އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިވިއު: ކުއްލިކުއްލިއަކަށް ސިއްސުވަމުން "ދައުވަތު" ވަނީ ބެލުންތެރިންގެ ހިތައް!

ރިވިއު: ކުއްލިކުއްލިއަކަށް ސިއްސުވަމުން "ދައުވަތު" ވަނީ ބެލުންތެރިންގެ ހިތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 34 ސިކުންތު

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސްކްރީނުގައި ޕްރިމިއަ ކޮށްފައިވާއިރު، މިހާތަނަށް މިފިލްމު ވެގެން ގޮސްފައިމިވަނީ ގިނަ ބެލުންތެރިންނަށް ނުހަނު ކަމުދިޔަ ފިލްމަކަށެވެ. 

ސިހުރުގެ ނުބައިކަމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކޮށްފައިވާ މިފިލްމަކީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ބިރުވެރި ފިލްމެކެވެ. 

އެކިއެކި މަންޒަރުތަކުން ކުއްލި ކުއްލިއަށް ސިއްސުވާލި ނަމަވެސް، އެސިހުން ބެލުންތެރިންނަށް ވެގެން ދިޔައީ، ފިލްމުން ދޭން ބޭނުންވި މެސެޖު ވަރަށް ފުރިހަމައަށް ހިތުތެރެއަށް ވަދެގެންދިޔަ މެސެޖަކަށެވެ. ސިހުރަކީ ކިހާ ވަރެއްގެ ނުބައިކަމެއް ކަމާއި އޭގެ ސަބަބުން ތިމާމީހާ އަމިއްލަ ނަފްސަށް އޮންނަ ބާރު ވެސް ކެނޑިގެންދާކަން މިފިލްމުން ދައްކުވައިދީފައިވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިހުރުން ރައްކާތެރިވެވޭނީ ކިހިނެއްކަން "ދައުވަތު" އިން ދައްކާދެވިފައިވާނަމަ، މިފިލްމުގެ ފުރިހަމަކަން އަދި މިއަށްވުރެ ބޮޑަށް އިތުރުވީހެވެ. 

"ދައުވަތު" މިފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ބަޠަލާކަމަށްވާ މަރިޔަމް އައްޒަ އާއި ދުވަހުން ދުވަހަކަށް ކުރިއަރަމުން އަންނަ އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން އޭނާގެ ކޮންމެ ފިލްމަކުން ވެސް ތަފާތު އެކްޓިން އެއް ދައްކާދެމުން އަންނަ އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުުރުން ކޮމެޑީ އެކްޓު ކުރުމުގެ މާހިރު މުހައްމަދު ފައިސަލް އާއި ފޯޓީޕްލަސް އިން ތަޢާރަފްވި ޒިޔާދާ ވެސް މިފިލްމުގައި މުހިންމު ރޯލެއް އަދާ ކޮށްފައިވެއެވެ.

 

ރިވިއު (މުހިންމު ތިން ތަރިންގެ):

· މަރިޔަމް އައްޒަ - ޒީނިޔާ

އައްޒަ އޭ ބުނުމުން އެއީ ކާކުކަން ނޭނގިދާނެ މީހުން މިހާރު މިރާއްޖޭގައި މަދުވާނެކަން ހަމަ ޔަގީނެވެ. "ދައުވަތު" މިފިލްމުގައި އައްޒަ ކުޅެފައިވަނީ "ޒީނިޔާ" ގެ ރޯލެވެ. އަލަތު ކައިވެންޏެއް ކޮށްގެން އޭނާ ފިރިމީހާއާއެކު ހަނީމޫނަށް ރަށަކަށްދަނީ ނުހަނު އުފާވެރި ދުވަސްތަކެއް ހޭދަ ކުރުމަށެވެ. ނަމަވެސް ހިތައްވެސް ނުގެނެވޭނެފަދަ ބިރުވެރި، އަދި އެހާމެ ހާސް ކުރުވަނިވި ހާދިސާތަކެއް އޭނާއަށް ދިމާވާން ފަށައެވެ. މިފިލްމުގައި އައްޒަގެ އެކްޓިން އާއިމެދު ބުނެވޭނީ އޯވަރޯލްކޮށް ބަލާނަމަ ވަރަށް ފުރިހަމަ ކަމަށެވެ. ދިމާވެގެން އުޅޭ ކަންތައްތަކުގެ ސަބަބުން ބިރުގަންނާނެ ވަރާއި ހާސްވާނެވަރު އަދި ސުވާލު އުފެދިފައި ހުންނާނެވަރު، އައްޒަ ވަރަށް މޮޅަށް ދައްކުވައިދީފަވެއެވެ. ނަމަވެސް އާދައިގެ ގޮތަކަށް ހުންނައިރު، އޭނާގެ އެކްޓިން އިން ކުޑަ ތަންކޮޅެއް (އަސްލާއި އެއްގޮތް ނުވެ) އުނިވާކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެހެން މަންޒަރުތަކުގައި ދައްކުވައިދީފައިވާ އެކްޓުގެ ފުރިހަމަކަމުން، މުޅި ފިލްމުވަނީ ވަރަށް ބޮޑަށް ފުރިހަމަވެފައެވެ.

 

· އަލީ އާޒިމް (ދޮން އައްޔަ) – ރަޒީން

ދޮން އައްޔަ އާއިމެދު ބުނެވޭނީ، އޭނާ އަންނަނީ އެކްޓު ކުރުމުގެ ދާއިރާގައި ދުވަހުން ދުވަހަކަށް ކުރިއަރަމުން ކަމަށެވެ. އެއް ފިލްމަކަށްފަހު އަނެއް ފިލްމަކުން، އޭނާގެ ހުނަރު ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިފިލްމުގައި ދޮން އައްޔަ ކުޅެފައިވަނީ ރަޒީން ގެ ރޯލެވެ. ލޯބިވާ އަނބިހާއަށް ބަދަލުތަކެއް އަންނަން ފަށައިފި ކަމާއި އެކަމުން އަނބިމީހާ ސަލާމަތް ކުރުމަށް ކުރެވެން ހުރިހާ މަސައްކަތެއް އޭނާ ކުރެއެވެ. ފަހު ވަގުތާއި ޖެހެންދެން ވެސް އެކުގައި އުޅޭނެކަން ޒީނިޔާގެ އިތުރުން ބެލުންތެރިންނަށް ވެސް ރަޒީން ވަނީ މިފިލްމުގައި ހާމަ ކޮށްދީފައެވެ. ވަރަށް ވެސް ފުރިހަމައަށް އެކެރެކްޓާ ދައްކުވައިދީފަވާއިރު، ދޮން އައްޔަގެ ފަރާތުން ފާހަގަވި އުނިކަމަކީ، ދައްކުވައިދޭން ޖެހޭ ސީރިއަސްކަން ކުޑަ ތަންކޮޅެއް މަދުން ދައްކުވައިދެވުމެވެ. ނަމަވެސް މިއީ މިފިލްމު ނުބަލާ ދޫކޮށްލާވަރުގެ ސަބަބެއް ނޫނެވެ. އޭނާގެ އެކްޓިން ވެސް އޯވަރޯލްކޮށް ބުނާނަމަ ވަރަށް މޮޅެވެ.

 

· އަހުމަދު އީސަ (އާނަންދު) - ސާޖިދު

ކުރިންވެސް ބުނި ފަދައިން މިފިލްމަކީ އާނަންދުގެ ވަރަށް ތަފާތު އެކްޓިންގ އެއް ފެނިގެން ދިޔަ ފިލްމެކެވެ. އޭނާ މިފިލްމުގައި އަދާކޮށްފައިވަނީ ސާޖިދު ގެ ރޯލެވެ. ސާޖިދަކީ ކޮންކަހަލަ މީހެއްކަން އާނަންދު ވަނީ ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. އެކެރެކްޓާ ދައްކާ ދިނުމަށް އޭނާއަށް އުނދަގޫވީ ކިހާވަރަކަށް ކަމެއް ބެލުންތެރިންނަށް ނޭނގުނު ކަމުގައިވިޔަސް، ހަމަޔަގީނުންވެސް ދީފައިވާ ކެރެކްޓާ ވަރަށް ފުރިހަމައަށް ކުޅެފައިވެއެވެ. ސާޖިދު ކެރެކްޓާއިން ފާހަގަވި އުނިކަމަކީ ނުރައްކާތެރި މީހެއްކަން ދައްކުވައި ދެވުމުގެ އިތުރުން، ސިކުނޑީގަ މައްސަލައެއް ވެސް ހުންނަ މީހެއްކަން ތަންކޮޅެއް ބޮޑަށް ދައްކައިދެވުމެވެ. ނަމަވެސް އެއީވެސް ކެރެކްޓާގެ ބަޔަކަށްވާތީ، އެކަން ވެސް އެހާ ބޮޑަކަށް ފާހަގައެއް ނުވެއެވެ. 

ފިލްމުން ދެން ފެނިގެންދާ ފައިސަލް ގެ އެކްޓިން އާއިމެދު ބުނެވޭނީ، މިއީ އޭނާ އާންމުގޮތެއްގައި އެކްޓު ކުރާ ފިލްމުތަކާއި އަޅާ ބަލާއިރު ވަރަށް ތަފާތު އެކްޓިން އެއް ދައްކުވައިދީފައިވާ ފިލްމެއް ކަމަށެވެ. ފިލްމީ ދާއިރާގައި ފައިސަލް އަންނަނީ ދުވަހުން ދުވަހަކަށް ކުރިއަރަމުންނެވެ. އޭނާގެ އިތުރުން ދެން ފެނިގެންދާ ޒިޔާދާ ގެ ހުނަރުވެސް ވަރަށް ބޮޑެވެ. އޭނާގެ މާބޮޑު ރޯލެއް މިފިލްމުން ނުފެނުނު ކަމުގައިވިޔަސް، ފެނުނު މަންޒަރުތަކުން ހަމަޔަގީނުންވެސް އެއީ އެހާވެސް ފަސޭހައިން ކުރެވިދާނެ އެކްޓިންގ އެއް ނޫންކަން ހާމަވެއެވެ.

"ދައުވަތު" މިފިލްމަކީ ވަރަށް ވެސް ފުރިހަމަ، އަދި އެހާމެ ރަނގަޅު މެސެޖަކާއެކީ ބެލުންތެރިންނާއި ހަމަޔަށް އައިސްފައިވާ މޮޅު ފިލްމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ