އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުމާއިމެދު މާޔޫސްކަމުގައިވާ ތަޤްވާވެރި ކޮންމެ އަންހެނަކަށް މިއީ އެންމެ އަގުހުރި ހަދިޔާއަށްވާނެ! އިން ޝާ ﷲ

ދިރިއުޅުމާއިމެދު މާޔޫސްކަމުގައިވާ ތަޤްވާވެރި ކޮންމެ އަންހެނަކަށް މިއީ އެންމެ އަގުހުރި ހަދިޔާއަށްވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

އޭނާއަކީ އުމުރުން 40 ފަހަނައަޅާފައިވާ އަންހެނެކެވެ. ޢިއްފަތްތެރިއެކެވެ. ކައިވެނީގެ ބޭރުން އެއްވެސް ފިރިހެނެއްގެ ގައިގައި ބީހިފައިހުރި އަންހެނެއް ނޫނެވެ. އަދި އޭނާގެ ހަށިގަނޑަކީ ހިލޭ ފިރިހެނުންނަށްޓަކައި ފުރިހަމައަށް ފަރުދާކުރެވިފައިވާ އަންހެނެކެވެ. 

އޭނާއަކީ ތަޤްވާވެރިއެކެވެ. އިސްލާމް ދީނުގައި ފުރިހަމައަށް ސާބިތުވާން ބޭނުން އަންހެނެކެވެ. އެކަމަސްޓަކައި ގަދައަޅާ މަސައްކަތްކުރާ އަންހެނެކެވެ. މަދުރެއަކު ނޫނީ ފަތިސްނަމާދު ވަގުތުގައި ފަތިސްނަމާދުކުރެއެވެ. އަދި ދަމުނަމާދުވެސް ކުރެއެވެ. 

އޭނާއަށް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ފިރިމީހާގެ ޢަމަލުތައްހުރިގޮތުން އެކުގައި ދިރިއުޅެވެން ނެތިގެން ކައިވެނި ރޫޅި ދެމީހުން ވަކިވާހިސާބަށްދިއައެވެ. ދެމަފިރިން ބައްދަލުނުވެ ގިނަދުވަސްތަކެއް ފާއިތުވިފަހުން ޝައިޠޯނާ އޭނާގެ ބޮލަށް ކަންތައްތަކެއް ވައްދަންފެށިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހެޔޮލަފާ މީހަކަށް ހުށަހެޅިއެވެ. 

"އަޅުގަނޑުގެ ޙަޔާތުގެ ބޮޑުބައި މިހާރު މިވަނީ ނިމިފައިކަމަށް ބެލެވިދާނެއެވެ. އަޅުގަނޑުގެ އިއްފަތްތެރިކަމާއި ތަޤްވާވެރިކަމުން މިލިބުނީ ކޮންއެއްޗެއްތޯއެވެ؟ އަޅުގަނޑާއި އިދިކޮޅަށް (ތަޤްވާވެރިނޫން، ޢިއްފަތްތެރިކަން ހިމާޔަތްނުކުރާ) އަންހެނުން އެއުޅެނީ މާއުފަލުގައެވެ." 

ޖަވާބުގައި އެމީހާ ބުންޏެވެ. "ކަނބުލޭގެއާއިއެވެ. ކަނުލޭގެއަކީ މިޒަމާނުގައި ވަރަށް މަދުވާނެ ފަދަ އަންހެނެކެވެ. ޢުމުރުގެ ބޮޑުބައި އަދި ޒުވާން އުމުރު ތިއަހޭދަކުރެވުނީ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމަށް އުންމީދުކުރެވެން އޮތްގޮތުގައެވެ. އެއީ ކަނބުލޭގެ ރީތިކަމާއި އަދި ކަނބުލޭގެއަށް ޝައުޤުވެރިވާ އެތައް ބައިވަރު ފިރިހެނުން އާދޭސްކުރުމުންވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރީތީއެވެ. މިއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ 

ދެން އޮތީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކެވެ. ތަޤްވާވެރިކަން އިތުރުވާވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާވަރަކަށް އެމީހަކަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ވަރުގަދަކުރައްވަވަތެވެ. ވީމާ ކަނބުލޭގެއަށް ކުރިމަތިވެފައިވާ ކަންކަމަކީ އެފަދަ އިމްތިޙާންތަކަކަށްވުން ވަރަށް ގާތެވެ. ކެތްތެރިވެލާށެވެ! ހީވެސް ނުކުރެވޭހައި ބޮޑެތި ނިޢްމަތްތައް މިންވަރުކުރައްވަވާނެތެވެ. ނުލިބިގެން މިހާރު ތިއަ ކަންބޮޑުވާ ހުރިހާ އުފާތަކެއް އެތައް ގުނައެއް އިތުރަށް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

ދެން ތިއަ ކުރިމަތިކުރި ސުވާލުގެ ޖަވާބުގައި ބުނަންއޮތީ ތިބާ ﷲ ގެ މަގުގައި ސާބިތުވުމުން ދެއްވެވިވަރު މަދީހެއްޔެވެ؟ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބުމަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ކިޔަމަންތެރިނުވެ އުރެދުނު މީހުން އެދުވަހު އުޅެންޖެހޭނީ ކޮން ޙާލެއްގައިކަން އެނގެނީ ކާކަށްހެއްޔެވެ؟ ދުނިޔޭގައި އުދުހިފައި އެދުވަހު ފިޔަނެތި ބަނޑުބިންމަތީގައި ހިހިލާޖެހި ނަރަކައަށް އެއްލައިލެވޭ އަޅަކަށްވާންޖެހިއްޖެނަމަ ތިއަބުނާ އެމީހުންގެ މިހާރުގެ އުފާވެރިކަން އެވީ ދުނިޔޭގައިމިވާ އަލިފާނަށްވުރެ 69 ގުނައަށް ހޫނުގަދަ ނަރަކައިގެ އަލިފާނުގައި ނޫންހެއްޔެވެ؟ 

ވީމާ ވިސްނާށެވެ! ތަޤްވާވެރިން އިމްތިޙާންކުރައްވަވާވަގުތު ޝައިޠޯނާ ތިއަފަދަ ވިސްނުންތައް ވިސްނައިދޭނެއެވެ. ﷲ ތަޢާލާގެ މަގުން ކައްސުވައިލަން ކުރވުނުހައި މަސައްކަތެއް ކުރާނެއެވެ. ހިތްވަރުކޮށް ސާބިތުވާށެވެ! މިހާރު ލިބިގެން ތިއަހުރި ދަރަޖަ ގެއްލިދާނެ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކުރާށެވެ! އިން ޝާ ﷲ އެއިރުން އެކަމުގެ ޖަޒާއަކީ ސުވަރުގޭގެ މަތީދަރަޖަ ކަމުގައި ލައްވަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް