އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ދަތިޙާލަތެއް ކުރިމަތިވުމުން އެކުވެރިން އެހީނުވުމުން ނުވަތަ ލިބުނު ހިތާމައިގައި ބައިވެރިނުވުމުން ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ދުލުންވެސް ހިތުންވެސް ޝަކުވާކުރެވޭނެއެވެ. ބައެއް މީހުން ދުލުން ޝަކުވާނުކުރި ނަމަވެސް ހިތުން ޝަކުވާވެސް ކުރެވޭނެއެވެ. އެކަމާއިދެރަވެސްވާނެއެވެ.
މިކަމުގައި ވިސްނައިލަން އޮތް ކަމަކީ އެއެކުވެރިންނަށް ކަމެއް ޖެހުމުން ތިމާ އެމީހުންނަށް އެހީތެރިވެދެވޭ މިންވަރެވެ. އެކަމުގައި އިޚްލާޞްތެރިވެވުނު މިންވަރެވެ. އެކަންކުރަންވީ އެމީހުން ތިމާއަށް އެހީތެރިވާނެ ކަމަށް ބަލައިގެނެއް ނޫނެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. އެކަންކުރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާތީއެވެ.
ކިތަންމެ ގިނަ ބައަކަށް އެހީވިނަމަވެސް ތިމާއަށް ކަމެއްޖެހޭ ދުވަހު އެހީތެރިވާނެ މީހުން މަދުވާނެއެވެ. ނަމަވެސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ތިބާ އެއްވެސް މީހަކަށް އެހީތެރިވެފައިވާނަމަ އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންބވެއެވެ. ތިބާއަށް ހެޔޮ ރަޙްމަތް ލައްވަވައެވެ. ވީމާ މީހަކު އެހީނުވިނަމަވެސް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން އެމީހަކަށްލިބިގެންދާނެއެވެ. އެއރުން މީހަކު އެހީތެރިނުވިނަމަވެސް ތިބާގެ ބޭނުންތައް ފުދިގެންދާނެއެވެ. އިން ޝާ ﷲ
ވީމާ އެހެން މީހަކު އެހީތެރިނުވެގެން ކަންބޮޑުވާން ނުޖެހޭނެ މަގު މިއޮތީ ފެންނާށެވެ! އެމަގުން ކުރިއަށްދާށެވެ! އެއިރުން އެހެން މީހަކު އެހީތެރިނުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
ވިސްނާށެވެ! ކޮންމެ އެކުވެރިއަކީ ތިބާއާއިއެކު އަބަދު ހުންނާނެ މީހެއް ނޫނެވެ. ދަތިކަމެއް ކުރިމަތިވުމުން އެހީތެރިވެދޭނެ މީހެއްވެސް ނޫނެވެ. ސަބަބަކީ ދުނިޔަވީ ކޮންމެވެސް ސަބަބަކަށްޓަކައި އެކުވެރިވެގެން އުޅޭ ބައަކު ކޮންމެ މީހަކާއިވެސް އެކުގައި އުޅޭނެއެވެ. އެކުވެރިން ގެންގުޅެންވާނީވެސް މިކަންކަން ދަނެހުރެގެންނެވެ.
ދަތިޙާލެއް ކުރިމަތިވިޔަސް މީހުންގެ ކިބައިން އެހީތެރިކަމަށް ނޭދޭ، އަދި އެހެން މީހަކު އެހީތެރިނުވެގެން ކަންބޮޑުނުވާ މީހުންނަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން މާބޮޑުވާނެއެވެ. އިން ޝާ ﷲ. އެހެން މީހެއްގެ ކިބައިން އެހީތެރިކަމަށް އެދެންވާނީ ކޮންމެހެން ފުއްދަން މަޖުބޫރުވާ ބޭނުމެއް ފުއްދޭނެ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ނަމައެވެ.
--މުފްތީ މެންކްގެ ދަރުސަކުން
Advertisement
8 ޖުލައި 2025