އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
މީހަކު ކައިވެނިނުކޮށް ހުރުމުން ނުވަތަ ދެމަފިރިއަކަށް ދަރިން ލިބުން ލަސްވުން ފަދަ ކަންކަމާއި ގުޅިގެން އެއްވެސް މީހަކާއި ސުވާލުނުކުރާށެވެ. އެއީ އެމީހުންގެ ޒާތީ ކަންކަމެވެ.
ކައިވެނި ނުކޮށް ހުރީ އޭނާ ބޭނުންވާފަދަ ތަޤްވާވެރި ބައިވެރިއަކު އަދި ނުލިބޭތީކަމަށްވެސްވެދާނެއެވެ. ނުވަތަ އެކަނި ހުންނަން ބޭނުންވާ ސަބަބެއްވެސް އޮވެދާނެއެވެ. އެކަން އެމީހަކަށް ދޫކޮށްލާށެވެ!
ހަމައެފަދައިން ދެމަފިރިއަކަށް ދަރިއަކު އަދި ނުލިބެނީ ޞިއްހީ މައްސަލައަކުން ނުވަތަ އެދެމަފިރިން އަދި ދަރިއަކު ހޯދަން ބޭނުންނުވާތީކަމަށްވެސް ވެދާނެއެވެ. ޞިއްޙަތު ހަމަ ރަނގަޅުކަމަށާއި ދަރިން ހޯދަން މަސައްކަތްކުރުމުން ވެސް އަދި ﷲ ތަޢާލާ ނުދެއްވަވަނީ ކަމަށްވެސް ވެދާނެއެވެ.
މިފަދަ ކޮންމެ ކަމަކީވެސް މީސްމީހުންގެ ޒާތީ ކަންކަމެވެ. އެއްވެސް މީހެއްގެ ޒާތީ ކަންކަމުގަ ސުވާލުކުރާނަމަ އެމީހަކު ކަންބޮޑުވާނެއެވެ. ދެރަވެސްވެދާނެއެވެ. ހިތުގަވެސް ޖެހޭނެއެވެ. މިސާލަކަށް އެމީހަކު ޙާޞިލުކުރަން ބޭނުންވި ނަމަވެސް އެކަން ﷲ ތަޢާލާ ހިންމަވައި ނުދެއްވަވާތީ އެކަމުގެ ކަންބޮޑުވުމުގައި ހުންނަ މީހަކާއި އެފަދަ ކަމެއްގައި ސުވާލުކުރެވިއްޖެނަމަ ވަރަށް ހިތި އަސަރުތަކެއްވެސް ކޮށްފާނެއެވެ. އެއިރުން އެމީހަކަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ.
މީސްމީހުންނާއި ކަންކަމުގައި ސުވާލުކުރަންވާނީ އެމީހެއްގެ ހިތުގައި ނުޖެހޭނެ ގޮތް ބަލައިގެންނެވެ. އެކަމުން އެމީހަކަށް އެއްވެސް ތަކްލީފެއް ނުލިބޭނެ ގޮތަށެވެ. ވީމާ ސުވާލުކޮށް ހެދުމުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
12 ޖެނުއަރީ 2021