އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނާކާ: އެޕިސޯޑް 2

ނާކާ: އެޕިސޯޑް 2


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 40 ސިކުންތު

ރަނގަބީލުގެ އަޑާއެކު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އިށީންދެގެން ތިބި ތަންތަނަށް ބެހިގެން ދިޔައެވެ. ދިވެހި ގަޑި ނަގައި ދެއްވަން މިއަދު އައީ މުޅިން އާ ޓީޗަރެކެވެ. އެއީ ވަރަށް ޒުވާން ޓީޗަރެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ފަންއިސްތަށި ގަނޑެއް ފިލިފައިވާ އޭނާ ހުރީ އާދައިގެ އިސްކޮޅެއްގައެވެ. އޭނަގެ ހަމުގެ ދޮންކަމާއި މޫނު މަތީގެ ރީތިކަމުގެ ޖާދޫގައި ކުލާހުގެ ހުރިހާ ފިރިހެން ކުދިން ތިބީ ޖެހި އާގަމަ ވެފައެވެ. އެ މުދައްރިސް ދުރުވެ ހުރިހާ ކުދިންނަށް އޭނާގެ ތައާރަފް ދިނެވެ. އޭނާގެ ނަމަކީ ހަލީމަތު ޝައިހާއެވެ. ކުރުކޮށް ބުނާނަމަ ޝައިހާ މިސް އެވެ. މީގެފަހުން ގުރޭޑް 12ގެ ހުރިހާ ކުލާހަކަށްވެސް ދިވެހި ކިޔަވާ ދެއްވާނީ އޭނާ ކަމަށް އޭނާ ބުނެލީ އޭނާގެ ތަފުސީލު އިތުރަށް ފުރިހަމަ ކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު ފަހަރަކު ކުއްޖެއްގެ ނަން އެ މުދައްރިސް އަހަމުން ދިޔައެވެ. ފަތީން އާއި މުދައްރިސް ސުވާލު ކުރުމުން އޭނާގެ ނަން ބުނި މަޑުމައިތިރި ގޮތުން މުދައްރިސްގެ މޫނު މަތީގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ފަތީން އަށް ކަމެއް ދިމާވެފައި ވާކަން މުދައްރިސްއަށް އެނގުނު ފަދައެވެ.

ކޮންމެއަކަސް އެކުވެރި މާހައުލެއްގައި ސުކޫލުގެ ސެޝަން ނިންމާލެވުނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ސުކޫލުން ނިކުމެގެން ގެއަށްދާން ފަތީން ހިނގައިގަތީ އާދައެކޭ އެއްފަދައިން ޝިމާ އާއި އެކުގައެވެ. ބޮޑުމަގާއި އަރާ ހަމަވިވަގުތު  އާނިސް އެކުދިންގެ ފަހަތުން ހިނގާފައި އައިސް އެކުދިންނާއި ހަމަކުރިއެވެ.

"ހެއި ބޭބް ކިހިނެއް؟" އާނިސް އެކުދިންނާއި އަރާ ހަމަވި ވަގުތު ފަހަތުން އިވިގެން އައި އަޑަށް ތިން ކުދިންނަށް އެއްފަހަރާ ފަހަތަށް އެނބުރިލެވުނެވެ. ފަހަތުގައި ހުރީ ނަޒީހު އެވެ. އޭނާގެ ބަސް އަމާޒުވީ ޝިމާއަށްކަން އެ ތިން ކުދިންނަށްވެސް އެނގުނެވެ. އޭނާގެ މޫނު ފެނިފައި ޝިމާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. "ބޭބް މަތިން ހާދަ މިސް ވިޔޭ މިތިން ދުވަހު. ނުވެސް ފެނެއެއްނު މަގުއައްޗަކުން." ފަތީން މެނާއި ގާތަށް ޖެހިލަމުން ނަޒީހު ޝިމާ އާއި ވާހަކަ ދެއްކިއެވެ. ފަތީން އިސްދަށަށް ޖަހައިގެން ހުރީ ނަޒީހު އާއި ދިމާލަށް އެއްޗެކޭ ނުބުނެ ކެތްކުރާނަމޭ ހިތާއެވެ. "މިއަދު ތިތިބީ ހާދަ މޫނު ފުސް ކޮށްގެންނޭ! ނުވެސް ގުޅޭ.. ތީ މާގައްޑާ ބައެއްނު.." އެ ތިން ކުދިންގެ ކުރިމަތީހުރެ ނަޒީހު ވާހަކަ ދައްކަމުން ދިޔައިރު ފަތީން އާއި ޝިމާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ނޭވާ ދިޔައީ ބާރު ވަމުންނެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ކެތް ކޮށްގެން އެކުދިން ތިއްބެވެ. "ކިހިނެއް ވީހޭ ފަތީނޫ މާ މަޑުން ތި ހުންނަނީ؟ ކޮބާތަ ތިގުރޫޕު އެންމެ ބޮޑު ގައްޑާ؟ ފަޒިންޓެ ގައްޑާ؟" ނަޒީހް ގެ އަނގައިން ފަޒީންގެ ވާހަކަ ފެށުމުން ފަތީންގެ ރުޅިގަނޑު ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައެވެ. ފަތީން އިސްއުފުލާ ނަޒީހު އާއި ދިމާލަށް ބަލާލިއެވެ. ފަތީންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެވަރުންވެސް ނަޒީހު ދުލެއް ނުކުރިއެވެ. "އޮއޯ.. އަދިމިހިރީ ހަނދާން ނެތިފައޭ. އޭނަ އޭނާގެ މަގާމަށް ގޮއްސިއެންނު ދޯ.. އެބަލާއިންވެސް މި ސަލާމަތް ވީ.. ހަހަހަ" އެއަޑު އަހާފައި ފަތީންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "ކަލޭ ކީކޭ ކިޔަންތަ ތިއުޅެނީ.. މަގޭ ބޭބެ މާރާލާފަ ހަޔާތްކުޑަ އެބަ ހުއްޓެއްނު ހެވިފަ. ކަލޭ ހީކުރީ މަށަށް ނޭނގޭނެ ކަމަށްތަ.؟ މަގޭ ބޭބެ މަރާލާފަ ކަލޭ ތިހެން ހުއްޓަކަ ނުދޭނަން ހަނދާން ކުރާތި!" ނަޒީހުގެ ކަރުގައި ހިފައި ޖެހިގެން ހުރި ގޭގެ ބިތުގައި ބަންލާފައި ޖެއްސި އިރު ފަތީންއަށް އޭނާ ހުރީ މަގުމަތީގައި ކަންވެސް އިހުސާސް ނުކުރެވޭ ކަހަލައެވެ. ނަޒީހުވެސް ދިފާއުގައި ފަތީންއަށް ހަމަލާ ދޭން ފެށިއެވެ. އެކަކު އަނެކަކަށް ހަމަލާ ދޭން ފެށީ ގޮށްމުށުގެ ބާރުންނެވެ. އެމަންޒަރު ބަލަން ކައިރީގައި އާނިސް އާއި ޝިމާ އަކަށް ނުތިބެވުނެވެ. އެދެކުދިން ފަތީންއާއި ނަޒީހު ދުރުކުރުވިއެވެ. ނަމަވެސް އެދެމެދުގައި އުފެދިފައިއޮތް ކޯޅުން ގަނޑު ހުއްޓުނުއިރު ނަޒީހުގެ ނޭފަތުން ވަނީ ލޭ އައިސްފައެވެ. ފަތީންގެ ޔުނީފޯމުގެ ބާމަތިން ތަންގަނޑެއް ވަނީ އިރައިގެން ގޮސްފައެވެ. "ކަލޭ ހަނދާން ބަހައްޓާތި ކާކާކަން ތި ކުޅެވުނީ.." އެތަނުން ދުރަށް ދަމުން ނަޒީހު ދިޔައީ ފަތީން އަށް އިންޒާރެއް ދެމުންނެވެ.

ފަތީން ގެޔާ އަރާ ހަމަވިއިރު ގޭގެ ދޮރުމަތީގައި ދެ ފުލުހަކު ތިއްބެވެ. އެމީހުން ދިޔައީ ގޭގެ ދޮރުގައި ޓަކި ތަޅަމުންނެވެ. ފަތީން އެމީހުނާ އަރާ ހަމަވި ވަގުތު އެމީހުން ފަތީންގެ މަންމަ އާއި ބައްޕައަށް ގޮވައި ދިނުމަށް އެދުނެވެ. ފަތީން ގެއަށްވަދެ މަންމަ އާއި ބައްޕަ ހޯދާލިއެވެ. އެމީހުން ތިބީ ކޮޓަރީގައެވެ. ފައުޒާ ކޮށްކޮވެސް މަންމަމެން ކޮޓަރީގައި އިނެވެ. ފަތީން ފެނުމާއެކު އެންމެ ފުރަތަމަވެސް މަންމަ ސުވާލު ކުރީ ފަތީންގެ ޔުނީފޯމަށް ވެފައި ހުރި ގޮތަކާއި ބެހޭގޮތުންނެވެ. ފަތީންގެ އިސްތަށިގަނޑު ހޭވި، ޔުނީފޯމު އިރައިގެންގޮސް، މޫނުމަތި ރަތްވެފައި ހުރުމުން ކަމެއް ދިމާވެފައިވާކަން ފާތުމާއަށް އެނގުނެވެ. ނަމަވެސް ފަތީން ބޭނުންވީ އެވާހަކަ ނުދައްކާ ހިންދާލާށެވެ. އެގޮތުން ފަތީން ފުލުހުންގެ ބަޔަކު ފާތުމާއާއި އިބުރާހިމް ހޯދަން އައިސް ތިބި ވާހަކަ ބުންޔެވެ. އެވަގުތު ފާތުމާ އާއި އިބުރާހިމް ގޭގެ މައި ދޮރާ ދިމާލަށް ނުކުތެވެ. އެދެމީހުންގެ ފަހަތުން ފަތީން އާއި ފައުޒާވެސް ނުކުތެވެ.

"އަޅުގަނޑުމެން މިތިބީ ފަޒީން އަލީ އިބްރާހިމްގެ މަރާ ބެހޭ ގޮތުން ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރަން ބޭނުންވާތީ ފަޒީން އަލީ އިބުރާހިމްގެ މަންމަ އާއި ބައްޕަ ހޯދަންވެގެން" ޕޮލިސް އޮފިސަރެއް ކަމުގައިވާ ސަމާހު އެމީހުންގެ ބޭނުން އޮޅުން ފިލުވައިދިނެވެ. "މީ ފަޒީންގެ މަންމަ އާއި ބައްޕަ އަކީ.." އިބްރާހިމް އެމީހުނަށް ޖަވާބު ދިނެވެ. އެވަގުތު އެ ދެ ފުލުހުން އެދުނީ ފާތުމާ އާއި އިބްރާހިމް އެމީހުންނާއި އެކީ ފުލުހުންގެ އޮފީހަށް ދިއުމަށެވެ.

ފާތުމާ އާއި އިބްރާހިމް ގެންގޮސް ބެއިތިއްބުނީ ފުލުސް އޮފީހުގެ މައިގޭތެރޭ ހުރި ސޯފާއެއްގައެވެ. އެތަނުއި ބައި ގަޑީރެއްހާއިރު ބެއިތިއްބުމަށް ފަހު އިބްރާހިމް ސުވާލު ކުރާ ކޮޓަރިއަށް ގެންދެވުނެވެ. އެއީ ފާރު ބިތެއްގައި ގާތްގަނޑަކަށް 6 ފޫޓެއްހާ ފުޅާމިން ހުރި ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ މެދުގައި ކުޑަ މޭޒެއް ބެހެއްޓިފައި ހުއްޓެވެ. އެ މޭޒުގެ ދެފަރާތުގައި ދެ ގޮނޑިވެސް ހުއްޓެވެ. އިބްރާހިމް ގޮވައިގެން އެ ކޮޓަރިއަށް ވަތް ފުލުސް މީހާ އޭނާ އިށީންނަންވީ ގޮނޑި ދެއްކިއެވެ. އިބުރާހިމް އެ ގޮނޑީގައި އިށީންދެގެން އިންއިރު އޭނާގެ މޫނާ ކުރިމަތި ވާގޮތަށް ކެމެރާ އެއްވެސް ބެހެއްޓިފައި ހުއްޓެވެ. ފުލުސް މީހާ އިބުރާހީމުގެ ކުރިމަތީ އިން ގޮނޑީގައި އިށީނދުނީ އެ ކެމެރާ އޮން ކޮށްފައެވެ.

"އަޅުގަނޑަށް ކިޔަނީ ސަމާހު އަބޫ ބަކުރު. ހިވާގޮތުން ބޭބެ އަޅުގަނޑު ދަންނާނެ. އަޅުގަނޑަކީ ބޭބެގެ ދަރިފުޅުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމާއި މި އޮފީހުން ހަވާލު ވެގެން ހުރި އޮފިސަރ." ސަމާހު ވާހަކަ ދައްކަމުން ދިޔައިރު އިބުރާހިމް އޭނާގެ ވާހަކަތަކަށް ތަންދެމުން ބޯޖަހާލަ ޖަހާލަ އިނެވެ. "އިބްރަހިމްބެ އަށް އެނގިގެން ފަޒީންއަށް އެވަރު އަނިޔާއެއް ދޭނެ މިހާކު، ވާހަކަ އަކީ ފަޒީންގެ އެވަރުގެ ހަތުރަކު ހުރޭތަ؟" ސަމާހު އޭނާގެ ފުރަތަމަ ސުވާލު ކޮށްލިއެވެ. "ނޫން. އަޅުގަނޑަށް އިނގިގެނެއް ނެތް." އިބްރާހީމް ޖަވާބު ދިނީ ޝައްކެއްގައި އިނދެއެވެ. "ދެން އަޅުގަނޑު ބަލާލަން ބޭނުންވަނީ ފަޒީން ގެއްލުނުރޭ އޭނާ ދިޔައީ ކޮންތާކަށް ކަން އިބުރާހިމްބެ އަށް އިނގޭތޯ؟" ސަމާހު ކޮށްލީ އިބުރާހީމަށް ޖަވާބު ނޭނގޭ ސުވާލެކެވެ. "ނޫން. އޭނަ ފަހަށް ފަހަށް އައިސް ސިނގިރޭޓު ބޯކަން އަޅުގަނޑަށް އިނގުނީމަ އަޅުގަނޑު އެކަމާ ހިތްހަމަ ނުޖެހިގެން އެދުވަހުގެ އިރު އޮއްސުން ވަފުތު އޭނަޔާ ދިމާލަށް ވަރަށް އެއްޗެހި ކީން. އޭނަ އިސްލާހު ކުރަން. އެކަމަކު އޭނަ އެކަމާ ހިތްހަމަ ނުޖެހިފަ ހުރީ އެރޭ. އެކަމާ އެރޭ އޭނަ އަޅުގަނޑާ އަނގައިން ނުބުނެ ހުރެފަ ގެއިން ނުކުމެގެން ދިޔައީ އެރޭ 9 ވެސް ޖެހި ފަހުން. އާންމުކޮށް އޭނަ ބޭރުގަ އުޅޭނެ 10 ޖަހަންދެންވެސް ރަށްޓެހިންނާއެކު. މީހަކަށް ގެއްލުމެއް ލިބޭވަރުގެ ގޯސް ކަމެއް ނުކުރާތީ އަޅުގަނޑު ނުވެސް ގުޅަން ރޭގަނޑު ބޭރުގަ އުޅޭ އިރު ގެޔަށް އަންނާށޭ ކިޔާގެނެއް. އެހެންވީމަ އެރޭވެސް އޭނަ ބޭރުގަ ކުރާ ކަމެއް ކޮށްލާފަ އަންނާނެ ކަމަށް އަޅުގަނޑު ނުވެސް ބަލަން ދިޔައީ ކޮންތާކަށް ތޯވެސް." މިގޮތަށް އެތަށް ވާހަކައެއް އިބްރާހިމް ސަމާހު އާއި ހިއްސާކުރިއެވެ.

އިބުރާހިމްގެ ފަރާތުން ކުރަން ހުރި ހުރިހާ ސުވާލެއް ކޮށް ނިމުމަށްފަހު ފާތުމާ އެ ކޮޓަރިއަށް ވެއްދުނެވެ. ފާތުމާގެ ފަރާތުންވެސް ސަމާހު އިބުރާހިމާ ކުރި ހުރިހާ ސުވާލެއް ކުރިއެވެ. ނަމަވެސް ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭފަދަ ޖަވާބު ތަކެއް ފާތުމާގެ ފަރާތުންނެއް ނުލިބުނެވެ. ފާތުމާގެ ފަރާތުންވެސް ލިބުނީ ހަމަ އިބުރާހިމްގެ ފަރާތުންވެސް ލިބުނު މައުލޫމާތު ތަކެވެ. ފަޒީނު އެރޭ ގެއިން ނުކުމެގެން ދިޔައީ ބައްޕަދެކެ ހިތްހަމަ ނުޖެހިފައި ހުރި ވަރުން ކަމަށް ފާތުމާ މައުލޫމާތު ދިނެވެ. އަދި ފާތުމާ ބުނާ ގޮތުގައި ފަޒީން ރޭގަނޑު ބޭރަށް ދިޔަޔަސް 10 ޖަހާލީމަ ގެޔަށް އަންނާނެއެވެ. އެހެންކަމުން އިބުރާހިމް އާއި ފާތުމާގެ ވާހަކައަށް ބަލާފައި އެރޭ ފަޒީން ނުކުމެގެން ދިޔައީ ބައްޕަދެކެ ހިތްހަމަ ނުޖެހިފައި ހުރީމަ ކަމެއް ނޫނީ އާދައެކޭ އެއްގޮތަށް ނުކުމެލީ ކަމެއް އަދި ޔަގީން ކުރާކަށް ނޭނގެވެ. އެކަން ދެނެގަތުމަށް ޓަކާ އެރޭ ބޭރުތެރެއިން ފަޒީނު އާއި ދިމާވި މިހުނާ ސުވާލު ކުރަން ޖެހޭނެއެވެ. އަދި އެރޭ ފަޒީނު އުޅެފައި ހުރި ތަންތަންވެސް އޮޅުން ފިލުވަން ޖެހޭނެއެވެ.

ގަޑިން އިރު އޮއްސި ހަތެއް ޖެހިއިރު ފަތީން އުޅުނީ އޭނާގެ ފުލުގައި ރޯވެފައިވާފަދަ ގޮތަކަށް ޓިއުޝަނަށް ދިއުމަށް އަވަސް އަރުވާލާފައެވެ. މިރޭވެސް ފަތީން އަށް މިދެވެނީ ގަޑި ޖެހިގެންނެވެ. އަލަމާރީގައި ގުޅަޔަކަށް ޖަހާފައިއޮތް ގަމީސްނަގާ ގަޔަށް ލައިގެން ދަބަހުން އަތުޖެހުނު ފޮތެއް ނަގައިގެން ފަތީން ކޮޓަރިން ނުކުތީ އަވަސް ކޮށްފައި ޓިއުޝަނަށް ދިއުމަށެވެ. "މިރޭވެސް ތި ދަނީ ގަޑިޖެހިގެންދޯ.. ދަރިފުޅުގެ ތި އާދަ ކެނޑޭނި ކޮން ދުވަހަކުންބާ!" ސިޓިންރޫމްގައި ޤުރުއާން ކިޔަވަންއިން މާމަ ފަތީން ފެނިފައި ބުންޔެވެ. މާމަ އަކީ ކިތަންމެ މުސްކުޅި މީހެއް ކަމުގައި ވިއަސް ފަތީން މެންގެ ހުރިހާ ކަމެއް މާމަޔަށް އެނގޭނެ އެވެ. އަދި ފަތީންމެން އުޅޭ ނޫޅޭ ގޮތާ އަބަދުވެސް މާމަ އިންނާނީ ފާޑު ކިޔަކިޔައެވެ. އެކަމާ ބައެއްފަހަރު ފަތީން ވަރަށް ހިތްހަމަވެސް ނުޖެހެއެވެ. މާމަ ދެއްކި ވާހަކަ އަކަށް ސަމާލުކަމެއް ނުދީ ފަތީން ގެއިން ނުކުމެގެން ހިނގައިގަތުނެވެ.

ހަލުވި ހިނގުމެއްގައި ޓިއުޝަންދޭ ގެޔާއި ދިމާލަށް ހިނގާފައިދިޔަ ފަތީން އަށް ހުއްޓެވުނީ އޭނާގެ ފަހަތުން ދުއްވާފައި އައި ތިން ސައިކަލެއް އޭނާގެ ވަށާލީމައެވެ. އެތަނުން އެއް ސައިކަލުގައި އިނީ ނަޒީހުއެވެ. ނަޒީހު ފެނުމާއެކު މިއީ ނަޒީހުގެ ރޭވުމެއްކަން ފަތީންއަށް އެނގުނެވެ. އެވަގުތު ފަތީން އޭނާ މަޑުކޮށްލައިގެން ހުރި މަގުގެ ދެފަރާތަށް ނަޒަރު ހިންގައިލިއެވެ. މަގުމަތީގައި އެކުދިން ފިޔަވައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މި ދަނޑިވަޅު ނަޒީހުއާއި ނަޒީހުގެ ރަށްޓެހިން ފަތީންއަށް ކޮންމެ ފަދަ ކަމެއް ކުރިޔަސް ސަލާމަތް ކޮށްދޭނެ މީހަކު ނުހުންނާނެއެވެ.

"މާބާރަށް ދާނެ ކަމެއް ނެތް." ނަޒީހު އޭނާ އިށީނދެގެން އިން ސައިކަލު ޕާކު ކުރުމަށްފަހު ތެދުވަމުން ބުނެލިއެވެ. ފަތީން ގަނެފައި ހުރި ބިރުން އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. "މަ ބުނިން ދޯ ކަލޭ ކައިރީގަ ނުބައި މީހަކާ އޭ ކަލެޔަށް ތި ބެހެވުނީ. މަ އެބަ އުޅެންތަ ހޭބަލިވެގެން ކަލޭގެ ބޭބެ މަރާލަން. ކަލޭ ނިކަން އަދި އެއްފަހަރު ބުނެބެ މަށޭ މަރާލީ.." ފަތީންއާ ހަތަރު ކަޅި ހަމަކޮށްގެންހުރެ ނަޒީހު ވާހަކަ ދަށްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމުގެ އިންތިހާއެވެ. ފަތީން ގަނެފައިހުރި ބިރު ބޮޑުވަމުންދިޔައެވެ. ނަޒީހުގެ ކޮންޓްރޯލުން ނަށްޓަމުން ދިޔަ ރުޅިގަނޑުގައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން ފަތީން އަށް އެނގެއެވެ.

"ކަލޭ ނިކަން ބުނެބަލާށޭ އަދި އެއްފަހަރު މަށޭ ކަލޭ ބޭބެ މަރާލީ.." ނަޒީހު ހަޅޭ ލަވާގަތުގެ. ކައިރީހުރި 2 ސައިކަލުގައި އިން ދެ ފިރިހެނުން ހެމުން ގެންދިޔައެވެ. ފަތީން ބޭނުންވީ އޭނާ ބިރު ނުގަންނަކަން ބޭރުފުށުން ދައްކާށެވެ. "އާނ.. ކަލޭ މަގޭ ބޭބެ މަރާލީ.." ފަތީން ދިފާއުގައި ބުނިބަހުގައި ތުރުތުރުއެޅުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އެވާހަކަ އަޑުއިވިފައި ނަޒީހުގެ ރުޅި ކޮންޓްރޯލުން ނަށްޓައިގެން ދިޔައެވެ. ނަޒީހުގެ އަތުގެ އިޝާރާތަށް ސައިކަލު ތަކުގައި އިށީނދެގެންތިބި ދެމީހުން ތެދުވެގެން އައެވެ. އެވަގުތު އެ ތިން މީހުން އެކީ ފަތީން ގައިގައި ތަޅަން ފެށިއެވެ. ދިފާއުގައި ފަތީންއަށް އެއްވެސް ހަމަލާއެއް ނުދެވުނެވެ. އެއަށްވުރެން އެމީހުންގެ ބާރު މާގަދައެވެ. "ދެންވެސް ކަލޭ މާ އަނގަ ދިޔާ ވެގެން ނޫޅެއްޗޭ.. ތީކާކުތަ މަކައިރިން ފުއްޕަން. ކަލޭބޭބެ މަރާލުން އެއީ ނެސެސަރީ ކަމެއްވެސް ނޫން މަ ޝިމާ ސެޓު ކުރަން. އެ ސޮޑު ގޮލާ ކައިރިން މަ ޝިމާ އަތުލައިގަތީސް ކަލޭ ބޭބެ ދުނިޔޭގަ ހުއްޓަސް. ދެން ކަލޭ ކޯޗެކޭ ތިކިޔަނީ.." ފަތީންގެ ގައިގައި ތަޅަމުން ގެންދިޔައިރު ނަޒީހު އެތަށް އެއްޗެއް ގޮވަމުން ގެންދިޔައެވެ. ފަތީންއަށް އޮތީ އެއްޗެއް ބުނާނެ ހިތްވަރުވެސް ނުލިބިފައެވެ. އެމީހުން ދިޔައީ ފަތީން ބިންމަށްޗަށް ވައްޓާލާފައެވެ. ފަތީންގެ ގައިގެ އެތަންމިތާ ތަޅައި އެތަން އަނިޔާއެއް ކޮށްފައެވެ.

އެމީހުން ދިޔައިރު ފަތީންގެ ބޯ ވަނީ ދުޅަވަފައެވެ. ބޮލަށް ވަނީ ވަރަށް ބޮޑަށް އެނބުރުން އަރާފައެވެ. އޭނާ ތެދުވަން މަސައްކުރި ނަމަވެސް ތެދުވެވޭނެ ހިތްވަރެއް ހަށިގަނޑަކު ނެތެވެ. އޭނާގެ ދެއަތްވެސް ވަނީ ފުރަގަހަށް ލަންބާލެވި ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ފަތީންއަށް ދެލޯ ހުޅުވާލެވުނުއިރު އޭނާ އޮތީ ކޮޓަރިއެއްގައެވެ. ފަތީން ރަނގަޅަށް އެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެއީ އަގުބޮޑު ޒަމާނީ ފަރުނީޗަރުން ޒީނަތް ކުރެވިފައިވާ ރީތި ކޮޓަރިއެކެވެ. އެކޮޓަރީގައި އޭނާގެ އިތުރުން އެއްވެސް މީހަކު ނެތެވެ. އޭނާ އޮށޯވެގެން އޮތް އެނދުގެ ބޯކޮޅުގައި ބެހެއްޓިފައި ހުރި މޭޒު މަތީގައި ގަނޑުފެން ގަނޑަކާއި ރުމާލެއް ބޭއްވިފައިއޮތެވެ. އޭނާ މި އޮތީ ކޮންތާކު ބާއޭ އޭނާ ހިތާހިތާ ސުވާލު ކޮށްލިއެވެ. އެވަގުތު އެ ކޮޓަރީގެ ފާހާނާގެ ދޮރު ހުޅުވާލިއަޑު އޭނައަށް އިވުނެވެ. އޭނާ ވަގުތުން އެދިމާލަށް ބަލާލިއެވެ. އެދޮރުން ކޮޓަރިއަށް ވަދުނީ އަންހެނެކެވެ. 

-ދެވަނަ އެޕިސޯޑް ނިމުނީ-

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު