އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިން ބަފައިންނަށް އިންޒާރެއް!: ދަރިފުޅު ކުޑަ ނަމަވެސް ﷲ އެންގެވި ގޮތާއި ޚިލާފަށް އެއްވެސް ކަމެއް އަންގައި ދިނުން ހުއްދައެއް ނޫން!

މައިން ބަފައިންނަށް އިންޒާރެއް!: ދަރިފުޅު ކުޑަ ނަމަވެސް ﷲ އެންގެވި ގޮތާއި ޚިލާފަށް އެއްވެސް ކަމެއް އަންގައި ދިނުން ހުއްދައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 48 ސިކުންތު

މުސްލިމް މުޖުތަމައުތަކުގެ މިއަދުގެ ޙާލަތަށް ބަލާލައިފި ނަމަ އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއް ކަމަކީ އިސްލާމް ދީނާއިމެދު އެމީހުންގެ ދަރިންގެ ސަމާލުކަން ކުޑަވަމުން ދިއުމެވެ. އިސްލާމް ދީނަށް ޢަމަލުކުރުމުގައި ފަރުވާ ކުޑަކުރުމެވެ. ވީމާ އަހަރެމެން ވިސްނައިލަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ.  

އެއިގެ ތެރެއިން އެއްކަމަކީ މައިންބަފައިންގެ ވިސްނުމެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެން ތިބި މީހުންނެވެ. މިކަން މައިންބަފައިންނަށް ޤަބޫލުކުރެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެކަމަށް އަމަލުކުރެވެނީ ކިހައިވަރަކަށް ހެއްޔެވެ؟  

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންނަށް ކަންކަން ވިސްނޭވަރުވުމުން، ކަންކަން ހަނދާން ހުންނަން ފަށާ އުމުރަށް އެޅުމުން އެކުދިންނަށް އަޑުއިވޭ ހިސާބުގައި ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ހަމަ އެންމެ ޙުކުމްފުޅަކާއި އެއްވެސް މިންވަރަކަށް ތަޢާރަޒްވާ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ އެވެ. އެފަދަ އެއްވެސް އަޑެއް އިއްވައިގެން ނުވާނެއެވެ. އަދި ހަމަ ފަދައިން ﷲ ތައާލާ ބަޔާންކުރައްވަވާފައިވާ އިންތަކުގެ ބޭރުން އެއްވެސް ކަމެއް ކުރާތަން ދަރިންނަށް ދައްކައިގެން ނުވާނެއެވެ.  

ބައެއް ގޭގޭގައި ޢާއިލާގެ އެތައް ބައަކު ދިރިއުޅެއެވެ. އެއިގެ ތެރޭގައި އިސްލާމް ދީނުގެ ކަންކަމަށް އެކި މިންވަރަށް އަމަލުކުރާ މީހުން ތިބޭނެއެވެ. ވީމާ ކުރިން މި ބުނި ފަދަ ކަމެއް ކުދިންނަށް ފެނުން ވަރަށް ކައިރިވާނެއެވެ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެނީ ކުޑަ ކުއްޖަކަށް އެފަދަ މަންޒަރުތައް ފެންނަ ނަމަ އެފަދަ ކަމެއް ކުރަނީ މައިން ބަފައިން ނޫން ނަމަވެސް އެކަމެއް ނުވިސްނޭނެއެވެ. ފެންނާނީ އެފަދަ ކަންކަން ކުރާތަނެވެ. ކުދިންގެ ސިކުނޑިއަށް އެކަމެއް ވަރަށް އަވަހަށް ނަގައިގަންނާނެއެވެ. 

ހަމަ އެފަދައިން ﷲ އެންގެވި ގޮތާއި ޚިލާފަށް އެއްވެސް ކަމެއް ކުދިންނަށް އަންގައި ދިނުން ހުއްދައެއް ނޫނެވެ. ކުއްޖާ ކުޑަވީމާ އެވެނިކަމެއް ހުއްދަކޮށްފައި މިވެނިކަމެއް މަނާ ނުކުރާނަމަ ކުދިންނަށް ދަސްކޮށް އެދެވެނީ ވަރަށް ނުބައި ގޮތްތަކެވެ. ކުއްޖާ ބާލިޣް ނުވާނަމަ ކުރި ކުށަށް އަދަބެއް ނުލިބޭނެއެވެ. ނަމަވެސް ބާލިޣް ނުވުމަކީ ކުށްކުރަން ލައިސަންސް ލިބޭ ކަމެއް ނޫނެވެ. މާނައަކީ ބާލިޣް ނުވާއިރުވެސް ކުށްކުރަން ދޫކޮށްލައިގެން ނުވާނެއެވެ. އެންމެ ކުޑަމިނުން ދޮގު ބުނުމަކީވެސް ގޯސްކަމެއްކަން އެންމެ ކުޑައިރުވެސް އަންގައިދޭންވާނެއެވެ. ޙަރާމް ކަންކަމުގެ މާނަ އެނގޭވަރުވުމުން އެއީ ޙަރާމްކަމެއްކަން އަނގައިދޭން ވާނެއެވެ. ޢަޛާބުގެ މާނަ އެނގޭވަރުވުމުން ﷲ ތަޢާލާ ޢަޛާބް ދެއްވަވާނެކަން އަނގައިދޭންވާނެއެވެ. 

ކުއްޖާ އެންމެ ކުޑައިރުން ފެށިގެން ﷲ ތަޢާލާ އާއިމެދު ތައްރީފްގެ ބަސްތައް ކުއްޖާއަށް އިއްވަން ވާނެއެވެ. ޗޮކްލެޓާއި ރީތި ހެދުން ހޯދާނެ މަގު ތަނަވަސްކޮށްދެއްވަވަނީ ﷲ ތަޢާލާކަން ބުނެދެމުން ގެންދާނަމަ ﷲ ތަޢާލާ އާއިމެދު ކުދިންގެ ހިތްތަކުގައި ދާނީ ޝައުޤުވެރިކަން އިތުރުވަމުންނެވެ. ލޯބިވެސް އިތުރުވަމުންނެވެ. "ޝުކުރު އަލްޙަމްދުލިﷲ" ފަދަ ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ބަސްތަކުގެ އަޑު ގިނަގިނައިން ކުދިންނަށް އިއްވުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

އާދީއްތަ ދުވަހު ނިކަން ގޮނޑުދޮށްތައް ބަލައިލަބަލާށެވެ! ސްވިމިންގޕޫލްތައް ބަލައިލަބަލާށެވެ!  ބާލިޣްވެފައި ތިބި އަންހެން ކުދިން ސްވިމް ސޫޓު ލައްވައިގެން މޫދަށް ނުވަތަ ޕޫލަށް އެރުވާތަން ފެންނާނެއެވެ! ﷲ ތަޢާލާ ގަންދީ ބުނަމެވެ. ދަރިންނަށް އެފަދަ ތަރުބިއްޔަތު ދޭ މައިން ބަފައިން ފާފަވެރިވާނެއެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. 

މިފަދަ ކަންކަމަށް ވިސްނައިލުމުން ކުދިންގެ އަޚްލާޤަށް ބަދަލުތައް އަންނަމުންދާ ސަބަބުތައް ވިސްނޭނެއެވެ. އަހަރެމެން ވާންވީ ކުދިންނާއިމެދު ޝަކުވާކުރާ ބައަކަށް ނޫނެވެ. ކުދިންނަށް ރަނގަޅު ގޮތް ދަސްކޮށްދީ ތަރުބިއްޔަތުކުރާ ބައަކަށެވެ. މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް