އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދެވަނަ އަންހެން ދަރިފުޅު...

ދެވަނަ އަންހެން ދަރިފުޅު...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 34 ސިކުންތު

"ބައްޕާ... ބައްޕާ ޕްލީޒް... އަހަރެން ބޭރަށް ނުލާ... ބިރު ގަނޭ.. މީހުން މަލާމަތް ވެސް ކުރާނެ.. ޕްލީޒް ބައްޕާ.. ދެން އެކަހަލަ ކަމެއް ނުކުރާނަމޭ.." އުމުރުން އެއިރު އެންމެ ނުވަ އަހަރުގެ އައިމީ އޭނާގެ ބައްޕަ ގާތު ރޮމުން އާދޭސް ކުރިއެވެ.

އެރިރު ގަޑިން ހެނދުނު ހަތެއް ޖެހީއެވެ. އައިމީ ނިދާ ހޭލުމާއެކު އޭނާގެ ބައްޕަ އޭނާ ގެއިން ބޭރަށްލާން ވަރުދައްކާފައި ހުރީ، ނިދީގައި އޮވެ އައިމީ އަށް ތަންމައްޗަށް ހީސްލެވިފައި އޮތުމުންނެވެ.

ފަހަކަށް އައިސް އެއީ އައިމީ އަށް ވަރަށް ގިނައިން ދިމާވަމުން އައި މައްސަލައެކެވެ. ނިދުމުގެ ކުރިން ފާޚާނާއަށް ގޮސްފައި އަޔަސް، ނިދީގައި ކޮންޓްރޯލް ނުވަނީއެވެ. އެއީ އޭނާ ގަސްދުގައި ކުރާކަމަކަށް ނުވި ނަމަވެސް، އެކަމަށް އަބަދުވެސް އޭނާއާއި ދިމާލަށް އޭނާގެ ބައްޕަ އެއްޗެހި ކިޔައެވެ. ތަޅަންވެސް ތެޅިއެވެ. އެހެންކަމުން ބައެއް ރޭ ރޭ އެގޮތަށް ތަންމައްޗަށް ހީސްލެވުމުން، ބައްޕަދެކެ ގަންނަ ބިރުން، އަވަހަށް އެތަނެއް ހިއްކޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް އެކުޑަކުޑަ ކުއްޖާއަށް އެތަން ރީތިކޮށް ދޮންނާނެ ގޮތެއް އަދި ހިއްކާނެ ގޮތެއް ވެސް ނޭނގެއެވެ.

އައިމީ ގެއިން ބޭރަށްލުމުން، ގޭގެ ދޮރު ކައިރީގައި ވަރަށް ގިނައިރު ވަންދެން ރޯން ހުއްޓެވެ. މަގުމަތިން ހިނގާފައި ދިޔަ މީހުން އޭނާއާއި ދިމާލަށް ބަލަމުންދާތީ ވަރަށް ލަދުވެސް ގަތެވެ. އެހެންކަމުން ލިބެމުންދިޔަ ހިތްދަތިކަން އިންތިހާއަށް އިތުރުވިއެވެ. އެގެއިން ވެސް އެއިރު ކިތަންމެ ގިނަ ބަޔަކު ވަދެ ނިކުމެ ހެދިޔަސް، އެކަކު ވެސް އައިމީ އެތެރެއަކަށް ނުވެއްދިއެވެ. އޭނާ ހުރީ ބައްޕަ ދިން އަދަބެއްގައި ކަމަށްވާތީއެވެ.

އެހެން އެފަކީރު ހުއްޓާ ގަޑިން އެގާރަ ޖަހަން ކައިރި ވެއްޖެއެވެ. ސައިވެސް ނުބޮއެ ހުރުމުން ބަނޑުހައިވުމުގެ  އިތުރުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. ގައިން ނުބައި ވަސް ދުވާތީ ވަރަށް ދެރަވެ ލަދުގެންފައެވެ. އެވަގުތު ގޭގެ ދޮރު ހުޅުވާފައި އައިމީގެ ބައްޕަ ނިކުމެ އެންމެ ފަހުން އޭނާ އެތެރެއަށް ވެއްދިއެވެ. އެއިރު އޭނާގެ ގައިން ދުވި ވަހުން އެތާތިބި އެހެން މީހުންވެސް ނޭފަތުގައި އަތް އެޅިއެވެ. އައިމީ ވަރަށް ބޮޑަށް ދެރަވެ ލަދުގަތެވެ. އެހެން ކަންތައް ކުރުމަށްވުރެ، އާދައިގެ މަތިން ބައްޕަ އޭނާގެ ގައިގާ ތެޅި ނަމަވެސް މާރަނގަޅު ވީހޭ ވެސް ހިތައް އެރިއެވެ.

ފެންވަރައިގެން އައިސް ސައިބޯން އިށީނެވެ. އައިމީ އަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބިފައިވާ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އެއާއިލާގައި ތިބެނީ ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

އުމުރުގެ ގޮތުން އައިމީ އަށްވުރެ އޭނާގެ ދޮންތަ ހަތަރު އަހަރު ބޮޑެވެ. ދޮންތަ ހުންނަނީ އައިމީ އާއި ޚިލާފަށް ދޮންކޮށް، ހަށިގަނޑު ވެސް ރޫފަ ރަނގަޅު ވަރަކަށެވެ. މޫނުގައި އެއްވެސް ބިއްސެއް ވެސް ނުހުރެއެވެ. ހަންގަނޑު އެހާމެ އޮމާނެވެ. ނަމަވެސް އައިމީ ހުންނަނީ ކަޅުކޮށް، ވަރަށް ބޮޑަށް ހިކި އަނަރޫފަކޮށެވެ. މޫނުމަތި ހުންނަނީ އަބަދުހެން ތެޔޮވެފައެވެ.

މަންމަމެން ބޭރަށްދާނަމަ ގިނައިން ދަނީ އައިމީގެ ދޮންތަ ގޮވައިގެންނެވެ. އައިމީ ގޮވައިގެންދާ ފަހަރުތަކުގައި ވެސް ބަހައްޓަނީ ތަންކޮޅެއް ދުރުގައެވެ. އެހެންކަމުން ފަހަކަށް އައިސް އައިމީ ބޭރަށް ގޮސް އުޅުނީ އެކަންޏެވެ. ދުރަށް ނުދިޔަޔަސް ގޭގެ ކަންމައްޗާއި ހަމައަށް ނުވަތަ އޭނާގެ މަންމަގެ އެންމެ ގާތް އެކުވެރިޔާ ސަކީނާއްތަގެ ގެއަށް އައިމީ ދެއެވެ.

ސަކީނާއްތަ އައިމީއަށް ވަރަށް ހެވެވެ. މައިންބަފައިން އައިމީއާއި ދެންތިބި ކުދިންނާއިމެދު ތަފާތު ކުރާކަން އިހުސާސް ކުރެވުމުން އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ސަކީނާއްތަ ވިސްނައިދެނީ ހިތްވަރު ކުރުމަށާއި އެއީ އައިމީ އަށް ހަމަ ހީވާ އެއްޗެއް ކަމަށެވެ.

ސައިބޮއެ ނިމިގެން އައިމީ ދިޔައީ އޭނާގެ ބޮޑުދައިތަގެ ކުދިންނާއެކު ކުޅޭށެވެ. އައިމީ މެން އެއިރު އުޅުނީ އެގޭގައެވެ. އޭނާއާއި އެކުދިން ދުވަހަކުވެސް ދިމާކޮށެއް ނުހަދައެވެ. ނަމަވެސް އެކުދިން ލާފަ ހުންނަ ރީތި ހެދުންތައް ފެނިފައި ބައެއް ފަހަރު އައިމީ އެކުދިންނާއެކު އުޅެން ޖެހިލުންވެއެވެ. އެއީ އައިމީ ލާފަ ހުންނަ ހެދުންތަކަކީ ގިނަ ފަހަރަށް ކޮންމެވެސް އެހެން ކުއްޖަކު ލާފަ ބާކޮށްފައި ހުންނަ ހެދުމަށްވެފައި ބައެއް ފަހަރު އެހެދުންތައް ނުދޮވެ ހުންނާތީއެވެ.

ބޮޑުދައިތަގެ ކުދިންނާއެކު ކުޅެ ނިމިގެން އެކުދިންނާއެކު އައިމީ ނަމާދުކޮށް ޤުރްއާން ވެސް ކިޔެވިއެވެ. މަޣްރިބް ނަމާދުކޮށް ނިމިގެން ވަރަށް އުފަލުން އެވާހަކަ މަންމަ ގާތު ބުނަން އޭނާ ދިޔައެވެ. ހަޑިކަމެއް ކުރިން ކުރެވިފަ އޮތްކަމުގައިވި ނަމަވެސް ނަމާދުކޮށް ކިޔަވާ ހެދިކަން އެނގުމުން އޭނާގެ މަންމަމެން، އަދި ޚާއްސަކޮށް ބައްޕަ، ވަރަށް އުފާވާނޭ ހިތައް އަރާފައެވެ.

"މަންމާ.. އަހަރެން މިއައީ.." ހެވިދިލިފަ އައިމީ އެހެން ބުނަން ފެށިތަނާހެން އޭނާގެ މަންމަ އޭނާ ހުއްޓުވިއެވެ.

"ޝްހްހްހް.. ދޮންތަ ޤުރްޢާން ކިޔަވަނީ. އަޑު އަހާބަލަ!" މަންމަ ބުނިބަސް އަހައިގެން، އޭނާގެ ދޮންތަ ކިޔަވާ ނިމެންދެން މަޑުކުރިއެވެ. ދޮންތަ ކިޔަވާ ނިމުމާއެކު ބައްޕަ ބުންޏެވެ.

"ވަރަށް ރީތި ދަރިފުޅު ކިޔެވިލެއް. ވަރަށް މޮޅު." ހިނިތުންވުމަކާއެކު ބައްޕަ ދޮންތައާއި ދިމާލަށް ބުންޏެވެ. އަދި ހަމަ އެވަގުތު އައިމީ އާއި ދިމާލަށް ބަލާލާފައި ބުންޏެވެ.

"އެހެންވެސް މީންދަ ފެންނަ މީހާއަކަށް ނޭނގޭނެ ކިޔަވާކަށް. ނުވެސް އުޅޭނެ ވިއްޔަ ކިޔަވަން. އަބަދު އުޅޭނީ ބޭރުގަ އެހެން ނޫނީ ކުޅެން. ކިޔެވުމުގެ އެއްވެސް ކަމަކާ އުޅެނީކީ ނޫން. އަހަރެން ހިތައްއަރާ މިއީ ބޮޑުވެގެން ކިހާ ވަރަކުން ދާނެ އަންހެނެއް ބާއޭ." ނުރުހުމުގެ ރާގަށް ބައްޕަ އެހެން ބުނެފައި އެތަނުން ދިޔައެވެ. އެވަގުތު އައިމީ ވަރަށް ބޮޑަށް ދެރަވިއެވެ. އަދި އޭނާގެ މަންމައާއި ދިމާލަށް ބަލާލާފައި ބުންޏެވެ.

"މަންމާ. އަހަރެން ވެސް މިއައީ ކިޔަވައިގެން. ނަމާދުވެސް ކުރިން. މަންމައަށް ކިޔާދެންތަ އަހަރެން ވެސް؟" ދޮންތަ ކިޔެވި އަޑު އެހި ގޮތަށް އައިމީ ކިޔަވާ އަޑުވެސް އަހާނެ ކަމަށް އަނެއްކާވެސް އުންމީދުކޮށްފައި އޭނާ ބުންޏެވެ.

"ދޮގު ހަދާކަށް ނުވާނެ އިނގޭ. ޚާއްސަކޮށް ނަމާދާއި ޤުރްއާނާއި ބެހޭ ގޮތުން. މަންމައަށް ދެން ނުއިދެވޭނެ މިތާކު އިތުރަކަށް. ބޭބެމެންނަށް ކާންހަދަން ވެއްޖެ. އައިމީ މިތާ އިނދެ ކިޔަވައިގެން ދޭ އިނގޭ. ކައިގެން ދެން ނިދަން އޮށޯވޭ. ހަނދާންކޮށް މިރޭ އެހާގިނައިން ފެން ނުބޯތި! ހީސްލައިގެން ނިދާނީ!" މިހެން ބުނެފައި މަންމަ އެތަނުން ތެދުވެގެން ދިޔައެވެ.

ކުޑަކުޑަ އައިމީ އިނީ ހިތްދަތި ވެފައެވެ.

(އަދި ނުނިމޭ..)

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
12%
ރަނގަޅު
21%
އޯކޭ
32%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ