އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު
ދުނިޔޭގައި ވީހައި ގިނަ އަދަދެއްގެ މީހުން ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅެން މަސައްކަތް ކުރުމަށްވުރެ ރަނގަޅުވާނީ އަދަދު މަދުނަމަވެސް ހެޔޮ ލަފާ އެކުވެރިން ގެންގުޅެން މަސައްކަތް ކުރުމެވެ. އެހެނީ އަދަދު ކިތަންމެ ނަމަވެސް އެ އެކުވެރިންކޮޅުގެ ސަބަބުން ތިބާއަށް ކުރާނީ ރަނގަޅު އަސަރު ކަމުގައިވާތީއެވެ. ތިބާއަށް ދެވޭނީ ހެޔޮމަގުނަކަމުގައިވާތީއެވެ.
ޤިޔާމަތް ދުވަހު ހިސާބު ބެލެވި ނަރަކައަށް ދާންޖެހުމުން "މިހެން މިވީ މިވެނި އެވެނި އެކުވެރިންގެ ސަބަބުން" ކަމަށާއި އެމީހުންނާއި ނުގުޅެވުނު ނަމަ މިހާލެއް ނުޖެހުނީސް ކަމަށް ބުނެވޭނެއެވެ. މިއަނިޔާ ލިބިގަތީ އަމިއްލައަށް ކަމަށް ވެސް ބުނެވޭނެއެވެ. އެހާލަތުން ސަލާމަތް ވެވޭނީ މިއަދު އެކަމަށް ވިސްނައި މަސައްކަތް ކޮށްގެންނެވެ. ދަރުސް ފަށަމުން ބަޔާންކުރި 3 އާޔަތަކީ މިކަންކަމަށް ސާބިތު ހެކި ލިބިގެންދާ 3 އާޔަތެވެ.
ރަނގަޅަށް ވިސްނާށެވެ. ނުބައި އެކުވެރިން ތިބި ނަމަ އެމީހަކީ ﷲ ތަޢަލާގެ މަގާއި ދުރުގައިވާ މީހެކެވެ. ﷲ ތަޢާލާގެ މަގުގައި ހުރި ނަމަ ނުބައި އެކުވެރިންނެއް ނުގެންގުޅޭނެއެވެ. ވީމާ ތިމާގެ އެކުވެރިންގެ ތެރޭގައި ތިބީ ކޮންބައެއް ކަމާއިމއެދު އަވަހަށް ވިސްނައި ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަލަން ފަށާށެވެ!
"އަނިޔާވެރިން އެއުރެންގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! (އެއުރެން) ބުނާނެތެވެ! އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހައި ރަނގަޅުވީސް ހެއްޔެވެ؟. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހައި ރަނގަޅުވީސް ހެއްޔެވެ؟. ހަމަކަށަވަރުން، ތިމަންނާ އާއި ހަމައަށް އެ ޤުރްއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް، މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއް ކަމުގައި ޝައިޠާނާވެއެވެ." (ސޫރަތުލްފްރްޤާން 27، 28، 29)
ދުނިޔޭގައި އުޅޭއިރު ހިތާމަތައް ކުރިމަތިވެއެވެ. އެކަންކަމުން އަރައިގަންނަން މަސައްކަތް ވެސް ކުރަމުއެވެ. މަސައްކަތް ކުރުމުން އަރައިވެސް ގަނެވެއެވެ. މިކަންކަން މަރުވުމުން މެދުވެރިވާ ގޮތް މުޅިން ތަފާތެވެ.
އެހެނީ މަރުވުމަށްފަހު އޮތީ ދެ ގޮތެކެވެ. އެތަނުން އެއް ގޮތަކީ އުފަލާއި ހިތްހަމަޖެހުމެވެ. ދެވަނަ ގޮތަކީ ހިތާމައާއި ހިތްދަތިކަމެވެ. އުފަލާއި ހިތްހަމަޖެހުން ލިބޭ މީހާ ކައްވަޅުގައި ޤިޔާމަތާއި ހަމައަށް ދެމިއޮންނާނީ ހަމައެގޮތުގައެވެ. އަދި ކައްވަޅުގައި އުފަލާއި ހިތްހަމަޖެހުމުގައި ހޭދަކުރަން ލިބިއްޖެ މީހާއަށް ޤިޔާމަތް ދުވަހުގައިވެސް އޮތީ ހަމަ އުފަލާއި ހިތްހަމަޖެހުމެވެ.
ހަމައެފަދައިން ކައްވަޅުގައި ހިތާމަކުރަން ޖެހިއްޖެ މީހާ ޤިޔާމަތާއި ހަމައަށްވެސް އޮންނަން ޖެހޭނީ ހަމަ އެގޮތުގައެވެ. ހިތްދަތިކަމާއިއެކުގައެވެ. ގަދަފަދަ އަޒާބު ލިބިލިބިއެވެ. އަދި އާޚިރަތް ދުވަހު ވެސް ކުރިމަތިވާނީ ހަމަ ނިކަމެތި ކަމެވެ.
މަރުވުމަށްފަހު ހިތާމަކުރަން ޖެހޭ މީހުން އެންމެ ބޮޑަށް ހިތާމަކުރަން ޖެހޭނީ އެމީހުންނަށް ދުނިޔޭގައި ނުބައި އެކުވެރިން ގެންގުޅެވުނު ކަމާއިމެދުގައެވެ. މިއީ ޤަބޫލުކުރަން މިއަދު ބޭނުން ނުވިނަމަވެސް މިކަން މެދުވެރިވާނެ ގޮތެވެ. މިހެން މިބުނަނީ ޝިރުކުކުރުން ފަދަ ބޮޑެތި ފާފަތައް ވެސް އެބަހުރިކަން ރަނގަޅަށް އެނގިހުރެއެވެ.
ނިކަން ވިސްނައިބަލާށެވެ! އެކުގައި ގެންގުޅޭ ރައްޓެހިންގެ ސަބަބުން އިސްލާމް ދީނުގެ ކަންކަމަށް ފަރުވާ ކުޑު ކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ﷲ ތަޢާލާ އާއި އެކަލާނގެ އެންގެވުންތައް މަތިން ހަނދާން ނެތިގެން ގޮސްފައިވަނީ ކިތައް މީހުން ހެއްޔެވެ؟ އެންމެ ކުޑަމިނުން ރުޅި އިސްކުރުމާއި ނުބައި ބަސް ބުނުން ފަދަ ކަންކަން ރައްޓެހިންގެ ކިބައިން އަށަގެންފައިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟
ހަމައެއާއެކު މިކަމުގެ އަނެއްކޮޅުވެސް އޮތީ ހަމަ އެގޮތަށެވެ. ހެޔޮލަފާ ރައްޓެހިންގެ ސަބަބުން ތެދުމަގު ފެނި އިޞަލާޙްވާ މީހުންވެސް އެބަތިއްބެވެ. ކައްވަޅުގެ އަޛާބުންނާއި ނަރަކައިން ސަލާމަތް ވެވޭ މީހުންވެސް އެބަތިއްބެވެ. ނަމަވެސް ހިތާމައަކީ އެބައި މިހާރުވެސް މަދުކަމާއި ދުވަހެއް ދުވަހަކަށް މަދުވަމުން އަންނަކަމެވެ.
އެހެންކަމުން ގަދައަޅައި ވަސިއްޔަތް ކުރަމެވެ. މީހަކުކަން އެމީހާއަށް ބަލައިގެން ޤަބޫލުނުކުރާށެވެ! އެމީހާގެ އެކުވެރިންނާއި ވަށައިގެން ތިބީ ކޮންބައެއްތޯ ބަލާށެވެ! އެވަރު ނުބަލައި ހަމަ އެކަކާއިއެކުވެސް ގުޅުން ނުއުފައްދާށެވެ! މިއީ އަހަރެންގެ އަމިއްލަ ބަހެއް ނޫނެވެ. މިކަމުގައި ﷲ ތަޢާލާ އަންގްވާފައިވާ ގޮތެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
18 އޮކްޓޯބަރ 2020