އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އެގައުމުގެ އާންމު އިންތިހާބު ކާމިޔާބުވެއްޖެނަމަ، ހުޅަނގު އައްސޭރީގައި އޮންނަ އުރުދުން ވާދީ އަދި ޑެޑް ސީގެ އުތުރުގައި އޮންނަ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލުން މިހާރު ވެރިވެގެންފައިވާ ސަރަހައްދުތަކަކީ އިސްރާއީލުގެ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާނެ ކަމަށް ވިދާޅުވުމުން ނަތަންޔާހޫގެ މިވާހަކަ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންތިހާބުގެ ކެމްޕޭނުގައި ދެއްކެވި އެ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި ފަލަސްތީނުގެ އެއްވެސް ސަރަހައްދެއް އިސްރާއީލުގެ ސަރަހައްދެއްގެ ގޮތުގައި އެގައުމަށް ނަގައިފި ނަމަ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި، އެއީ ފަލަސްތީނާއި އިސްރާއީލުގެ އިންތައް ކަނޑައެޅި ޖެނީވާ ކޮންވެންޝަނާވެސް ޚިލާފު ކަމެއް ކަމަށެވެ.
މި ކަމަކީ މެދު އިރުމަތީގެ ސުލްހައަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާއެއް ބޭއްވުމަށް އޮތް ފުރުސަތުތައްވެސް ގެއްލުވާލާނެ ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީން ވަނީ މި މައްސަލައާ ގުޅިގެން ބައިނަލްއަގުވާމީ މަޖުތުމައާއި އދގެ ސަލާމަތީ މަޖިލީހުން ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ތިބީ ފަލަސްތީނާއެކުގައިކަމަށާއި ރާއްޖެއިން އަދިވެސް ގޮވާލަމުން ދާނީ މިނިވަން ފަލަސްތީނެއްވެސް ހިމެނޭ ގޮތަށް، 1967 ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދަައުލަތެއް އޮތުމަށެވެ.
Advertisement
12 ސެޕްޓެމްބަރ 2019