އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަމަރަށް ނުވިސްނައި ބިރު ނުގަންނަ މީހަކަށް ބޮޑުމަރަށް ތައްޔާރެއް ނުވެވޭނެ!: މުފްތީ މެންކް

ކުޑަމަރަށް ނުވިސްނައި ބިރު ނުގަންނަ މީހަކަށް ބޮޑުމަރަށް ތައްޔާރެއް ނުވެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ކޮންމެ ދުވަހަކުވެސް ކޮންމެ މީހެއްގެ ނަފްސްވެސް ވުިއްކައިލެވެއެވެ. ސުވާލަކީ ވިއްކައިލެވެނީ ކާކަށް ހެއްޔެވެ؟ 

ކޮންމެ ރެއަކު ނިދަމުއެވެ. ނިދުމަކީ ކުޑަވަރެއްގެ މަރެކެވެ. ދެ މަރުހިއްޕަވާކަމަށް ވަޙީބަސްފުޅުގެ ތަފްސީރުގައި އޮންނަނީ އެހެންވެގެންނެވެ. އެމީހެއްގެ ނިދީގައި އަޖަލު ހަމަވެ ފުރާނަ ނުހިއްޕަވާ މީހުންގެ ފުރާނަތައް އެމީހެއްގެ ހަށިގަނޑަށް އަލުން ރުޖޫޢަކުރައްވަވާ މީހުން ނިދީން ހޭލައެވެ. 

ނިދީން ހޭލެވުމުން ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސް ވިއްކައިލައެވެ. ކާކަށް ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާގެ މަގުގައެވެ. ނުވަތަ ޝައިޠޯނާއަށެވެ. ނިދީން ހޭލެވުމުން އެކަމަށް ޝުކުރުވެރިވެ ﷲ ތަޢާލާގެ މަގުގައި ދުވަސް ހޭދަކުރި މީހާ އޭނާގެ ނަފްސް އެވިއްކައިލީ ﷲ ތަޢާލާގެ މަގުގައެވެ. ނޫންނަމަ، ދުވަސް ހޭދަކުރީ ޝައިޠޯނާގެ މަގުގައިކަމަސްވާނަމަ އެމީހާގެ ނަފްސް އެވިއްކައިލީ ޝައިޠޯނާއަށެވެ. 

މިއީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ވިޔަފާރިއެކެވެ. ކިތަންމެ ބޮޑު މަންފާއެއްވެސް ހޯދެން އޮތް ވިޔަފާރިއެކެވެ. އަދި ކިތަންމެ ބޮޑު ގެއްލުމެއްގެ ތެރެއަށްވެސް ވެއްޓިގެން ހިނގައިދާނެ ވިޔަފާރިއެކެވެ. 

މީސްތަކުންނޭވެ! ކުޑަމަރުގައި (ނިދީގައި) ތިމާގެ ފުރާނަ ނުހިއްޕަވައި އަލުން ދިރުން ދެއްވަވަނީ ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފުރުޞަތު ދެއްވެވުމަށެވެ. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ތައުބާވެ ހެޔޮ ޢަމަލުތައްކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށްޓަކައެވެ. އެކަން ނުކުރެވި ނަގައިލެވޭ ކޮންމެ ވަގުތަކީ އަމިއްލަ ނަފްސަށް ތިމާ އަމިއްލައަށް ދެވޭނެ އެންމެ ބޮޑުއަނިޔާއެވެ. 

ކުޑަމަރުން މިންޖުކުރައްވަވައި އިތުރު ދުވަހަކަށް ދިރުން ދެއްވެވިކަމަށްޓަކައި ޝުކުރުވެރިވުމަކީ ފަތިސް ނަމާދުން ދުވަސްފެށުމެވެ. އަދި ރޭގަނޑު ނިދަންވަންދެން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރުމެވެ. ވީމާ ކޮންމެ ދުވަހެއް ނިމުމުން އެދުވަހު ތިމާގެ ނަފްސް ވިއްކައިލެވުނީ ކާކަށް ކަމާއިމެދު ވިސްނައިލާށެވެ! 

ދިރިހުރިނަމަ ކޮންމެ ރެއަކީވެސް ކުޑަމަރާއި ކުރިމަތިލާންޖެހޭނެ ރެއެކެވެ. ކޮންމެ ރެއަކު ބައްދަލުކުރަންޖެހޭ ކުޑަމަރާއިމެދު ނުވިސްނާ އަދި ބިރުވެތިނުވާ މީހަކަށް ބޮޑުމަރަށް ތައްޔާރެއް ނުވެވޭނެއެވެ. ކުޑަމަރުން ދިރުން ދެއްވެވުމުން ބޮޑުމަރު ކޮންމެ ވަގުތަކުވެސް ވެދާނެކަމަށް ބިރުވެތި ނުވެވޭ މީހަކަށް އާޚިރަތް ލިބިގަތުމަކީ ކުރެވެން އޮތްކަމެއް ނޫނެވެ. 

"ނަފްސްތައް މަރުވާހިނދު، އެ ނަފްސްތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާ ވަގުތުގައި ނިދާ މީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވަވައިފި މީހެއްގެ ފުރާނަ އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫން މީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަވަތެވެ. ހަމަކަށަވަރުން އެކަންތަކުގައި ފިކުރުކުރާ ބައަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." (އައްޒުމަރި: 42) 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް