އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު
ދުނިޔެއަށް އާދެވުމުން ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ޔަޤީންކުރެވޭނެ ކަމަކީ މަރުވާނެ ކަމެވެ. ވީމާ މުހިންމީ މަރުވާނެ ދުވަހާއިމެދު ވިސްނުމެއް ނޫނެވެ. މަރުވާނެ ވަޤުތަށް ތައްޔާރުވެހުރުމެވެ.
ދުނިޔޭގެ ތާރީޚަށް ވިސްނުމުން އެނގެނީ ދުނިޔޭގައި އުޅުނު އެންމެ ބޮޑެތި މުއްސަނދިންނާއި އެންމެ ބާރުގަދަ ވެރިންތައް މަރުވެގޮސްފައިވާ ކަމެވެ. އަދި އެއިގެ ތެރެއިން ގިނަ ބައަކު މަރުވެ ގޮސްފައިވަނީ މަރަށް ތައްޔާރުނުވެވި އުޅެނިކޮށްކަމެވެ. ޖާހިލުކަންމަތީގައިކަމެވެ. ވީމާ ދުނިޔޭގެ ތާރީޚަށް ވިސްނާ މީހާއަށްވެސް ފުރަތަމަކުރަން އޮތް ކަމަކީ މަރަށް ތައްޔާރުވުމެވެ.
މަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފުރަތަމަކަމަކީ ގިނަގިނައިން ތައުބާވުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދަންނަވަމުން ގެންދިއުމެވެ. ފާފަތަކުން ޠޯހިރުވެގެންވާ ނަފްސެއްގެ ގޮތުގައި ﷲ ތަޢާލާ ގެ ޙަޟްރަތަށް ދާން މަސައްކަތްކުރުމެވެ.
އެކަން ކުރެވޭނީ ގިނަގިނައިން ތައުބާވެގެންނެވެ. އެނގިހުރެ ކުރެވޭ ފާފަތަކަށް އަސްތަޣްފާރުކުރާ ފަދައިން ނުއެނގިހުރެ ކުރެވޭ ފާފަތަކަށްވެސް އަސްތަޣްފާރުކުރަންވާނެއެވެ. އެހެނީ އަހަރެމެންނަށް ނުއެނގިވެސް އެތައް ބައިވަރު ފާފަތަކެއް ކުރެވެމުންދާތީއެވެ.
ދެވަނަ ކަމަކީ ހަށީގަޑާއި ނަފްސް ޠޯހިރުކުރަން މަސައްކަތްކުރުމެވެ. ގިނަ ބައަކަށް ސަމާލުކަން ދެވެނީ ހަށިގަނޑު ރީތި ކުރުމަށެވެ. ހަށިގަނޑުގެ ތާހިރުކަމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް އެންމެ މުހިންމީ ޢަމަލުތައް ރީތިކުރުމެވެ. މީސްތަކުންނާއި ކުރާ މުޢާމަލާތުތަކެވެ. ﷲ ތަޢާލާ އާއި ބަހައްޓަންޖެހޭ ގުޅުމެވެ.
މަރުވެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ތިބާގެ ފުރާނަ އުފުއްލޭހިނދު މުހިންމީ ދުނިޔޭގައި ތަނަވަސް، ބާރުހުރި މީހެއްގެ ގޮތުގައި އުޅެވިފައި އޮތުމެއް ނޫނެވެ. ވީހައި ގިނަ ހެޔޮ ޢަމަލުތައް ލިޔެވިފައިވާ ފަތެއް ހިފައިގެން ދެވުމެވެ. ހެޔޮ ޢަމަލުތަކާއި އަސްތަޣްފާރުކުރުމުން ފުރާލެވިފައިވާ ފަތެއް ހިފައިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދެވޭ މީހާ ވާނީ އެންމެ އުފާވެރި މީހަކު ކަމުގައެވެ.
ވީމާ މަރަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން އަސްތަޣްފާރުކުރުމެވެ. ފާފަ ފުއްސަވައިދެއްވެވުން އެދި ދެންނެވުމެވެ. އެއާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުކުރުމެވެ.
މިކަންކަމާއިއެކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އެހެން މީހަކަށް ގެއްލުމެއް އަނިޔާއެއް ނުދިނުމެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ ވަގުތުން މާފަށް އެދެން ޖެހޭނެއެވެ. އެހެނީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ ﷲ ތަޢާލާ އެމީހަކަށް މާފުކުރައްވަވާނީ އެމީހާ މާފުކުރުމުން ކަމުގައިވާތީއެވެ.
މިކަންކަން ޙާޞިލުކުރަން އެދޭމީހާ ﷲ ތަޢާލާއަށް ބިރުވެތިވާން މަސައްކަތްކުރަންވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން އޮތް އެންމެ ފަސޭހަ އެއް މަގަކީ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްޢާނުން މިންވަރެއް މާނައާއިއެކު ކިޔެވުމެވެ. އެކަން ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
23 ފެބްރުއަރީ 2021