އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑަކީ ސިޔާސީ ތަޖުރިބާ ހުރި މީހެއް، މިހާރު ބޭނުންވާނީ ހަލާކުވެފަ އޮތް މަޖިލިސް އިސްލާހު ކުރެވޭނެ ނުވިކޭނެ މީހުން: އަލްއުސްތާޛް ޙުސެއިން ރަޝީދު

އަޅުގަނޑަކީ ސިޔާސީ ތަޖުރިބާ ހުރި މީހެއް، މިހާރު ބޭނުންވާނީ ހަލާކުވެފަ އޮތް މަޖިލިސް އިސްލާހު ކުރެވޭނެ ނުވިކޭނެ މީހުން: އަލްއުސްތާޛް ޙުސެއިން ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަ ކުރުމަށް ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި، އެމްޑީޕީގެ ފަރާތުން ޕްރައިމެރީގައި އެންމެ ގިނަ ކެންޑިޑޭޓުންނެއް ވާދަ ކުރަނީ ވިލިމާލޭ ދާއިރާއިންނެވެ.

އެގޮތުން ވިލިމާލެ ދާއިރާއަށް ބަލާއިރު، އެޕާޓީގެ ފަރާތުން ނުވަ ބޭފުޅަކު ވަނީ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ކުރިމަތިލާފައެވެ. 

އޭގެ ތެރެއިން އެއް ބޭފުޅަކީ، އެބޭފުޅެއްގެ ނަން އިވުމަށްފަހު ވެސް އެތައް ބަޔަކު އިޚްތިރާމް ކުރާ، ރައްޔިތުންގެ މެދުގައި ދީނީ އަޚުވަންތަކަން ކުރިއަރުވަން ގިނަގުނަ މަސައްކަތްތަކެއް ކޮށް، ޙައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެހީތެރިވެދިނުމުގެ އިތުރުން އަގުހުރި ދީނީ މައުލޫމާތުތަކެއް އުނގަންނައިދޭ ފޮތްތަކެއް ވެސް ލިޔުއްވާފައިވާ އަލްއުސްތާޛް ޙުސެއިން ރަޝިދު އަހުމަދު އެވެ. 

"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި ޙުސެއިން ރަޝީދު ވިދާޅުވީ، އޭނާ އަކީ 20 ވަރަކަށް 30 ވަރަކަށް އަކަރު ސިޔާސީ ކަންކަމުގައި އުޅެ އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހެއް ކަމުގައެވެ. 

"...އަޅުގަނޑާއި އެކުދިންނާއި ހުރި ތަފާތަކީ އަޅުގަނޑަކީ 20 އަކަށް 30 އަކަށް އަހަރު ވަންދެން ސިޔާސީ މައިދާނުގައި އުޅެ، ސިޔާސީ ތަޖުރިބާ ހުރި މީހެއް! އެކުދިންނަކީ އައު ކުދިން. މިހާރު ބޭނުން ވަނީ ސިޔާސީ ތަޖުރިބާ ހުރި މީހުން އަދި ޚާއްސަކޮށް ހަލާކުވެފައި އެއޮށް، ބޮއްސުން ލާފައި އެއޮށް ޖަމިލިސް އިސްލާހު ކުރެވޭނެ މީހުން. މަޖިލިސް އިސްލާހު ކުރުމަށްޓަކައި އަންނަން ޖެހޭނީ ތަންކޮޅެއް ގާބިލު،އެކަށީގެންވާ، ހަރުދަނާ މީހުން! ނުވިކޭނެ މީހުން!" ޙުސެއިން ރަޝިދު ވިދާޅުވިއެވެ. 

ވިލިމާލެއަކީ މާލޭގެ ފަސްވަނަ އަވަށަށްވީ ނަމަވެސް އެތަނަކީ އަދިވެސް އެންމެ އަސާސީ ބޭނުންތައް ވެސް ފުރިހަމަ އަށް ފުއްދޭގޮތަށް ހުރިތަނެއް ނޫން ކަމަށް ވިދާޅުވަމުން، އެހެންކަމުން އެކަން އިސްލާހުކޮށް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެތައް ކަންތައްތަކެއް ޙުސެއިން ރަޝީދު ފާހަގަ ކޮށްފައިވެއެވެ.

އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކުރުމަށް އަންނަން ޖެހުމުގެ ދަތިކަން ފިލުވާލުމުގެ ގޮތުން ކުރައްވާނެ އެންމެ ބޮޑު އެއް މަސައްކަތަކީ ފެރީތަކުގެ ނިޒާމު އިސްލާޙު ކުރުން ކަމަށް ޙުސެއިން ރަޝީދު ވިދާޅުވިއެވެ. 

"ފުރަތަމަ ކަމަކަށް ފެރީ ނިޒާމް އިސްލާޙު ކުރުން. ފެރީ ނިޒާމު އިސްލާޙުވީމަ ވާނެ ގޮތަކީ މީހުން ނުވިސްނާނެ މާލެއިން އެއްޗެހި ގަނެގެން ރަށަށް (ވިލިމާލެއަށް) ދާކަށް. ވާގޮތަކީ އެއްޗެހި ގަންނަން މިލިބެނީ މާލެއިން. ހަނޑޫ ހަކުރުވެސް ގަންނަން މިލިބެނީ މާލެއިން. އެހެންކަމުގައިވަންޏާ އެއެއްޗެހި ވިލިމާލެއަށް ގެންދިޔުމުގައި ޚަރަދުތަކެއް ހިނގާނެ. ހިނގީމަ ވާނެ ގޮތަކީ އެއްކަލަ ވިއްކާ މީހާ ވިއްކާނީ އަގު ބޮޑު ކޮށްލައިގެން. އެގޮތަށް ވިއްކަންޏާ ކޮންމެ މީހަކުވެސް ބޭނުންވާނީ ވިލިމާލެއިން (އަގުބޮޑުކޮށް) އެއެއްޗެއް ނުގަނެ މާލެއިން އެއެއްޗެއް ގަނެގެން ދާން. މިފަދައިން އެއްޗެހި އަގުބޮޑުކޮށް ވިއްކާތީ ހަގީގަތުގައި ވިލިމާލޭގައި އެއްވެސް ކަމެއް އާލާއެއް ނުވޭ! ވިޔަފާރިއެއް އާލާއެއް ނުވޭ! އަޅުގަނޑު މަސައްކަތް ކުރާނަން އެތަން ރަނގަޅަށް އާބާދުވޭތޯ." އަލްއުސްތާޛް ޙުސެއިން ރަޝީދު ވިދާޅުވިއެވެ. 

ވިލިމާލެއަކީ ހަގީގަތުގައި ވެސް ދިރިއުޅެއް ކިތަންމެ ހިތްގައިމު ހިތްފަސޭޙަ ތަނެއް ނަމަވެސް، އެތަނުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ވަރަށް ގިނަ ދަތިކަންތައްތައް ހުރެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާއިރު، ދުރުތަނަކަށް ރޭގަނޑު ގަޑީގައި ދާން ޖެހިއްޖެނަމަ (މިސާލަކަށް ރަށުގެ އަނެއް ކޮޅުގައި ދިރިއުޅޭ މީހަކު ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ދާން ޖެހިއްޖެނަމަ) ވެސް ފަސޭހައިން ދެވޭނެ ގޮތެއް ނުހުރެއެވެ. ކުރިން އެތަނުގައި ބަގީގެ ޚިދުމަތްދީ، އެމޚިދުމަތް ހިންގުމަށް ދެ ބިމެއް ސަރުކާރުގެ ފަރާތުން، ޙިކުމަތް ހިންގި މީހުންނަށް ދެއްވިކަން ޙުސެއިން ރަޝީދު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ބަގީގެ ހިދުމަތް މިހާރު ވިލިމާލޭގައި ނުދޭ ކަމަށާއި ނަމަވެސް އެދެބިން އަދިވެސް ހުރީ އެމީހުން އަތުގައިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. 

އަނެއް ކަމަކަށް ޙުސެއިން ރަޝީދު ފާހަގަ ކުރެއްވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ވާހަކައެވެ. 

"ހޮސްޕިޓަލަކީ ހަމަ ނަމަކަށް ބޯޑު ބަދަލު ކޮށްފަ ހުރި ތަނެއް. އެއީ ހަމަ ވިލިނގިލީ ސިއްޙީ މަރުކަޒު. އެއްވެސް ބަދަލެއް ނާދޭ. ކުޑަކުޑަ ދެ ތިން މެޝިނެއް ގެނެސްފައި އެހުރީ. ޚާއްސަ ބަލިތަކާއި ބެހޭ ޑޮކްޓަރުންނެއް ނުތިބޭ، އެމީހުން ތިބެނީ ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް. ބަލިވެގެން ދާ މީހާ މިޖެހެނީ ޚިދުމަތް ހޯދަން މާލެ އެހެންނޫނީ ހުޅުމާލެ ހޮސްޕިޓަލަށް ދާން. މިހުންނަނީ ހުސް ރަނގަޅު ކުރަން ޖެހޭ ކަންކަން. ރަނގަޅު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ކަންކަން."

އެމްޑީޕީ ޕްރައިމެރީގައި ޙުސެއިން ރަޝީދުގެ އިތުރުން އަށް ބޭފުޅަކު ވާދަ ކުރައްވާއިރު، އެބޭފުޅުންނަށް އަލްއުސްތާޛު ހުސެއިން ރަޝީދު ދެއްވި މެސެޖަކީ، މިސާލަކަށް އޭނާ ނުހޮވުނު ކަމުގައިވިޔަސް، ހޮވޭ ބޭފުޅެއްގެ ފަހަތުގައި ވެސް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ