އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގަ މަޑުކުރަން މިލިބޭ ވަގުތަކީ ނަރަކައިން ސަލާމަތްވުމަށް ރަޙިމުގެ ގުޅުން ބަދަހިކޮށްލަން ރަނުގެ ފުރުޞަތެކެވެ!

ގޭގަ މަޑުކުރަން މިލިބޭ ވަގުތަކީ ނަރަކައިން ސަލާމަތްވުމަށް ރަޙިމުގެ ގުޅުން ބަދަހިކޮށްލަން ރަނުގެ ފުރުޞަތެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

ގޭގައި ތިބެ ވަގުތު ހޭދަކުރަމުން ގެންދަން ލިބިފައިވާ މިފުރުޞަތަކީ ވީރާނާވެފައިވާ ޢާއިލީ ގުޅުންތައް ބަދަހިކޮށްލަން ލިބުނު އަގުހުރި ފުރުޞަތަކަށް ހަދާށެވެ! ފޯނުން ޙާލުއަހުވާލު އޮޅުންފިލުވާށެވެ! ކުރިން ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވެފައިވާނަމަ މާފަށް އެދޭށެވެ! މާފަށް އެދުމުގައި ގިނަ ސަވާބު ދެއްވަވާނީ ކުރިން އެކަމަށް އިސް ނެގި މީހަކަށެވެ. ވީމާ އެއީ ލަދުގަނެ ފަސް ޖެހެންވީ ކަމެއް ނޫނެވެ. 

ކީރިތި ޤުރްއާނުގެ މިއާޔަތަށް ވިސްނައިލާށެވެ! މިއޮތީ ބިރުވެތިވާންޖެހޭ ވަރުގެ އިންޒާރުގެ ވަޙީ ބަސްފުޅެކެވެ! 

"އަދި އަށް ޢަހްދު ކަށަވަރުކުރުމަށްފަހު، އެ ޢަހްދު އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު  ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް ލަޢްނަތް ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ." (އައް ރަޢްދް: 25) 

މިއާޔަތުގައި "..އަދި ގުޅިފައިވުމަށް ﷲ އަމުރު  ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި،.." މިއޮތް ބަސްފުޅަކީ ރަޙިމުގެ ގުޅުން ކެނޑުމުގެ ވާހަކައެވެ. އަދި "..(ދަންނާށެވެ!) އެއުރެންނަށް ލަޢްނަތް ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ." މިއޮތް ބަސްފުޅަކީ "... ﷲ އަށް ޢަހްދު ކަށަވަރުކުރުމަށްފަހު، އެ ޢަހްދު އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު  ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނަށް" އޮތް ބިރުވެރި އިންޒާރުގެ ބަސްފުޅެވެ. އެފަދައިން ކަންކަން ކުރާ މީހުންނަކީ ﷲ ތަޢާލާގެ ލަޢްނަތް ލިބިގެންވާ މީހުން ކަމާއި އެބައި މީހުންނަށް ހުރީ ނަރަކަ ކަމުގެ އިންޒާރުގެ ބަސްފުޅެވެ. 

އެހެނީ ޤިޔާމަތް ދުވަހު ވަނީ ދެ ގޮވައްޗެވެ. ނުވަތަ ދެ ތަނެކެވެ. އެއީ ރަޙްމަތުން ފުރިގެންވާ ސުވަރުގެ އާއި ގަދަފަދަ ޢަޒާބުން ފުރިގެންވާ ނަރަކައެވެ. އެހެންކަމުން ނުބައިވެގެންވާ ގޮވައްޗަކީ ނަރަކައެވެ. 

މީސްތަކުންނޭވެ! ވިސްނަންވީ ކަމަކީ ކުރެވޭ މި 3 ޢަމަލުގެ ހުރި ނުބައިކަމެވެ. އެއީ ﷲ އަށް ޢަހްދު ކަށަވަރުކުރުމަށްފަހު، އެ ޢަހްދު އުވާލުމާއި އަދި ގުޅިފައިވުމަށް ﷲ އަމުރުފުޅު ކުރައްވާފައިވާ ގުޅުންތައް (ރަޙިމުގެ ގުޅުން) ކަނޑައިލުމާއި އަދި ބިމުގައި ފަސާދަކުރުމެވެ. 

ހިތާމައަކީ ވަރަށް ކުދިކުދި ކަންކަމުގައިވެސް ރުޅި އާދެވި ރަޙިމުގެ ގުޅުން ކަނޑައި އަނގައިންވެސް ނުބުނެ ތިބެވޭ ކަމެވެ. އެކެއް އަނެކެއްގެ ޙާލުވެސް ނުބަލައި ތިބެވޭ ކަމެވެ. އެގޮތަށް ތިބެފައި މަރުވުމުން މޫނުދެކެން ދެވޭ ކަމެވެ. އެހެން އެކަން ވިއަ ނުދޭށެވެ! ޚިޔާލު ތަފާތުވި ނަމަވެސް ދެބަސްވާން ޖެހުނު ނަމަވެސް ވަގުތުން އެކަން ނިންމައިލާށެވެ! ހިތުގައި އެއްވެސް ބުރަކަމެއް ނުބާއްވާށެވެ! ކުރިން މަރުވާނީ ކާކު ކަމެއް ނުއެނގޭނެއެވެ! ވީމާ އެކަކު އަނެކަކަށް އަވަހަށް މާފުކޮށްފައި ޙިތްސާފުކޮށްލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް