބައްޔު ބުން ޚަލަފާ އެކުގައެވެ."
· ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. «أُمِرْتُ أن أقاتل الناس حتى يشهدوا أن لا إله إلا الله وأن محمدًا رسول الله، ويُقيموا الصلاة، ويُؤتوا الزكاة، فإذا فعلوا ذلك عصموا مني دماءَهم وأموالَهم إلا بحق الإسلام وحسابُهم على الله تعالى »
މާނައީ: މީސްތަކުންނާއި ހަނގުރާމަ ކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެވިގެންވެއެވެ. އެއީ އެބައިމީހުން ﷲ މެނުވީ އަޅުކަންވެވުން ޙައގުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވެ އަދި ނަމާދު ޤާއިމްކޮށް ޒަކާތް ދީފުމަށް ދާންދެނެވެ. ފަހެ އެގޮތަށް އެބައިމީހުން ޢަމަލު ކޮށްފިނަމަ އިސްލާމް ދީނުގައި ޤަތުލުކުރުން ވާޖިބުވާ ޙައްޤެއްގެ ސަބަބުން ފިޔަވައި އެބައިމީހުންގެ ލެޔާއި މުދާ އެބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކޮފިއެވެ. އަދި އެބައިމޙުންގެ ޙިސާބުވަނީ ﷲ ގެ މައްޗަށެވެ.
Advertisement
3 ޖުލައި 2025