އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު
ބައެއް މީހުން ދަމުނަމާދުނުކުރަނީ ރޭގަނޑުގެ ފަހު ދަންފަޅިގައި ދަމުނަމާދުކުރަން ނުހޭލެވޭތީކަމަށް ބުނެއެވެ. ދަމުނަމާދަކީ ހަމައެކަނި ޜޭގަނޑުގެ ފަހުދަންފަޅިގައި ކުރަން އޮތް ނަމާދެއް ނޫނެވެ. ޢިޝާ ނަމާދަށްފަހު ކޮންމެ ވަގުތަކުވެސް ކުރެވެން އޮތް ނަމާދެކެވެ.
އެއްވެސް ޝައްކެއް ނެތެވެ. ދަމުނަމާދުކުރަން އެންމެ ރަނގަޅުވަގުތަކީ ރޭގަނޑުގެ ފަހުދަންފަޅިއެވެ. ނަމަވެސް އެވަގުތުގައި ނުހޭލެވޭމީހާއަށް ޢިޝާ ނަމާދުކުރުމަށްފަހު ފަޖުރުލުމާއި ދެމެދު ކޮންމެ ވަގުތަކުވެސް ދަމުނަމާދުކުރެވިދާނެއެވެ.
ވިތުރި ކުރުމަކީވެސް ރޭއަޅުކަމެކެވެ. ވިތުރުނުކޮށް ނުނިދުމަށް ރަސޫލް ﷺ ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ. ނަަމވެސް އެއިގެ މާނައަކީ ދަމުނަމާދުނުކޮށް ނުނިދުމެއް ނޫނެވެ. ދަމުނަމާދު މިކިޔަނީ ތަހައްޖުދު ނަމާދަށެވެ. ތަހައްޖުދު ނަމާދުގެ މާނައަކީ ނިދުމަސްފަހު ހޭލައިގެން ކުރާ ނަމާދެވެ.
ރޭގަނޑުގެ ފަހުދަންފަޅިއަކީ ﷲ ތަޢާލާ އެންމެ ތިރީ އުޑަށް ކުއްތަންވެވޮޑިގެން އެކަލާނގެ ޙަޟްރަތުން ކަމަކަށް ބޭނުންވަނީ ކާކުތޯ ސުވާލުކުރައްވަވާ ވަގުތެވެ. ވީމާ އެވަގުތު ނަމާދުކޮށް ޛިކުރުކޮށް ޤުރްއާން ކިޔަވައި ދުޢާކުރުމުގެ މަތިވެރިކަން އިތުރުވެގެންދެއެވެ.
ރޭގަނޑުގެ ނިދިދޫކޮށްލައި (ނިދީން ހޭލައި) ﷲ ތަޢާލާއަށް އަޅުކަންކުރުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. އަދި އެފަދަ މީހުންނާއިމެދު ފަޚުރުވެރިވޮޑިގަންނަވައެވެ. ނިދުމަށްފަހު ދަމުނަމާދަށް ނުހޭލެވިދާނެކަމުގެ ބިރު އޮންނަ މީހުން ނިދުމުގެކުރިން ނަމަވެސް ދަމުނަމާދުކުރަން ފަށައިފިނަމަ ނިދީން ހޭލައިގެން ކުރަން ފަސޭހަވާ ހަމައަށް، އެކަމަށް ހިތްޖެހޭ މިންވަރަށް އެމީހާގެ ތަޤްވާވެރިކަން އިތުރުވެގެންދެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދަމުނަމާދުގެ ވަގުތާއިބެހޭގޮތުން އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެފައިވެއެވެ.
"ދަމުނަމާދު ކުރުމުގައި ތިމާގެ ޢިޝާނަމާދު ކުރުމަށްފަހު ރޭގަނޑުން ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެއެވެ. އެއީ ރޭގަނޑުގެ ފުރަތަމަ ދަމު ކަމުގައި ވިއަސް ނުވަތަ މެދުދަމު ކަމުގައި ވިއަސް ނުވަތަ ފަހު ދަމު ކަމުގައި ވިއަސް އެވެ. މިއިން ކޮންމެ ވަގުތެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދަމުނަމާދު ކުރައްވާފައިވެއެވެ.
މީގެ ތެރެއިން މޮޅުއިތުރު ވެގެންވަނީ ފަހުދަމާ ހަމައަށް ލަސްކުރުން ކަމުގައި ޢިލްމުވެރިން ވިދާޅުވަފައި ވެައެވެ. އެއީ އިމާމު އަޙްމަދު ރިވާކުރައްވާ މިރިވާޔަތުގައި ވާފަދައިންނެވެ. އޭގައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ދަމުނަމާދުކުރުން މޮޅީ ކޮންވަގުތަކުތޯ އަބޫޛަރް އަލްޣިފާރީ ދެންނެވުމުން އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. " ރޭގަނޑުގެ ފަހު ދަންބައެވެ. މިކަންކުރެވެނީ މަދުބަޔަކަށެވެ."
ދަމުނަމާދު ކުރުމުގައި މޮޅުގޮތަކީ ނިދާފައި ތެދުވެ ނަމާދުކުރުމެވެ. އެއީ ޤުރުއާނުގައި އެއަށް އެނަމާދަށް ތަހައްޖުދުގެ ނަމުން ނަންދީފައިވާތީއެވެ. އަދި ތަހައްޖުދު ކިޔަނީ ނިދީންހޭލުމަށް ފަހު ކުރެވޭ ނަމާދުކަމުގައި ވީތީއެވެ." والله أعلم
Advertisement
22 ނޮވެމްބަރ 2020