އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު
މިހާރަކަށް އައިސް ފެންނަމުން މިދަނީ އިސްލާމް ދީނުގައި ކުރުން ހުއްދަ ވެގެން ނުވާ ކޮންމެ ކަމެއް ކުރަން ބޭނުންވުމުން ޙުއްޖަތަކަށް "ޒުރޫރީ ޙާލަތު" ނުވަތަ "ޙާލަތު ޒުރޫރީ" ހަދަމުން ގެންދާ ތަނެވެ.
މިސާލަކަށް ރިބާ ހިމެނޭ ލޯނެއް ނަގަން ބޭނުންވި ނަމަވެސް ބުނަނީ "ޒުރޫރީ ޙާލަތު" މެދުވެރިވީކަމަށެވެ.
އެއްވެސް ބާވަތެއްގެ ސިހުރެއް ހެދުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. މީހަކު ތިމާއަށް ހަދާފައިވާ ސިހުރެއް ބާޠިލުކުރަން ނަމަވެސްމެއެވެ. ނަމަވެސް ތިމާ ސިހުރެއް ހަދަން ނުވަތަ ހައްދުވަން ބޭނުންވެއްޖެ ނަމަ ބުނަނީ "ޒުރޫރީ ޙާލަތު" ކަމަށެވެ.
މިފަދަ އެތައް ކަމެއް ޢާންމުވެފައިވާއިރު އެންމެ ފަހުން "ޒުރޫރީ ޙާލަތު" އިތުރުކޮށްގެން މިއުޅެނީ ރަސޫލް ﷺ ގެ ސުންނަތާއި އެއްގޮތަށް ނަމާދުގެ ސަފު ހެދުމަށެވެ. ނަމަވެސް ނަމާދުގެ ސަފުތައް ގައިދުރުކޮށް ހެދޭނެ އެއްވެސް ޙާލަތު ޒުރޫރީއެއް ނުވެއެވެ. ކިތަންމެ ގިނަ ބައަކު އެކަމަށް ވަކާލާތުކުރިނަމަވެސްމެއެވެ.
ހަނގުރާމައިގެ މައިދާނުގައި ހަނގުރާމައިގެ ވަގުތުތަކުގައިވެސް ރަސޫލް ސަފުތައް (އެންމެ ސަފަކަށް ނަމާދުކުރެއްވެވިނަމަވެސް) ގައިދުރުކޮށް ކުރައްވަވާފައިނުވާކަން ބައަކަށް ނުއެނގުމަކީ އެކަމުގެ ޙަޤީޤަތަށް ބަދަލު އަންނާނެ ކަމެއް ނޫނެވެ.
މިހައިތަނަށް ބައެއް މީހުން ބުނެއުޅެއެވެ. "ސައުދީން ކިޔަވައިގެން އަންނަ ޢިލްމްވެރިން ހުރިހާ ސައުދިޢަރަބިޔާ ޢާއި އެއްގޮތް ކުރަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ރާއްޖޭގައި ބަލަންޖެހޭނީ ރާއްޖޭގެ ޙާލަތަށެވެ." އެގޮތަށް ބުނެއުޅުނު ބައެއް މީހުންވެސް މިއަދު އުޅެނީ ނަމާދަށް ސަފުހެދުން ސައުދިޢަރަބިޔާ އާއި އެއްގޮތް ނުކުރެވިގެންނެވެ. މިވަނީ ކިހިނަކުންހެއްޔެވެ؟
އައްޑޫގެ ގިނަ ރައްޔިތުން ބުނަނީ މީގެކުރިންވެސް އޮންލައިންކޮށް ފިހާރަތަކުން ވިޔަފާރިކުރިކަމަށެވެ. ގުޅައިލުމުން ތަކެތި ޑެލިވަރީކޮށްދިން ކަމަށެވެ. ރައްޔިތުން ތިބީ ބޭނުންތައް ފުއްދައިގެން ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނަމާދެއް ނުކުރެވޭނެތާއެވެ! ފިހާރަތަކަށް ގޮސް ވިޔަފާރިކުރެވެއެވެ. ނަމަވެސް މިސްކިތްތައް ބަންދެވެ.
މާލެ ސިޓީގައި ހަފްލާތައ ބޭއްވެއެވެ. އެއްވެ އުޅެވެއެވެ. ރެސްޓޯރަންޓްތަކަށް ބޭނުންވަރަކަށް ދެވެއެވެ. މަގުމަތީގައި ބޭނުންވަރަކަށް އުޅެވެއެވެ. ގައިގޯޅިވެއުލެވެއެވެ. ނަމަވެސް މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ނުހުއްޓުވިގެން ތެޅިފޮޅެނީއެވެ.
މިފަދަ ހުރިހާ ކަމެއްވެސް ގުޅުވަނީ ޒުރޫރީ ހަމަ ޒުރޫރީ ޙާލަތާއިއެވެ. އެހެންކަމުން މިފަދަ ހުރިހާ ކަންކަން ޒުރޫރީ ޙާލަތާއި ގުޅުވަމުން ގެންދާއިރު މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. ޒުރޫރީ ޙާލަތަކީ އިސްލާމް ދީނުގެ ކަންކަމަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ ބުއްދިއަށް ޤަބޫލުކުރެވޭނެ ގޮތެއް ނޫނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
23 ފެބްރުއަރީ 2021