އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 53 ސިކުންތު
ރުކޫޢިން ތެދުވާއިރު އައްތަސްމީޢު (ސަމިޢަﷲ ލިމަން ޙަމިދަހޫ) ކިޔުމާއި، ރުކޫޢިން ތެދުވެވުމުން (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ގަދަވެގެންވާ ސުންނަތެކެވެ. އަދި ޙަންބަލީ މަޛްހަބުގައި ވާޖިބު ކަމެކެވެ. އެއީ ވާޖިބެއް ކަމަށް ދަލީލުކޮށްދޭ ދަލީލުތަކަކީ:
1. ރުކޫޢިން ތެދުވާއިރު އައްތަސްމީޢު (ސަމިޢަﷲ ލިމަން ޙަމިދަހޫ) ކިޔުމާއި، ރުކޫޢިން ތެދުވެވުމުން (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެމިހުންނެވިކަން. އަދި އެއްވެސް ޙާލެއްގައި އެކަން ދޫކޮށް ނުލައްވާކަން.
2. އެއީ ރުކޫޢިން އިޢްތިދާލަށް ބަދަލުވުމުގެ ޝިޢާރެވެ.
3. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إذا قال سمع الله لمن حمده ، فقولوا : ربنا ولك الحمد)
މާނައަކީ: "އިމާމާ، ސަމިޢަﷲ ލިމަން ޙަމިދަހޫ" ކިޔުމުން ތިޔަބައިމީހުން "ރައްބަނާ ވަލަކަލް ޙަމްދި" އޭ ކިޔާށެވެ.
އެކަނިހުރެ ނަމާދު ކުރާމީހާ ރުކޫޢިން ތެދުވާ އިރުގައި ތަޙްމީދާއި( ސަމިޢަﷲ ލިމަން ޙަމިދަހޫ) ތަސްމީޢު (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމަކީ ކުރަން ޖެހޭނެ ކަމެއްކަމުގައި ހުރިހާ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ.
އެހެންނަމަވެސް އިމާމާ އާއި މައުމޫމު މީހާ ކަންތައް ކުރާނީ ކޮންގޮތަކަށްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.
އިމާމު މީހާ އާއި ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ:
ހަނަފީންނާއި މާލިކީން ދެކިލައްވާ ގޮތުގައި އިމާމު މީހާ ކިޔާނީ ހަމައެކަނި ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އެވެ. (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމެއް ނެތެވެ.
ނަމަވެސް ޝާފިޢީންނާއި ޙަންބަލީން ދެކިލައްވާ ގޮތުގައި އިމަމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ވެސް ކިޔަން ޖެހެއެވެ.
މީގެ ތެރެއިން ރާޖިޙް ގޮތަކީ އިމާމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ވެސް ކިޔަން ޖެހޭނެ ކަމެވެ. ދަލީލަކީ އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ ޙަދީޘެވެ.
(كَانَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا قَالَ سَمِعَ اللهًُ لِمَنْ حَمِدَه قَالَ : الَّلهُمَّ رَبَّنَا وَلَكَ الحَمدُ)
މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަމިޢަﷲ ލިމަން ހަމިދަހޫ އޭ ވިދާޅުވެފައި " الَّلهُمَّ ރައްބަނާ ވަލަކަލް ޙަމްދި" މިހެން ވިދާޅުވެއެވެ.
މައުމޫމުންނާއި ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ:
ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބު ގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މައުމޫމު މީހާ ކިޔާނީ ހަމައެކަނި (ރައްބަނާ ވަލަކަލް ޙަމްދި) އެވެ.
ޝާފިޢީންނާއި ޡާހިރީން ގެ ގާތުގައި މައުމޫމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުން އެދެވިގެންވެއެވެ.
މީގެ ތެރެއިން ރާޖިޙް ގޮތަކީ ޖުމްހޫރުން ގެ ރައުޔެވެ. ދަލީލަކީ އަންނިވި ޙަދީޘެވެ.
(إنما جُعل الإمام لِيُؤتَمَّ به ، فإذا كبَّر فكبِّروا ، وإذا ركع فاركعوا ، وإذا سجد فاسجدوا ، وإذا قال سمع الله لمن حمده فقولوا ربنا ولك الحمد)
މާނައަކީ: "ހަމަކަށަވަރުން އިމާމާ ލެވިފައިވަނީ އޭނާ އަށް ތަބަޢަ ވުމަށެވ. އޭނާ ތަކްބީރު ކިޔައިފިނަމަ ތިޔަބައިމީހުންވެސް ތަކްބީރު ކިޔާ ހުށި ކަމެވެ. އޭނާ ރުކޫޢު ކޮށްފިނަމަ ތިޔަބައިމީހުންވެސް ރުކޫޢު ކުރާ ހުށި ކަމެވެ. އަދި އިމާމާ ސަޖިދަ ކޮށްފިނަމަ ތިޔަބައިމީހުންވެސް ސަޖިދަ ކުރާ ހުށި ކަމެވެ. އިމާމާ "ސަމިޢަﷲ ލިމަން ޙަމިދަހޫ" ކިޔައިފިނަމަ "ރައްބަނާ ވަލަކަލް ޙަމްދި" އޭ ކިޔާށެވެ".
والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
7 ޖުލައި 2025