އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު
އަހަރެން ކައިވެނިކުރީ އުމުރުން 17 އަހަރުގައެވެ. އެއިރު ފިރިމީހާގެ އުމަރަކީ 21 އަހަރެވެ.
ފިރިމީހާ އައީ އެ އުމުރުގައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ހުކުރު ދުވަސް ވެސް ނުލިބެއެވެ. ހުކުރު ދުވަހު ހެނދުނު ސައިބޮއިގެން ދަނީ ހަވާލުވެގެން ހުންނަ ގުދަންތަކުގެ ކުނި އުކުވާށެވެ! ޢަޞްރު ނަމާދަށްފަހު ފިހާރައަށް ނުކުންނަން ޖެހެއެވެ.
ދަރިން ލިބެން ފެށުމުން މިކަން ވަރަށް ބޮޑު ކަމަކަށްވިއެވެ. އެއީ ބައްޕަގެ ކިބައިން ދަރިންނަށް ލިބެން ޖެހޭ ލޯބި ދޭނެ ވަގުތު ފިރިމީހާއަށް ނުލިބޭތީއެވެ. 2 ވަނަ ދަރިފުޅު ލިބުމުން މިކަމަކީ ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ނަމަވެސް ދިރިއުޅުމުގެ ޚަރަދުތަކަށް ވަރަށް ގިނަ ފައިސާ ބޭނުންވާތީ ކެތްތެރިވީއެވެ.
އެހެންކަމާއިއެކުވެސް ފިރިމީހާއަށް ހުކުރު ދުވަހު ގޭގައި އަހަރެމެން ގާތު މަޑުކުރެވޭނެ ގޮތެއް މިންވަރު ކޮށްދެއްވެވުމަށް އަބަދުވެސް ހުރީ އެދިއެދިއެވެ. ނަމަވެސް ފިރިމީހާގެ ބޮލަށް ބަރުވެދާނެތީ އެކަމުގެ އެއްވެސް ވާހަކައެއް އޭނާ ގާތަކު ނުދައްކަމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ.
އެއީ ހަގު ދަރިފުޅު ވަރަށް ގަދައަށް ހުން އައިސްފައި އޮތް ހުކުރު ދުވަހެކެވެ. ދަރިފުޅު ބަލިކަމާއިއެކު ފިރިމީހާއަށް ޖަމާއަތަށް ނުދެވުމުން އެދުވަހުގެ ޢަޞްރު ނަމާދު ދެމީހުން ކުރީ އެކުގައި ގޭގައެވެ. ޢަޞްރު ނަމާދަށްފަހު ދެމީހުން އެކުގައި ދުޢާކުރީމެވެ. ހުކުރު ދުވަހަކީ ޢާއިލާއަށް އެކުގައި ހޭދަކުރެވޭނެ ދުވަހެއް ކަމުގައި މިންވަރުކޮށްދެއްވެވުން އެދިއެވެ.
ޖެހިގެން އައި ހުކުރު ދުވަސް ވެގެންދިއައީ އަހަރެމެންގެ އެދުން ޙާޞިލުވި ދުވަހަށެވެ. ފިރިމީހާގެ ވަޒީފާ ބަދަލުވީއެވެ. އެ ފިހާރައިގެ އުޞޫލު އޮންނަގޮތުން ކަސްޓަމުން މުދާ ނެރުމުގެ މަސައްކަތް ކުރާ މީހަކަށެވެ. އެއީ ހުކުރު ދުވަހު ނުކުންނަން ޖެހޭ ވަޒީފާއެއް ނޫނެވެ. ވީމާ ހުކުރު ދުވަހު ޢާއިލާއަށް އެކުގައި ދެން ހޭދަކުރެވޭނެއެވެ.
އެކަމުގެ އުފަލުގައި ވާހަކަ ދައްކަމުން ދެ މީހުންނަށްވެސް ބުނެވުނެވެ. މިފަދަ ނިޢްމަތަކަށް އެދި ދުޢާކުރާތާ ހާދަ ދުވަހެއް ވެއްޖެއެވެ. މުހިންމީ ދެން ކަންކަން މެދުވެރިވި ގޮތެވެ. ހުކުރުވީލޭރޭ ގެއަށް އަންނަ ގޮތަށް ފިރިމީހާ ނަމާދަށް ދިއުމަށާއި ހުކުރަށް ދާން ނޫނީ ގެއަކުން ނުނުކުމެއެވެ. މިބުނަނީ އަހަރެމެން ދޫކޮށްފައި ނުދާ ވާހަކައެވެ. ހިނގާލަން ފަތިހު ނުކުތް ނަމަވެސް ހަވީރު ޕާކް ފަދަ ތަނަކަށް ދިއަ ނަމަވެސް ދަނީ އެންމެން އެކުގައެވެ.
ގޭގައި ފިރިމީހާ ހަމައެކަނި ހުންނަނީއެއް ނޫނެވެ. ކުދިން ބަލައެވެ. އަހަރެން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެސް ވެއެވެ.
އެގޮތުގައި ވާނީ ހަމަ އަހަރެއްހައި ދުވަހެވެ. އެއް ދުވަހަކު ބައްޕަ ގެއަށް ދުރުވެފައި ފިރިމީހާއަށް ޗެކެއް ދެއްވިއެވެ. އަދި ބުންޏެވެ. ގޭގައި މަގުމައްޗަށް ހުރި 2 ކޮޓަރި ފިހާރައަކަށް ބަދަލުކޮށްލާށެވެ! ހިތްވަރުކޮށްފައި އަމިއްލަ މަސައްކަތެއް ފަށާށެވެ! ދެ ދަރިން މިހާރު ތިއައުޅޭ ގޮތަށް އެކުގައި އެކުވެރިކަމާއިއެކު ލޯބިން އުޅޭނަމަ ކުރިއެރުން ލިބޭނެ އެވެ. އިން ޝާ ﷲ.
ފިހާރަ ހެދުމަށްފަހު ފިރިމީހާ ވަޒީފާ ދޫކޮށްލީއެވެ. އެއިރު އަތުގައި ހުރީ އެންމެ 50000 ރުފިޔާއެވެ. އެއަށް ތަކެތި ގަނެގެން ވިޔަފާރި ފެށީއެވެ. އެއީ މީގެ ހަމަ 6 އަހަރު ކުރިއެވެ. ގޭގައި ހުޅުވި ފިހާރައިގެ އިތުރުން ބޮޑު 2 ފިހާރަ މިހާރު އެބަހުއްޓެވެ. ދެމީހުން ދިރިއުޅެމުން މިގެންދަނީވެސް ހަމަ އެހައި ލޯބިންނެވެ.
ހުކުރު ދުވަހާއި ގުޅުން ހުންނަ ވާހަކަތައް މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާތީ އަހަރެމެންގެ ހަޔާތާއި ހުކުރު ދުވަހާއި ހުރި ގުޅުން ހިއްޞާ މިކުރީ މިކަމުން ކޮންމެވެސް ބައަކަށް ފައިދާ ކޮށްފާނެ ކަމުގެ އުންމީދުގައެވެ. (މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ހިއްޞާ ކުރި މައުލުމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.)
Advertisement
8 ނޮވެމްބަރ 2019