އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު
ގިނަ ބައަކު ނަމާދުކުރަން ފަށަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމުންނެވެ. ކޮންމެވެސް މުޞީބާތެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ހެދޭ ގޯހެކެވެ.
ނަމާދަކީ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި ގުޅުން އުފެއްދުމަށް އޮތް ވަސީލަތެކެވެ. އެންމެ މުހިންމު ވަސީލަތެވެ. ﷲ ތައާލާ އާއި މުޢާމަލާތު ކުރުމަށްވެސް އޮތް މަގެވެ. ފުރަތަމަ ނަމާދުކުރާށެވެ! ﷲ ތައާލާ އާއި ތިމާ އާއި ދެމެދު ގުޅުންތައް އުފައްދާށެވެ.
އެ ގުޅުންތައް އުފެދިގެން ދިއުމުން ތިބާ އެދޭ ކަންކަން ޙާޞިލުވެގެންދާނެއެވެ. ތިބާގެ މައްސަލަތަކަށް ޙައްލު ފެންނާނެއެވެ. ވީމާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނަމާދުތައް ފުރިހަމައަށް އަދާކޮށް ﷲ ތަޢާލާ އާއި ގުޅުން އުފެއްދުމެވެ.
ފަރުޟު 5 ނަމާދުން އެންމެ ނަމާދެއްވެސް ނުއަޅާށެވެ. ކޮންމެ ދުވަހަކުވެސް 5 ނަމާދު އަދާކުރާށެވެ. ފަރުވާތެރިކަމާއިއެކުގައެވެ. ޚުޝޫޢަތްތެރި ކަމާއިއެކުގައެވެ. ނަމާދު ކުރަންޖެހޭނީ ނަމާދަކަށް ނަމާދެއް ނޫނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައެވެ. ނަމާދުކުރުމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.
ފަރުޟު ނަމާދުން އުނިވާބައި ރަވާތިބް ސުންނަތުން ފޫބައްދައިދެއެވެ. ވީމާ ކުރާ ނަމާދުތައް ފުރިހަމަކުރުމަށްޓަކައި ރަވާތިބު ސުންނަތްތައް ކުރަން ޖެހެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
13 އޮގަސްޓް 2019